ޚަބަރު

އީމާންގެ ހާލު ވަރަށް ކްރިޓިކަލް، އޮތީ ވެންޓިލޭޓަރުގައި: އޭޑީކޭ

އަލީ ޔާމިން

ހުޅުމާލޭގައި ސައިކަލެއް ކަހާލައިގެން ހިނގި އެކްސިޑެންޓުގައި އަނިޔާވި ވިލިމާލޭގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރު އައިމިނަތު އީމާންގެ ހާލު ކްރިޓިކަލް ކަމަށް އޭނާއަށް ފަރުވާދެމުން އަންނަ އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ.

ފުލުހުން މިއަދު ބުނީ، ހުޅުމާލޭ ކުރެދިމާ ހިނގުމުގައި ސައިކަލެއްގައި ދުއްވާފައި ދިޔަ މީހަކު ވެއްޓި އަނިޔާވިކަމުގެ މައުލޫމާތު ހަވީރު 4:25 ގައި ލިބިފައިވާ ކަމަށެވެ.

އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް "ވަން" އަށް މިރޭ ވިދާޅުވީ އީމާން، ހޮސްޕިޓަލަށް ގެނައިއިރުވެސް ވަރަށް ކްރިޓިކަލް ކަމަށާއި މިހާރުވެސް އޭނާގެ ހާލު ވަރަށް ކްރިޓިކަލް ކަމަށެވެ. އަދި ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށްވެސް ވިދާޅުވިއެވެ،

"ވަން" އަށް އެނގިފައިވާ ގޮތުގައި، އީމާން އެކްސިޑެންޓުވީ، ސައިކަލު ދުއްވާފައިދަނިކޮށް ބަންޕަރެއްގެ މަތިން ކަހާލައިގެންނެވެ. އެ އެކްސިޑެންޓުގައި އީމާންގެ ބޮލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

މައުލޫމާތު އެނގޭ ފަރާތަކުން "ވަން" އަށް ބުނީ އީމާންގެ ސިކުނޑިއަށް ލޭއެޅިފައިވާ ކަމަށާއި ވެންޓިލޭޓަރުގައި އީމާން ބާއްވާފައި އޮތީ ސްޓޭބަލް ނުވާތީ ކަމަށެވެ.