އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ރޭ ކުޅުނު މެޗުގައި އެވަޓަން ކައިރީ ހަނި މޮޅެއް ހޯދައިފިއެވެ.
އެވަޓަންގެ ދަނޑުގައި ރޭ ކުޅުނު މެޗުން ސިޓީ މޮޅުވީ 1-0ގެ ނަތީޖާއަކުންނެވެ. މެޗު އެއްވަރު ވެގެން ނިމެން ދަނިކޮށް، ފަހު 10 މިނެޓުގެ ތެރޭގައި ސިޓީއަށް ގޯލު ޖަހައިދިނީ ފިލް ފޮޑެންއެވެ. ފޮޑެންގެ އެ ގޯލާއެކު މެޗުން ތިން ޕޮއިންޓް ޔަގީންކޮށް، ސިޓީ ވަނީ އަނެއްކާވެސް ތާވަލުގެ އެއްވަނައިގައި ފަރަގު ބޮޑުކޮށްފައެވެ.
ސިޓީން މިހާތަނަށް ކުޅުނު 27 މެޗުން އެޓީމަށް 66 ޕޮއިންޓު ލިބިފައިވާ އިރު، ދެވަނައިގައި ވިއްދާފައި އޮތް ލިވަޕޫލުން ވަނީ 26 މެޗުން 60 ޕޮއިންޓް ހަމަކޮށްފައެވެ. ލީގު ތައްޓަށް ސިޓީއާ ވާދަކޮށްލެވެން އޮތް ހަމައެކަނި ލިވަޕޫލް ކަމަށްވާ އިރު، މިރޭގެ މޮޅަކީ ސިޓީއަށް މުހިންމު މޮޅެކެވެ. އަންނަ ހަފުތާގައި ސިޓީން މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ލީގުގައި ނުކުންނަ އިރު، ލިވަޕޫލާ ދެކޮޅަށްވެސް އަދި މެޗެއް އެބަ އޮތެވެ.
ޗެލްސީއަށް ކުރިން ކޯޗުކަން ކޮށްދިން ފްރޭންކް ލެމްޕާޑުގެ ކޯޗު ކަމުގައި ރޭ ސިޓީއާ ދެކޮޅަށް ނުކުތް އެވަޓަންގެ ފަރާތުން ހިތްވަރު ގަދަ ކުޅުމެއް ފެނުނުކަން ފާހަގަވިއެވެ. ފަހަތަށް ޖެހި ސިޓީގެ އެޓޭކް ހުއްޓުވަން ޑިފެންޑަރުން އަތުރާލައިގެން ތިބުމުގެ ބަދަލުގައި ސިޓީގެ ޑިފެންސަށްވެސް ޕްރެސްކޮށް އެވަޓަންއިން ވަނީ މެޗުގައި ކޮންމެވެސް ވަރަކަށް ފުރުސަތު ތަނަވަސް ކޮށްފައެވެ.
ފުރަތަމަ ހާފުގައި ސިޓީގެ ފަރާތުންވެސް ރަނގަޅު އެޓޭކެއް ފެނިފައިނުވާ އިރު، އެވަޓަންގެ ބްރެޒިލް ފޯވަޑް ރިޗާލްސަން ވަނީ ގިނަ ބޯޅަތަކަށް ކުރިއަށް ދުވެ، ސިޓީގެ ޑިފެންސަށް އުނދަގޫތަކެއް ކުރިމަތިކުރުވައިފައެވެ.
ދެވަނަ ހާފަށް ނުކުމެ ސިޓީން އެޓޭކް ރަނގަޅުކުރިއެވެ. ކެވިން ޑިބްރޭނާ ތިރީ ކަނަށް ޖެހި ހަމަލާއެއް އެވަޓަންގެ އިންގްލެންޑް ގޯލްކީޕަރު ޖޯޑަން ޕިކްފޯޑު މަތަކުރި އިރު، ރީބައުންސްގައި ބަނާޑޯ ސިލްވާ ޖެހި ބޯޅަވެސް މަތަކުރީ ޕިކްފޯޑެވެ. އޭގެ އިތުރުން ފިލް ފޮޑެންގެ ބާރު ހަމަލާއެއްވެސް ޕިކް ފޯޑު މަތަކުރިއެވެ.
މެޗުގެ ހަމައެކަނި ގޯލު 82 ވަނަ މިނެޓުގައި ފޮޑަން ޖެހި އިރު، އެ ގޯލަކީ އެވަޓަން ޑިފެންސަށް ހެދުނު ބޮޑު ގޯހަކުން ޖެހި ގޯލެކެވެ.
ގޯލާއެކު ސިޓީވެސް ޑިފެންސަށް ވެއްޓުނެވެ. ފަހަތަށް ޖެހި ކުޅެމުން ގޮސް، މެޗުގައި ދެއްްކި އިތުރު ވަގުތުގައި ސިޓީއަށް ޕްރެޝަރުވެސް ވިއެވެ. އެވަޓަންއިން ސިޓީ އޭރިއާ ތެރޭގައި ގިނަ ވަގުތުތަކެއް ވަންދެން ބޯޅަ ގެންގުޅެފައިވާ އިރު، އަމިއްލަ އޭރިއާ ތެރެއިން ރޮޑްރީ އަތުގައި ޖެހި އެވަޓަންއިން ވަރަށް ބޮޑަށް ޕެނަލްޓީއަކަށް އެޕީލްވެސް ކުރިއެވެ. އެ ބޯޅަ ސާފުކޮށް ރޮޑްރީ އަތުގައި ޖެހުނު ނަމަވެސް ރެފްރީ ނިންމީ ޕެނަލްޓީއަށް ނުދި ނުދިނުމަށެވެ.
ވީއޭއާރް ބަލައި ރެފްރީ ޕައުލް ޓީނީ ޕެނަލްޓީ ނުދޭން ނިންމި ނަމަވެސް މީސް މީޑއާގައި އެކަމަށް ދަނީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. ކުރީގެ ކުޅުންތެރިންނާއި އެނަލިސްޓުންވެސް އެ ނިންމުމަށް ފާޑު ކިޔައިފައިވެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު