މީރާ އަށް 3.6 މިލިއަން ޑޮލަރު (55.5 މިލިއަނަށް ވުރެ ގިނަ ރުފިޔާ) ދައްކަން ޔޮޓް ޓުއާސްގެ މައްޗަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަށް ހައި ކޯޓުންވެސް ތާއީދުކޮށްފިއެވެ.

ޔޮޓް ޓުއާސް އަކީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރު އަބުދުﷲ ޖާބިރުގެ ކުންފުންޏެކެވެ.

މީރާއިން ޔޮޓް ޓުއާސްއަށް ދައުވާކޮށްފައިވަނީ ޔޮޓް ޓުއާސް އާއި ޓޫރިޒަމް މިނިސްޓްރީއާ ދެމެދު 22 އޮކްޓޯބަރ 2013 ގައި ވެފައިވާ ލީސް އެގްރީމަންޓްގެ ދަށުން ހއ. ބީނާފުށި އަދި ކަނޑާލިފިނޮޅުގެ ކުލީގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ 668،973.97 ޑޮލަރު ދައްކާފައި ނުވާތީ އާއި އެ ފައިސާ ދައްކަންޖެހޭ މުއްދަތުގައި ދައްކާފައި ނުވާތީ ޖޫރިމަނާގެ ގޮތުގައި 10 އޭޕްރީލް 2017 އާ ހަމައަށް އަރާފައިވާ 2،396،669.65 ޑޮލަރާއެކު ޖުމްލަ 3،059،643.65 ޑޮލަރު ދައްކައި ހަލާސްކުރުމާ ހަމައަށް އަރަމުންދާ ޖޫރިމަނާ ހޯދުމަށެވެ.

އެ މައްސަލައިގައި 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ސިވިލް ކޯޓުން ކުރި ހުކުމުގައިވަނީ އެ ދެ ރަށުގެ ކުއްޔާއި ޖޫރިމަނާއަށް އަރާ 3.6 މިލިއަން ރުފިޔާ ދައްކަން ޖެހޭކަން ސާބިތުވާ ކަމަށެވެ. އެހެންކަމުން ތިން މަސް ތެރޭގައި އެ ފައިސާ މީރާއަށް ދައްކަން ޖެހޭނެ ކަމަށާއި އެ ފައިސާ އެއްކޮށް ދައްކައި ނިމެންދެން ޖޫރިމަނާ އަރަމުންދާނެ ކަމަށް ހުކުމްގައިވެއެވެ. އެ މައްސަލަ ޔޮޓް ޓުއާސްއިން ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

އެ މައްސަލައިގައި ހައިކޯޓުގައި ދައުލަތުން ބުނެފައިވަނީ ލިކިއުޑޭޓަޑް ޑެމޭޖަސް ނެގުމަށް ކަނޑައަޅާފައިވާ އުސޫލަކީ އަދުލުވެރި އުސޫލެއް ނޫންކަމަށް ޔޮޓް ޓުއާސް އިން ބުނެފައިވާ އިރު، އެ އުސޫލަކީ ޓޫރިސްޓް ރިސޯޓާއި ޓޫރިސްޓް ހޮޓަލާއި ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިންބިމުގެ ކުލި ސަރުކާރަށް ދެއްކުމާ ބެހޭ ގަވާއިދުގެ ފަސް ވަނަ މާއްދާގައިވާ އުސޫލު ކަމަށާއި އެއްބަސްވުމުގެ އެ މާއްދާއަކީ އެ ގަވާއިދުގެ ދަށުން ގާނޫނީ ގޮތުން ބާރުލިބިގެން އެއްބަސްވުމުގައި ހިމަނާފައިވާ މާއްދާއެއް ކަމަށެވެ.

އެ މައްސަލައިގައި ހައިކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ އެއްބަސްވުމުގައި ހިމަނާފައިވާ މިންވަރަކީ ގަވާއިދުގައި ބުނާ މިންވަރަށް ވުރެ ބޮޑު މިންވަރެއްކަން އެނގެން ނެތް އިރު، އެ މިންވަރަކީ އަދުލުވެރި ނޫން މިންވަރެއް ކަމުގައި ބަލަންޖެހޭ ގާނޫނީ އެއްވެސް ހަމައެއް ޔޮޓް ޓުއާސްގެ ފަރާތުން ބަޔާންކޮށްދެވިފައި ނުވާ ކަމަށެވެ.

އެހެންވެ ސިވިލް ކޯޓުން އެ މައްސަލައިގައި ކޮށްފައިވާ ހުކުމަށް ތާއީދުކޮށް، އެ މައްސަލަ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ވަނީ ހުކުމްކޮށްފައެވެ.

އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު ހަސަން ޝަފީގާއި ފަނޑިޔާރު ފާތިމަތު ފަރްހީޒާއެވެ. އެ މައްސަލައިގައި ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ހަސަން ޝަފީގެވެ.