ދުނިޔެ

އަދުގެ ދުނިޔެ: ރަޝިޔާގެ ސިޔާސަތާއި އަސްކަރީ އޮޕަރޭޝަނާމެދު ޓްރަމްޕުގެ ވިސްނުންފުޅަކީ ކޮބާ؟

އިމާދު ލަތީފު

އެމެރިކާގެ އެންމެ ފަހުގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު އޭރުގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެކޮޅަށް ޑިމޮކްރެޓުންނާއި މިހާރުގެ ރައީސް ޖޯ ބައިޑެން އެންމެ ގިނައިން ބޭނުން ކުރެއްވި ކެމްޕޭނު އުކުޅަކީ ރަޝިޔާގެ ރައީސް ލަޑީމިއަރ ޕުޓިންގެ އެޖެންޓެެއްގެ ގޮތުގައި ޓްރަމްޕު ސިފަ ކުރެއްވުމެވެ. ރަޝިޔާއިން އަންގާހައި ކަމެއް ކުރައްވާން ވައިޓްހައުސްގައި ހުންނަވާ ރޫސީ އެޖެންޓެއް ކަމަށް ތުހުމަތު ކުރެެއްވުމެވެ. އަދި ޔުކްރޭނަށް އެހީވުމުގައި ޝަރުތުތަކެއް ކުރިމަތި ކުރައްވައި ޔުކްރޭނަށް ގެއްލުންވާ ޒާތުގެ ސިޔާސަތެއް ޓްރަމްޕުގެ ސަރުކާރުން ގެންގުޅޭ ކަމަށް ތުހުމަތު ކުރެއްވުމެވެ. ތެދެކެވެ. ޓްރަމްޕަކީ އެމެރިކާގެ ރައީސުންގެ ތެރެއިން ރަޝިޔާއާ އަދާވާތްތެރިވުން ކުޑަ ސިޔާސަތެެއް ގެންގުޅުއްވި ބޭފުޅެކެވެ. ރަޝިޔާއާ ގާތްކަން ބެހެއްޓެވި ބޭފުޅެކެވެ.

މިކަންކަމުގެ އިތުރަށް ޓްރަމްޕަކީ ރަޝިޔާގެ ރައީސް ޕުޓިންއަށް ފާޑުވިދާޅުވާން ފާޅުގައި އިންކާރުވެސް ކުރެއްވި ބޭފުޅެކެވެ. އެހެންވީމާ ޔުކްރޭނުގެ މައްސަލާގައި ރަޝިޔާއިން މިހާރު އަމަލުކުރަމުންދާ ގޮތާމެދު ޓްރަމްޕުގެ ވިސްނުންފުޅަކީ ކޮބައިތޯ ދެނެގަތުމަށް ވަރަށް ގިނަ ބަޔަކު ބޭނުންވެއެވެ. ޔުކްރޭނުގެ އިރުމަތީގައިވާ ދެ ސަރަހައްދެއްގައި ހަގުރާމަވެރިން އިއުލާންކޮށްފައިވާ ދެ ދައުލަތް ގަބޫލުކޮށް އެ ސަރަހައްދުހައި ސުލްހަ ބެލެހެއްޓުމަށް ރޫސީ ސިފައިން ފޮނުވަން ރައީސް ޕުޓިން ނިންމެވި ނިންމެވުމާމެދު ޓްރަމްޕުގެ ޚިޔާލަކީ ކޮބައިކަން ދެނެގަތުމަށް ވެސް ވަރަށް ގިނަ ބަޔަކު ބޭނުންވެއެވެ. އެހާ ބޮޑަށް ޓްރަމްޕުގެ ރައުޔު ދެނެގަންނަން ބޭނުންވަނީ އެމެރިކާގައި ދެން އޮންނަ ރިޔާސީ އިންތިޚާބެއްގައި ޓްރަމްޕު ވާދަކުރައްވާނޭކަމަށް ގަބޫލުކުރެވޭތީއާވެސް އެކުގައެވެ.

ޔުކްރޭނުގެ މައްސަލައިގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ރަޝިޔާއަށް ދަތިކުރުމުގެ އައު ފިޔަވަޅުތަކެއް އަޅުއްވާފައެވެ. ރަޝިޔާގެ ރައީސް ލަޑީމިއަރ ޕުޓިންއަކީ ދުނިޔޭގެ ހަމަޖެހުމާއި ސުލްހަޔަށް ބޮޑުވެގެންވާ ނުރައްކަލެއް ކަމަށްވެސް ބައިޑެންގެ ސަރުކާރުން ވަނީ ސިފަކޮށްފައެވެ. މިކަމުގައި ޑޮނަލްޑް ޓްރަމްޕުގެ ވިސްނުންފުޅު ހުރީ ރައީސް ބައިޑެންގެ ވިސްނުންފުޅާ ދިމާ އިދިކޮޅަށެވެ. ޕޮޑްކާސްޓަރަކަށް ދެއްވި އިންޓަރވިޔުއެއްގައި ޓްރަމްޕު ވަނީ ރައީސް ޕުޓިންގެ ހިތްވަރާއި ހިކުމަތްތެރިކަމަށް ސާބަހޭ ވިދާޅުވެފައެވެ. ގައުމުދެކެ ލޯބިވާ، ގައުމުގެ މަސްލަހަތު އިސްކުރާ ވެރިޔަކު ކަންތައް ކުރައްވާނެ ގޮތުގެ ފުރިހަމަ މިސާލަކީ ރައީސް ޕުޓިން ކަމަށްވެސް ޓްރަމްޕު ވަނީ ވިދާޅުވެފައެވެ. ޓްރަމްޕުގެ ނަޒަރުގައި ރައީސް ޕުޓިން ގޯހެއް ނުހައްދަވައެވެ. ނުވެސް ހައްދަވާނެއެވެ.

ޓްރަމްޕާއި އިންޓަރވިޔު ކުރި ޕޮޑްކާސްޓަރު ބަކް ސެކްސްޓަނަކީ ރިޕަބްލިކަނެކެވެ. ޓްރަމްޕުގެ ސިޔާސަތުތަކަށް ތާއީދު ކުރި މީހެކެވެ. އަދި މިހާރުވެސް ޓްރަމްޕުގެ ފޭނެކެވެ. އޭނާ ސުވާލު ކުރިއެވެ. ޕުޓިންއަކީ ކޮންކަހަލަ ބޭފުޅެއް ހެއްޔެވެ. ޓްރަމްޕު ޖަވާބުދެއްވި އެވެ. ބަތޮލެކެވެ. ޗެމްޕިއަނެކެވެ. ޑޮނިއެސްކާއި ލުހާންސްކުގެ މިނިވަންކަން ރަޝިޔާއިން ރަސްމީކޮށް ގަބޫލުކުރުން ސިފަ ކުރައްވަނީ ކޮންގޮތަކަށްތޯ ސުވާލު ކުރުމުން ޓްރަމްޕު ވިދާޅުވިއެވެ. ވަރަށް ބަރާބަރު ނިންމުމެކެވެ. ސަތޭކައިގެ ނިންމުމެކެވެ. ރޫސީ ސިފައިން ޔުކްރޭނަށް ފޮނުވަން ޕުޓިން ނިންމެވި ނިންމެވުމާމެދު ޓްރަމްޕު ވިދާޅުވީ އެއީ ސުލްހައަށްޓަކައި މުހިއްމު ކަމެއް ކަމުގައެވެ. ރޫސީ ލަޝްކަރު ޔުކްރޭނުގައި ތިބިތިބުން ޓްރަމްޕު ސިފަކުރެއްވީ ސުލްހަ ބެލެހެއްޓުމުގެ އޮޕަރޭޝަނެއްގެ ގޮތުގައެވެ.

ޓްރަމްޕުގެ ވާހަކަފުޅުގައި ރައީސް ޕުޓިންގެ ނިންމެވުންތަކަށް ތައުރީފުކުރައްވައި ސާބަހޭ ވިދާޅުވެފައި އެވަރުން ނިންމާލެއްވީއެއް ނޫނެވެ. ޕުޓިންގެ ނިންމެވުންތަކުން ފިލާވަޅު ދަސްކޮށް އެމެރިކާއިންވެސް އެމެރިކާގެ ދެކުނުގެ ބޯޑަރު ކުށްވެރިންގެ ކިބައިން ސަލާމަތް ކުރުމަށް މެކްސިކޯއާ ދެކޮޅަށް ހަމަ އެބީދައިން އަމަލުކުރަން ޖެހޭ ކަމަށް ޓްރަމްޕު ވިދާޅުވިއެވެ. ގަވާއިދާ ޚިލާފަށް އެމެރިކާއަށް މީހުން ހިޖުރަކުރުމާއި މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވޭނީ އެގޮތަށް އަމަލުކޮށްގެން ކަމަށް ޔަގީންކުރެއްވޭ ކަމަށްވެސް ވިދާޅުވިއެވެ. ރައީސް ބައިޑެންގެ ބަދަލުގައި މިއަދު ވައިޓްހައުސްގައި ހުންނެވީ އޭނާ ކަމަށްވީނަމަ ރޫސީ ސިފައިން މިއަދު ޔުކްރޭނުގައި ނުތިބޭނޭ ކަމަށާއި ހުރިހާވެސް މައްސަލަޔަކީ ބައިޑެންގެ ދޯހަޅި ސިޔާސަތާއި ނޭއްގާނި ވިސްނުންފުޅު ކަމަށްވެސް ޓްރަމްޕު ވިދާޅުވިއެވެ.

ރައީސް ޕުޓިން އާއި އޭނާގެ އަސްކަރީ އޮޕަރޭޝަނަށް ތާއީދު ކުރައްވައި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވާހަކަފުޅު ދެއްކެވުމުން އެކަމާ ހިތްހަމަނުޖެހިގެން ވައިޓްހައުސްއިން ވެސް ވަނީ ރައްދު ދީފައެވެ. ޕްރެސް ކޮންފަރެންސެއްގައި ވައިޓްހައުސްގެ ޕްރެސް ސެކްރެޓަރީ ވިދާޅުވީ ޕުޓިން އާއި އޭނާގެ އުދުވާނަށް ތާއީދުކުރާ މީހަކު ދައްކާ ވާހަކަ ގަބޫލުކުރަން ހެޔޮވެސް ނުވާނޭ ކަމުގައެވެ. އެއީ އެމެރިކާއިން ބަލައިގަންނާނެ ވާހަކަތަކެއް ނޫންކަމުގައެވެ. ޓްރަމްޕު މިއަދު ރައީސްކަމުގައި ހުންނެވިނަމަ ރަޝިޔާއާ ދެކޮޅަށް ދުނިޔެ އެއްގަލަކަށް އަރައިގެން އެއް އަޑަކުން ބަސްބަސް ނުބުނާނޭ ކަމަށްވެސް ވިދާޅުވިއެވެ. މިކަމުން އެނގި ސާބިތުވަނީ ބައިނަލްއަގުވާމީ ޑިޕްލޮމަސީގައި ރައީސް ބައިޑެންއާއި ޓްރަމްޕުގެ ތަފާތު ކަމަށްވެސް ވިދާޅުވިއެވެ.