ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތައިރޮއިޑްގެ އޮޕަރޭޝަނެއް ކުރައްވާތީ ނައިބު ރައީސް ފައިސަލް ނަސީމް، ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުގެ ހުވާ ކުރައްވައިފިއެވެ.

ނައިބު ރައީސް ފައިސަލް ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގަތުމަށް ހުވާކުރައްވާފައިވަނީ މިއަދު ހެނދުނު ރައްޔިތުންގެ މަޖިލިސް އިދާރާގައެވެ. މިއީ ނައިބު ރައީސަކު ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުގެ ހުވާކުރެއްވި ފުރަތަމަ ފަހަރެވެ.

ނައިބު ރައީސް ފައިސަލަށް ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުގެ ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެެވެ. އެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގެންނެވެ.

ނައިބު ރައީސް ފައިސަލްއާ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްތުތައް ހަވާލުކުރައްވާކަން އިއުލާންކުރެއްވުމަށް ރައީސް ސޯލިހު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޑޮކްޓަރުންގެ ލަފަޔާއެކު މިއަދު ހެނދުނުގެ ވަގުތެއްގައި އެމަނިކުފާނުގެ ތައިރޮއިޑްގެ އޮޕަރޭޝަނެއް ކުރަން ހަމަޖެހިފައިވާ ކަމަށެވެ.

އެ އޮޕަރޭޝަން ކުރާ ވަގުތު ރައީސުލްޖުމްހޫރިއްޔާގެ ޒިންމާތަކާ ހަވާލުވެވަޑައިގަންނަވާނީ އެމަނިކުފާނުގެ ނައިބު ފައިސަލް ނަސީމް ކަމަށާއި އެކަން ރަސްމީކޮށް މަޖިލީހުގެ ރައީސް، ރައީސް ނަޝީދަށް އަންގަވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ގާނޫނުއަސާސީގެ 123 ވަނަ މާއްދާގެ ހ، ގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާއަށް އެމަނިކުފާނުގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ވަގުތީގޮތުން އުޒުރުވެރިވެއްޖެ ކަމަށް ގަބޫލުކުރެވިއްޖެނަމަ، ސަބަބު ބަޔާންކޮށް އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާ ވާޖިބުތައް އަދާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހަވާލުކުރަންވާނެއެވެ.