ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތައިރޮއިޑްގެ އޮޕަރޭޝަނެއް ކުރައްވާތީ ނައިބު ރައީސް ފައިސަލް ނަސީމް، ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުގެ ހުވާ ކުރެއްވުން މާދަމާ ހެނދުނު ބޭއްވުމަށް ނިންމައިފިއެވެ.

މަޖިލީހުގެ އިދާރާއިން މިރޭ ބުނީ ނައިބު ރައީސް، ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގަތުމަށް ހުވާ ކުރެއްވުން މާދަމާ ހެނދުނު 5:50 ގައި ރައްޔިތުންގެ މަޖިލީހުގައި އޮންނާނެ ކަމަށެވެ.

އެމަނިކުފާނަށް ހުވާލައިދެއްވާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރެކެވެ. އަދި ހުވާ ކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކުރިފުޅުމަތީގައެވެ.

ރައީސް ސޯލިހު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑޮކްޓަރުންގެ ލަފަޔާއެކު މާދަމާ ހެނދުނުގެ ވަގުތެއްގައި އެމަނިކުފާނުގެ ތައިރޮއިޑްގެ އޮޕަރޭޝަނެއް ކުރަން ހަމަޖެހިފައިވާ ކަމަށެވެ. އަދި އޮޕަރޭޝަން ކުރާ ވަގުތު ރައީސުލްޖުމްހޫރިއްޔާގެ ޒިންމާތަކާއި ހަވާލުވެވަޑައިގަންނަވާނީ އެމަނިކުފާނުގެ ނައިބު ފައިސަލް ނަސީމް ކަމަށާއި އެކަން ރަސްމީކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަންގަވާނެ ކަމަށެވެ.

މިއީ ރާއްޖޭގެ ތާރީހުގައި ވެރިކަމުގެ ބާރުތައް މިގޮތަށް ނައިބު ރައީސްގެ އަތްޕުޅަށް ބަދަލުވާނެ ފުރަތަމަ ފަހަރެވެ.

ގާނޫނުއަސާސީގެ 123 ވަނަ މާއްދާގެ ހ، ގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ އަށް އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ވަގުތީގޮތުން އުޒުރުވެރިވެއްޖެ ކަމަށް ގަބޫލުކުރެވިއްޖެނަމަ، ސަބަބު ބަޔާންކޮށް އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހަވާލުކުރަންވާނެއެވެ.