ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ މައި ޕާޓީ، އެމްޑީޕީގެ މަސައްކަތްތައް މިއަދު އޮތީ ލަދުވެތިވާން ޖެހޭ ހާލަތެއްގައި ކަމަށް އިިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

އަންނަ އޭޕްރީލް 16 ގައި ބާއްވާ އެމްޑީޕީގެ ޗެއާޕަސަންގެ އިންތިހާބުގައި ވާދަކުރައްވާ ފައްޔާޒުގެ ކެމްޕެއިން ލޯންޗްކުރުމަށް ށ.މިލަންދޫގައި މިރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި މިނިސްޓަރު ފައްޔާޒް ވިދާޅުވީ، އެމްޑީޕީގެ އޮޑިއެއް ނުފެތޭނެ ކަމަށާއި ނަމަވެސް އެ އޮޑީގެ ސްޕީޑު ދަށްވެ، މަރާމާތުކުރަން ޖެހިފައިވާ ކަމަށެވެ.

ފާއިތުވި ތިން އަހަރު، އެމްޑީޕީ ހިންގަން ތިބި ފަރާތްތަކުން ޕާޓީ ހިންގި ގޮތަށް ނުސީދާ ގޮތެއްގައި ފާޑުވިދާޅުވެ، ފައްޔާޒް ވިދާޅުވީ، އެމްޑީޕީގެ ހިންގުން އޮތީ ޕާޓީގެ ސައިޒަކު ނޫން ކަމަށާއި ޕާޓީގެ މެންބަރުންނަށް ހައްގުވާން ޖެހޭ މިންވަރެއްގައެއް ނޫން ކަމަށެވެ.

"ޕާޓީގެ މަސައްކަތް މިއޮތީ ހަގީގަތުގައި އަޅުގަނޑުމެން ލަދުވެތިވާން ޖެހޭ ހާލަތުގައި،" ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒު ވަނީ އޭނާއަށް ނިސްބަތްކޮށް ބޯގަންވިލާ އާއިލާއަށް ނިސްބަތްވާ މީހެއް ކަމަށް ބުނާ ވާހަކައަަށް ވެސް ނުސީދާ ރައްދެއް ދެއްވައިފައެވެ. އޭނާ ވިދާޅުވީ ވަކި ގެއަކަށް ނިސްބަތްވެގެން އެމްޑީޕީގައި ނޫޅެވެންވީ ސަބަބެއް ނެތް ކަމަށާއި އެމްޑީޕީއަކީ އެންމެންނަށްވެސް ހުޅުވިފައި އޮތް ޕާޓީއެއް ކަމަށެވެ.

ފައްޔާޒް އިތުރަށް ވިދާޅުވީ، އެމްޑީޕީގެ ލީޑާޝިޕްގެ ބޭފުޅުންނާއި ޕާޓީގެ އިސް ބޭފުޅުން މަޖިލީހާއި ސަރުކާރުގެ ތެރޭގައި ތިބި ނަމަވެސް ޕާޓީ ތެރޭގައި ހަރަކާތްތައް މަދުވެފައިވަނީ އެ ވިސްނުމުގައި ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުން އެކަން ނުކުރެއްވުމުން ކަމަށާއި ޗެއާޕާސަންކަމަށް އޭނާ ހޮވައިދީފިނަމަ އެމްޑީޕީ ހިންގާލާނެ ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމަށް ފައްޔާޒާ ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ.