ދެހާސް ފަނަރަ ވަނަ އަހަރުގެ ޖޫން މަހުގެ ނުވަ ވަނަ ދުވަހު ލ. ގަމު ގެއެއްގެ ތެރޭގައި މަރާލާފައި އޮއްވައި ފެނުނު ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ ބާންދްޝަހުމިޔާގެ މާރަލި މައްސަލައިގައި، ދައުވާ ކުރާ ލ.ގަން/ ރެޑްފިޝް، އަލީ ހަމްޒާގެ މައްޗަށް ކުށް ސާބިތުވުމުން އޭނާ 10 އަހަރަށް ޖަލަށްލާން ހުކުމްކޮށް މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދައްކަން ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ބާންދުޝަހުމިޔާ ލ. ގަން ރަންދާނުގެ ފެންޑާގައި ނިދާފައި އޮއްވައި، ތިން ފޫޓުގެ ދިގުމިން ހުރި ލަކުޑި ފަތިބަރިއަކުން ބާންދުޝަހުމިޔާގެ މޫނު މަތީ ޖަހާފައިވާ ކަމަށް ހަމްޒާ އެއްބަސްވެފައިވެއެވެ. އެ ހަމަލާގެ ސަބަބުން ބާންދުޝަހުމިޔާ ވަނީ މަރުވެފައެވެ. އެހެންވެ ދައުލަތުން ވަނީ ހަމްޒާގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލައިފައެވެ.

އެ މައްސަލައިގެ ކުރިމިނަލް ކޯޓުން މިއަދު އިއްވި ހުކުމުގައި ބުނީ، ހަމްޒާގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތުވާކަމަށް ބަލަންޖެހޭ ރުކުންތައް ފުރިހަމަނުވާ ކަމަށެވެ. އެއީ ހަމްޒާ، ބިދޭސީ މިހާގެ މޫނުގައި ފަތިގަނޑަކުން ޖެހީ މަރާލުމުގައި ނިޔަތުގައި ނޫން ކަމަށްވުންނެވެ.

ނަމަވެސް އެއީ ރަހުމްކުޑަ އަމަލެއްކަމަށްވުމުން އަދި އެ އަމަލުގެ ސަބަބުން ބާންދުޝަހުމިޔާ މަރުވެފައިވުމުން އެއީ ޖިނާއަތުގެ އެއްވަނަ ދަރަޖައިގެ ކުށެއް ކަމަށް ހުކުމުގައި ބުންޏެވެ. އެހެންކަމުން ގާނޫނުލް އުގޫބާތުގައި ބަޔާންކޮށްފައިވާ އެކުށުގެ އަސާސީ އަދަބު ކަމުގައިވާ 10 އަހަރަށް ހަމްޒާ ޖަލަށްލާން ވަނީ ހުކުމްކޮށްފައެވެ.

ބާންދްޝަހުމިޔާ މަރާލި ކަމުގެ ތުހުމަތުގައި ހަމްޒާ ހަ އަހަރު ވަންދެން ޖަލުގައި ހޭދަކޮށްފައިވުމުން އޭނާ ތަންފީޒުކުރަން ޖެހޭނީ ހަތަރު އަހަރާއި ނުވަ މަހާއި 25 ދުވަހެވެ.

ދެން ކުރިއަށް ގެންދިޔައީ ބާންދުޝަހުމިޔާގެ ވާރިސުންގެ ބަސް ހޯދުމެވެ. ވާރިސުންގެ ގޮތުގައި ބާންދުޝަހުމިޔާގެ އަނބިމީހާއި ފިރިހެން ދަރިއަކާއި ދެ އަންހެން ދަރިން ތިބެއެވެ. ހުރިހާ ވާރިސުން މަރުގެ ދިޔަ ބޭނުންވުމުން، މަރުގެ ދިޔައިގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ތިން އަހަރު ތެރޭގައި ސިވިލް ކޯތަށް ދެއްކުމަށް ވަނީ ހުކުމްކޮށްފައެވެ.

ވާރިސުންގެ ބަސް ހޯދަމުން ދަނިކޮށް ހަމްޒާ ގާޒީގެ ހުއްދަ ނުހޯދައި ވާހަކަ ދެއްކުމުން ވަނީ 15 ދުވަހަށް ޖަލަށްލާން ހުކުމްކޮށްފައެވެ.

މި މައްސަލަ ބެއްލެވީ ގާޒީ އާދަމް އަލީއެވެ.