ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ފުރަތަމަ ލެގުގައި މެންޗެސްޓާ ޔުނައިޓެޑާއި އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗު އެއްވަރު ވެގެން ނިމިއްޖެއެވެ.
އެތުލެޓިކޯގެ ވަންޑާ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ކުޅުނު މެޗު އެއްވަރުވީ 1-1ގެ ނަތީޖާއަކުންނެވެ. ރަށުން ބޭރުގައި ޔުނައިޓެޑުން ގޯލެއް ޖަހައިގެން އެއްވަރު ކުރި ނަމަވެސް އަވޭ ގޯލު އުސޫލު އުވާލައިފައިވުމުން އެ ގޯލަކީ މާބޮޑު ފައިދާއަކަށް ނުވެދާނެއެވެ. މިއަހަރުގެ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރަށް ޔޫއެފާއިން ވަނީ އަވޭ ގޯލު އުސޫލު އުވާލައިފައެވެ. އަވޭ ގޯލަކީ ފައިދާ ބޮޑު ގޯލެއްގެ ގޮތުގައި އޮތް އޮތުމަށް މިއަހަރު ނިމުން ގެންނަން ޔޫއެފާއިން ނިންމާފައިވާ އިރު، މިއީ 1965 ވަނަ އަހަރަށްފަހު އަވޭ ގޯލުން ފައިދާވާ އުސޫލު ޔޫއެފާއިން އުވާލި ފުރަތަމަ ފަހަރެވެ.
ރޭގެ މެޗު ފެށިގެން، މެޗުގެ ކުރީކޮޅުގައި އެތުލެޓިކޯއިން ވަނީ ލީޑު ނަގައިފައެވެ. މެޗުގެ ހަތް ވަނަ މިނެޓުގައި އެތުލެޓިކޯއަށް ލީޑު ނަގައިދިނީ ޕޯޗުގަލްގެ ޖާއޯ ފެލިކްސްއެވެ. އަރިމަތިން ރެނާން ލޯޑީ ނެގި ހުރަހެއް އޭރިއާ ތެރެއިން ހޯދައި، ފެލިކްސް ގޯލު ޖެހީ ބޮލުންނެވެ.
މެޗުގައި އިތުރު ހަމަލާތައް މަދުން ފެނުނު އިރު، ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯވެސް ފެނުނީ މަޑު ރާގެއްގައެވެ. އޭނާގެ ފަރާތުން އެންމެ ރަނގަޅު ކުޅުމެއް ނުފެނު އިރު، ޔުނައިޓެޑުގެ މާޔޫސްކަން އުފާވެރި ކަމަށް ބަދަލުކޮށްލަ ދިނީ ބެންޗުން އަރައި އެންތަނީ އެލަންގާ ޖެހި ގޯލުންނެވެ.
މެޗު ނިމެން 10 މިނެޓަށް ވެފައި ވަނިކޮށް އެލަންގާ ގޯލު ޖެހީ ބްރޫނޯ ފެނާންޑޭޒްގެ އެސިސްޓަކުންނެވެ. މިދިޔަ ހަފުތާ ތެރޭ ލީގުގައި ކުޅުނު މެޗުގައިވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރައި އެލަންގާ ވަނީ ގޯލު ޖަހައިފައެވެ. އެލަންގާގެ އެ ގޯލަކީ ޔޫރޮޕިއަން ޗެމްޕިއަންސް ލީގުގައި ޔުނައިޓެޑް ޖެހި 500 ވަނަ ގޯލެވެ.
ރޭ ކުޅުނު ޗެމްޕިއަންސް ލީގު ގަދަ 16ގެ އަނެއް މެޗުގައި ބެންފީކާ ދަނޑުގައި އަޔަކްސްއާ އެއްވަރުވީ 2-2ގެ ނަތީޖާއަކުންނެވެ. ޑޫސާން ޓަޑިޗްގެ ގޯލާއެކު އަޔެކްސްއިން ލީޑު ނެގި އިރު، ބެންފީކާ އިން ނަތީޖާ ހަމަހަމަ ކުރީ މިއަހަރު ޗެމްޕިއަންސް ލީގުގެ ޓޮޕް ސްކޯރާ ސަބެސްޓިއަން އަލެއާ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ.
އަލެއާ މެޗުގައި އިތުރު ގޯލެއްވެސް ޖެހި އިރު، އެއީ މިއަހަރުގެ ޗެމްޕިއަންސް ލީގުގައި އޭނާ ޖެހި 11 ވަނަ ގޯލެވެ. މެޗުގައި ބެންފީކާއަށް ދެވަނަ ފަހަރަށް އެއްވަރު ކޮށްދިނީ ބަދަލެއްގެ ގޮތުގައި ކުޅެން އެރި ޔޫކްރެއިންގެ ފޯވާޑް ރޯމަން ޔަރެމްޗުކެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު