ރަޝިއާ-ޔޫކްރޭން ހަނގުރާމައާ ގުޅިގެން އެގައުމުތަކުން ރާއްޖެއަށް އަންނަން ބުކިން ހައްދާފައިވާ ބައެއް ފަތުރުވެރިން، ބުކިންތައް ކެންސަލް ކުރަން ފަށައިފިއެވެ.

ޔޫކްރެއިނާއި ރަޝިއާގެ މަޝްރަހު ހޫނުވެ، އިރުމަތީ ޔޫކްރެއިންގެ ޑޮނެސްކް އަދި ލުހާންސްކް މިނިވަން ދައުލަތްތަކެއްގެ ގޮތުގައި ބަލައިގަންނަން ނިންމަވައި، އެ ސަރަހައްދަށް ރަޝިއާ ސިފައިން އަރަން ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން އަމުރުކުރެއްވުމާއެކު ރަޝިއާއިން ވަނީ މިއަދު ޔޫކްރޭނަށް ހަމަލާތައް ދޭން ފަށައިފައެވެ.

ރަޝިއާ އާއި ޔޫކްރޭނަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ދެގައުމެކެވެ. އެ ދެގައުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ 20 ޕަސެންޓް ހިއްސާކުރެއެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް "ވަން" އަށް މިއަދު ވިދާޅުވީ ރަޝިއާ-ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރުކުރަމުންދާ ކަމަށާއި މިހާރުވެސް ބައެއް ބުކިންތައް ކެންސަލް ކުރަމުންދާ ކަމަށެވެ.

"ދަތުރުފަތުރާއި އެނޫންވެސް ގޮތްގޮތުން ހުރި ދަތިތަކާއެކު ބައެއް ބުކިންތައް މިހާރުވެސް ދަނީ ކެންސަލް ވަމުން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި މިހާރު ތިބީ އެ ދެގައުމުގެ ކިހާ ފަތުރުވެރިންނެއްތޯ ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އޭގެ ތެރެއިން ރާއްޖޭގައި މަޑުކުރަން ބޭނުންވާ ފަތުރުވެރިންނަށް އެ ފުރުސަތު ދޭނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް އިމިގްރޭޝަން ކޮންޓްރޯލާ އެބައޮތް ޔަގީންކަން ދެއްވާފައި މި ދެންނެވި ފަތުރުވެރިންގެ ތެރެއިން މަސްހަރު ރަނގަޅުވަންދެން ރާއްޖޭގައި މަޑުކުރަން ބޭނުންވާ ފަތުރުވެރިންގެ ވިސާގެ މުއްދަތު އިތުރުކޮށްދޭނެ ކަމުގެ" މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖެ އަންނަ ފަތުރުވެރިންނަށް ވިސާ ދެނީ 30 ދުވަހަށެވެ. ނަމަވެސް ކޮވިޑުގެ އެންމެ ދަތި ހާލަތުގައި ފަތުރުވެރިންގެ ވިސާގެ މުއްދަތު 90 ދުވަހަށް އިތުރުކޮށްދީފައިވެސްވެއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ރަޝިއާ-ޔޫކްރޭންގެ ސަބަބުން އިރުމަތީ ޔޫރަޕްގެ ގައުމުތަކުން ރާއްޖެ އަންނަ ފަތުރުވެރިންގެ މާކެޓަށް ލޮޅުމެއް އަންނާނެ ކަމަށާއި އުންމީދަކީ އެ ހަނގުރާމަ ދިގުލައިގެން ނުދިއުން ކަމަށެވެ.