ރަޝިއާގެ ހަމަލާތަކުން ގައުމު ދިފާއުކުރެއްވުމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ދައްކަވަމުން ގެންދަވާ ހިތްވަރަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތައުރީފު ކުރައްވައިފިއެވެ.

ރައީސް ނަޝީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އުދުވާނީ ހަމަލާތަކާ ދެކޮޅަށް ޒެލެންސް ދައްކަވަމުންގެންދަވާ ހިތްވަރަކީ އަޖައިބުކުރުވަނިވި ކަމެއް ކަމަށެވެ.

ރަޝިއާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ޔޫކްރެއިނާ އެއްކޮޅަށް ނަޝީދު ތާއީދުކުރައްވައި ވާހަކަދެއްކެވި ނަމަވެސް ރާއްޖޭގެ ސަރުކާރުން، ރަޝިއާ-ޔޫކްރެއިން މައްސަލައިގައި އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ނަޝީދު ޔޫކްރެއިނަށް ކޮޅަށް ބުރަވެވަޑައިގެން އެމަނިކުފާނުގެ ޝުއޫރު ފާޅުކުރެއްވިއިރު، ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ. ގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވަނީ ޔޫކްރެއިނަށް ހަމަލާދިނުން ހުއްޓާލުމަށް ރަޝިއާއަށް ގޮވާލައްވައިފައެވެ.

ޒެލެންސްކީ މިވަގުތު ހުންނެވީ ހަނގުރާމަ އެންމެ ގަދައަށް ހިނގަމުންދާ ޔޫކްރެއިންގެ ކެޕިޓަލް ސިޓީ ކިއެވްގައެވެ. ރަޝިއާގެ ފައުޖުތަކުން ގެންދަނީ ކިއެވް ހިފުމަށް ވަރަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އެގޮތުން މިއަދު ވަނީ ރޮކެޓު ހަމަލާތަކެއް ވެސް ދީފައެވެ.

ރަޝިއާއިން ޔުކްރޭނަށް ހަމަލާ ދޭން ތައްޔާރުވި ހިސާބުން ފެށިގެން ޒެލެންސްކީ ގެންދަވަނީ ޔުކްރޭންގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ހިތްވަރު ދެއްވަމުންނެވެ. ސޯޝަލްމީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް ކޮންމެ ދުވަހަކު ވެސް ދުނިޔެ އަށް ތަފާތު މެސެޖުތައް އޭނާ ގެންދަވަނީ ދެއްވަމުންނެވެ.

ޔުކްރޭންގެ މިނިވަންކަމާއި އިސްތިގުލާލް ހިމާޔަތް ކުރުމަށްޓަކައި ރަޝިއާގެ ކުރިމަތީގައި ފަސްޖެހިވަޑައިގެން އެންމެ ތަންފުކެއް ވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެ ޒެލެންސްކީ ގެންދަވަނީ ސާބިތުކަން ދައްކަވަމުންނެވެ. ޒެލެންސްކީގެ އެ ހިތްވަރަށް ވަރަށް ގިނަ ބަޔަކު ދަނީ ތައުރީފު ކުރަމުންނެވެ.