ރާއްޖެ ތަރައްގީގެ ހަލުވި ސްޕީޑްގައި އަންނަ އިރު، ސްޓެލްކޯ ދެން ވާންވީ ރާއްޖޭގެ އިއާދަކުރަނިވި ހަކަތައިގެ ހިދްމަތް ދޭ ކުންފުންޏަކަށް ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
"ސްޓެލްކޯގެ ޕަވާހައުސް މެނޭޖާޒް ޑިވެލޮޕްމަންޓް ޕްރޮގްރާމް 2022" އިފްތިތާހު ކުރުމަށް ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މިނިސްޓަރު ޝައުނާ ވިދާޅުވީ، އިއާދަކުރަނިވި ހަކަތައިގެ ހިދުމަތް ދިނުމުގެ ގާބިލުކަމާއި ހުނަރާއި ޓެކްނިކަލީ ގޮތުން އެކަން ކުރުމަށް ބޭނުންވާ ކަންކަން ކުރުމުގެ ގާބިލުކަންވެސް ސްޓެލްކޯގައި އެބަހުރި ކަމަށެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާކަން ފާހަގަކުރައްވައި މިނިސްޓަރު ޝައުނާ ވިދާޅުވީ، ސަރުކާރުން އަހަރެއްގެ މައްޗަށް ތެޔޮ އެެތެރެކުރުމަށް ގާތްގަނޑަކަށް ހަތަރު ސަތޭކަ މިލިޔަން ޑޮލަރު ހޭދަކުރާ ކަމަށެވެ.
".. ތެލަށް އަހަރެމެން ކުރާ ހަރަދު އިތުރުވާނަމަ އެއީ، ތަރައްގީގެ އެހެން ކޮންމެވެސް ކަމަކަށް ހޭދަކުރަން ހުރި ފާއިސާ. އެ ފާއިސާ ހޭދަކުރަން މި ޖެހެނީ ތެޔޮ ގަންނަން. ރާއްޖެއަކީ އިއާދަކުރަނިވި ހަކަތަ އެތައް ގުނައަކަށް ބޭނުންކުރެވެން އޮތް ގައުމެއް،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ޝައުނާ ވިދާޅުވީ، ގާތްގަނޑަކަށް ދުވާލަކު 12 ގަޑިއިރު އިރުގެ އަލި ރާއްޖެއަށް ލިބޭ ކަމަށާއި އިރުގެ އަލިން ހަކަތަ ލިބޭ މިންވަރާއި އަގު އެއް ދުވަހުން އަނެއް ދުވަހަށް ކުޑަވަމުން އަންނަ ކަމަށެވެ.

އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ކުރަމުން އަންނަ މަސައްކަތުގައި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވައި މިނިސްޓަރު ޝައުނާ ވިދާޅުވީ ކޮންމެ ކަމެއްވެސް ހާސިލުވާނީ އެކަމެއް ކުރަން ފެށުމުން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ 2030 ވަނަ އަހަރު "ނެޓް ޒީރޯ" ޓާގެޓް ހާސިލުކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށާއި މި ޓާގެޓް ހާސިލުކުރުމަށް ސްޓެލްކޯގެ ހިއްސާ ސަރުކާރުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. އެގޮތުން ރަށްރަށުގައި ކުރަންޖެހޭ ކަންތައްތައް ކުރުމަށް ސަރުކާރުން އިންވެސްޓްވެސް ކޮށްދޭން ތައްޔާރަށް އޮތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ސަރުކާރުގެ "ނެޓް ޒީރޯ" ޓާގެޓް ހާސިލުކުރުމަށް ކުރަމުން އަންނަ މަސައްކަތުގައި އާންމު ރައްޔިތުންނަށް އެންމެ ފަސޭހައިން، އަވަހަށް ކުރެވޭނެ ގޮތަކީ ގޭގޭގެ ފުރާޅުތަކުގައި "ހޯމް ސޯލާ" ގާއިމުކުރުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު