އެމްޑީޕީގެ ޗެއާޕާސަން ކަމަށް ހޮވައިދެއްވައިފިނަމަ އެންމެ މުހިންމު މަސައްކަތެއްގެ ގޮތުގައި ކުރާނެ މަސައްކަތަކީ އަންހެން ބޭފުޅުން ސިޔާސީ މައިދާނަށް ނެރުމުގެ މަސައްކަތް ކަމަށް އިިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

އަންނަ އޭޕްރީލް 16 ގައި ބާއްވާ އެމްޑީޕީގެ ޗެއާޕަސަންގެ އިންތިހާބުގައި ވާދަކުރައްވާ ފައްޔާޒުގެ ކެމްޕެއިން ލޯންޗްކުރުމަށް ށ.މިލަންދޫގައި ރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ފައްޔާޒް ވިދާޅުވީ، ޒުވާނުންނާއި އަންހެނުންގެ އަޑު އެމްޑީޕީގެ ތެރޭގައި އެންމެ އެކަށީގެންވާ ވަރަށް ނީވޭ ކަމަށެވެ. ސިޔާސަތުތައް ބައްޓަން ކުރުމުގައިވެސް އަންހެނުންނާއި ޒުވާނުންގެ ބޭނުން އެންމެ އެކަށީގެންވާ މިންވަރަށް ބޭނުން ނުކުރެވޭ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުގެ އެންމެ މުހިންމު އެއް މަސައްކަތަކަށް ވާނެ އަންހެން ބޭފުޅުން ސިޔާސީ މަގާމުތަކަށް ނެރުމަށް ކުރަން ޖެހޭ މަސައްކަތް މި ޕާޓީން ކުރުން" ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ، އެމްޑީޕީގެ އޮޑިއެއް ނުފެތޭނެ ކަމަށާއި ނަމަވެސް އެ އޮޑީގެ ސްޕީޑު ދަށް ވެ، މަރާމާތުކުރަން ޖެހިފައިވާ ކަމަށެވެ. އަދި އެމްޑީޕީގެ ސްޕީޑުގައި އެމްޑީޕީ ނުހިނގާ ކަމަށާއި ޕާޓީގެ މަސައްކަތްތައް އޮތީ ލަދުވެތިވާ ހާލަތުގައި ކަމަށް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ، އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލެއްވީ، ޕާޓީ ހިންގާލަން ކަމަށާއި އެކަން ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"އަޅުގަނޑު މިއަދު މި ހުށަހަޅަނީ އަޅުގަނޑުމެންގެ މި އޮޑި މަރާމާތުކޮށްލައި އަޅުގަނޑުމެންގެ ތެރޭގައި މިއޮތް ނުތަނަވަސްކަން ނައްތާލައި އޮޑިއަށް ފުރިހަމައަށް ކޮއްތު އަރުވާލައިގެން އަޅުގަނޑުމެންގެ ކައްޕިތާނުންނަށް އޮޑިއާއިގެން ކުރިއަށް ދިއުމަށް އޮޑި ތައްޔާރުކޮށްދިނުމަށް. އާދެ އަޅުގަނޑަށް އެކަން ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތީމާ އަޅުގަނޑު މިތަނަށް އައިސް މިހުރީ." ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް އިތުރަށް ވިދާޅުވީ، ޗެއާޕާސަން ކަމަށް އޭނާ ހޮވައިދެއްވައިފިނަމަ ޕާޓީގެ ހުއްޓިފައި ހުރި ކޮމިޓީތައް އަލުން ހިންގަން ފަށައި ރަށްރަށުގައި އެމްޑީޕީގެ ހަރަކާތްތައް އިތުރުކޮށް 2023ގެ ރިޔާސީ އިންތިހާބު އެމްޑީޕީީއަށް ކާމިޔާބު ކޮށްދިނުމަށް ގަދައަޅައި މަސައްކަތް ކުރައްވާނެ ކަމަށެވެ.