އަންނަ އަހަރު ޗައިނާގައި ބާއްވާ އޭޝިއަން ކަޕް ކޮލިފައިން ފައިނަލް ބުރުގެ ގުރޫޕް ސްޓޭޖުގައި ރާއްޖެއާއި ސްރީ ލަންކާ، އުޒްބެކިސްތާން އަދި ތައިލެންޑް ވާދަކުރަން ޖެހިއްޖެއެވެ.

މެލޭޝިއާގެ ކުއާލަލަމްޕޫރުގައި މިއަދު ނެގި ގުރުއަތުގައި ރާއްޖެ ލައްވާލީ ގުރޫޕް ސީއަށެވެ. ފައިނަލް ކޮލިފިކޭޝަންގައި ޖުމުލަ 24 ޓީމު ވާދަކުރާ އިރު، މެޗުތައް ކުރިއަށް ގެންދާނީ ހަ ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮލިފިކޭޝަން ފައިނަލް ބުރުން މުބާރާތަށް ކޮލިފައިވުމަށް ފުރުސަތު އޮންނާނީ 11 ޓީމަކަށެވެ. އެއީ ހަ ގުރޫޕުގެ އެއްވަނަ ޓީމުތަކާއި ހަ ގުރޫޕުގައި ހިމެނޭ ދެވަނަ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާތައް ހޯދައި ފަސް ޓީމެވެ.

ގުރޫޕް ސްޓޭޖުގެ މެޗުތައް ކުޅޭނީ ސެންޓްރަލައިޒްކޮށެވެ. ޖޫން މަހު ސެންޓްރަލައިޒްކޮށް ގުރޫޕް ސްޓޭޖުގެ މެޗުތައް ކުޅޭ އިރު، ރާއްޖެ ހިމެނޭ ގުރޫޕުގެ މެޗުތައް ކުޅޭނީ އުޒްބެކިސްތާނުގައެވެ. ރާއްޖޭން އޭޝިއަން ކަޕް ގުރޫޕް ސްޓޭޖުގެ މެޗުތައް ހޯސްޓްކުރަން ހުށަހެޅި ނަމަވެސް އެ ފުރުސަތު ދިން ހަ ގައުމުގެ ތެރޭގައި ރާއްޖެ ނުހިމެނެއެވެ. ކޮލިފައިން ހޯސްޓް ކުރުމުގެ ފުރުސަތު ދިނީ އުޒްބެކިސްތާން، މެލޭޝިއާ، ކުވެއިތު، މޮންގޯލިއާ، ކިރްގިސްތާން އަދި އިންޑިއާ އަށެވެ.

ކޮލިފައިންގައި ރާއްޖޭން ކުޅޭ މެޗުތަކުގެ ތެރެއިން ފުރަތަމަ މެޗުގައި ޖޫން އަށް ވަނަ ދުވަހު ނުކުންނާނީ ތައިލެންޑާ ދެކޮޅަށެވެ. އެ މެޗަށް ފަހު ދެން 11 ވަނަ ދުވަހު އުޒްބެކިސްތާނާ ދެކޮޅަށް ރާއްޖެ ނުކުންނަ އިރު، ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޖޫން 14 ވަނަ ދުވަހު ރާއްޖެ ކުޅޭނީ އަވަށްޓެރި ލަންކާއާ ދެކޮޅަށެވެ.

ގައުމީ ޓީމުގެ ކޯޗުކަމާ މިދިޔަ އޮކްޓޫބަރު މަހު ހަވާލުވި އިޓަލީގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ އަށް ދީފައިވާ އެންމެ ބޮޑު ޓާގެޓަކީ އޭޝިއަން ކަޕަށް ރާއްޖެ ކޮލިފައި ކޮށްދިނުމެވެ. ކޮލިފައިން ރާއްޖެއިންވެސް ތައްޔާރުވަމުންދާ އިރު، އަންނަ މަހު 24 ވަނަ ދުވަހު ރާއްޖޭން މާލޭގައި ބަންގްލަދޭޝް ގައުމީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއްވެސް ކުޅޭނެ އެވެ.

މީގެ ކުރިން އޭޝިއަން ކަޕުގައި ރާއްޖެއިން ކުޅެފައި ނުވާ އިރު، ފައިނަލް ކޮލިފިކޭޝަންގައި ހިމެނޭ ޓީމުތަކުގެ ތެރެއިން މިހާތަނަށް އޭޝިއަން ކަޕްގައި ވާދަ ނުކޮށް އޮތް ޓީމުތަކަކީ ރާއްޖޭގެ އިތުރުން ތަޖަކިސްތާން، ނޭޕާލް، އަފްގާނިސްތާން، މޮންގޯލިއާގެ އިތުރުން ސްރީ ލަންކާއެވެ. މިހާތަނަށް އޭޝިއަން ކަޕްގެ ޖާގަ ޔަގީން ކޮށްފައި ވަނީ 13 ޓީމެކެވެ.