ހުޅުމާލޭގައި ސައިކަލެއް ކަހާލައިގެން ހިނގި އެކްސިޑެންޓެއްގައި އަންހެނަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.
ފުލުހުން މިއަދު ބުނީ ހުޅުމާލޭ ކުރެދިމާ ހިނގުމުގައި ސައިކަލެއްގައި ދުއްވާފައި ދިޔަ މީހަކު ވެއްޓި އަނިޔާވިކަމުގެ މައުލޫމާތު ހަވީރު 4:25 ގައި ލިބިފައިވާ ކަމަށެވެ. އަނިޔާވެފައި ވަނީ އަންހެނަކަށެވެ.
ފުލުހުން ބުނީ އަނިޔާވި އަންހެން މީހާއަށް މިހާރު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ. ނަމަވެސް އެމީހާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
އެނގިފައިވާ ގޮތުގައި އެކްސިޑެންޓް ހިނގާފައިވަނީ ސައިކަލުގައި ދުއްވާފައި ދަނިކޮށް ބަންޕަރެއް މަތިން ކަހާލައިގެންނެވެ.
އެކްސިޑެންޓުގައި އަނިޔާވި މީހާގެ ވީޑިއޯއެއް މިހާރު ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އެ ވީޑިއޯގައި ފެންނަ ގޮތުން އެ އަންހެން މީހާ އޮތީ ޕޭމަންޓް ކައިރީގައި ބިންމަތީގައެވެ. އަދި މީހާގެ ބޮލާ ދިމާލު ކައިރީގައި ވަރަށް ގިނަ އަދަދެއްގެ ލޭ ހުއްޓެވެ. ނަމަވެސް އެމީހާއަށް ލިބިފައިވާ އަނިޔާތަކެއް ސާފެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު