ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތައިރޮއިޑްގެ އޮޕަރޭޝަނެއް މާދަމާ ކުރައްވަން ހަމަޖެހިފައިވާތީ ވެރިކަމުގެ ބާރުތައް ނައިބު ރައީސް ފައިސަލް ނަސީމް އާ ހަވާލުކުރައްވަން ނިންމަވައިފިއެވެ.

ރައީސް ސޯލިހު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑޮކްޓަރުންގެ ލަފަޔާއެކު މާދަމާ ހެނދުނުގެ ވަގުތެއްގައި އެމަނިކުފާނުގެ ތައިރޮއިޑްގެ އޮޕަރޭޝަނެއް ކުރަން ހަމަޖެހިފައިވާ ކަމަށެވެ. އަދި އޮޕަރޭޝަން ކުރާ ވަގުތު ރައީސުލްޖުމްހޫރިއްޔާގެ ޒިންމާތަކާއި ހަވާލުވެވަޑައިގަންނަވާނީ އެމަނިކުފާނުގެ ނައިބު ފައިސަލް ނަސީމް ކަމަށާއި އެކަން ރަސްމީކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަންގަވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވެއެވެ.

"އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އެނބުރި ހިދުމަތަށް ނުކުންނާނަން" ރައީސް ވިދާޅުވިއެވެ.

ތައިރޮއިޑްގެ ފަރުވާއަށް ރައީސް ސޯލިހުގެ ދެކަނބަލުން ސިންގަޕޫރަށް ވަޑައިގެންނެވީ އިއްޔެގެ ވަގުތެއްގައެވެ.