ރާއްޖޭގެ ފުލުހުންނާއި އެފްބީއައި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ރާއްޖެއިން އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ނިސްބަތްވާ ދިވެއްސަކު ހައްޔަރުކޮށްފިއެވެ.
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ދާދި ދެންމެއަކު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުލުހުންނާއި އެފްބީއައި އާއި ޔޫރޮޕިއަން ޔޫނިއަން ނޭޝަންގެ ދެ އޮތޯރިޓީއެއް ގުޅިގެން ރާއްޖޭގައި ހިންގި އޮޕަރޭޝަނެއްގައި ހަރުކަށި ފިކުރު ފަތުރައި، އައިއެސް ޖަމާއަތުގެ ހަރަކާތްތައް ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ހިންގާ 30 އަހަރުގެ ދިވެހި ފިރިހެނަކު މިދިޔަ މަހުގެ ހަ ވަނަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ހަމީދު ވިދާޅުވީ އެ މީހާއަކީ ރާއްޖޭގައި ފުޅާދާއިރާއެއްގައި އައިއެސްގެ ކެމްޕެއިންކޮށް، ހަރުކަށި ފިކުރު ފަތުރަމުންދާ މީހެއް ކަމަށެވެ. އަދި ވަކިން ހާއްސަކޮށް ޔޫރޮޕްގެ ގައުމުތަކުގައި ޓެރަރިޒަމްގެ އަމަލުތައް ހިންގަން ގޮވާލައި، އެގައުމުތަކުގެ ލީޑަރުންނަށް ހަމަލާދިނުމަށް ހިތްވަރުދެމުންދާ މީހެއް ކަމަށެވެ.
"ތަހުގީގުން އެނގުނު ގޮތުގައި އެމީހާއަކީ 2015 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ދިރިއުޅެމުން އެހަރަކާތްތައް ކުރިއަށް ގެންދަމުންދާ ފަރާތެއް،" ސީޕީ ވިދާޅުވިއެވެ.
ސީޕީ އިތުރަށް ވިދާޅުވީ އެ މައްސަލަ ފުލުހުންނާއި ސީބީއައި އާއި ޔޫރޮޕިއަން ޔޫނިއަން ނޭޝަންގެ ދެ އޮތޯރިޓީއެއް ގުޅިގެން ކުރިއަށްގެންދާ ކަމަށާއި އެ މައްސަލަ ބަލަމުންދަނީ ޓެރަރިޒަމްގެ ބޮޑު މައްސަލައެއްގެ ގޮތުގައި ކަމަށެވެ.
ހަމީދު ވިދާޅުވީ މިކަމާ ގުޅޭ އިތުރު މައުލޫމާތު ހިމެނޭ ނޫސްބަޔާނެއް އާންމުކުރައްވާނެ ކަމަށެވެ.