ކޮވިޑް ފެތުރޭ ރަށަކުން އެހެން ރަށަކަށް ދަތުރުކުރާ ފަރާތްތަކުގެ ތެރެއިން ވެކްސިންގެ ތިން ޑޯޒް ފުރިހަމަކޮށްފައިނުވާ ނަމަ ޕީސީއާރު ޓެސްޓު ހަދަން ޖެހޭ ގޮތަށް ހަދައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިގޮތަށް އުސޫލު ނެރެފައި މިވަނީ މާލޭ ސަރައްދުން ރާއްޖޭގެ އެހެން ރަށްރަށަށް ދަތުރުކުރާއިރު ޕީސީއާރު ޓެސްޓު ހަދަން ނުޖެހޭ ގޮތަށް ނިންމާފައިވަނިކޮށެވެ.

އެޗްޕީއޭއިން މިއަދު ކުރި އިއުލާނެއްގައި ވަނީ ކޮވިޑާ ގުޅިގެން ރަށްރަށް މޮނިޓަރިންގެ ހާލަތަށް ގެންދިއުމާ ގުޅޭގޮތުން މިދިޔަ އަހަރުގެ މެއި 25ގައި ނެރުނު އުސޫލުތަކަށް މާދަމާއިން ފެށިގެން އަމަލު ކުރުން ހުއްޓާލާފައިވާ ކަމަށެވެ. އަދި މާދަމާއިން ފެށިގެން މާލެ ފިޔަވައި މީހުން ދިރިއުޅޭ ރަށްރަށާއި ޓުއަރިސްޓް ރިސޯޓްތަކާއި ހަދަމުންދާ ރިސޯޓްތަކާއި އިންޑަސްޓްރިއަލް ރަށްރަށުގައި ކޮވިޑް ފެތުރުން ކޮންޓްރޯލު ކުރުމުގައި އަމަލުކުރާނީ މިއަދު އާންމުކޮށްފައިވާ "މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށްރަށުގައި ކޮވިޑް ފެތުރުން ކޮންޓްރޯލުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" އަށް ކަމަށެވެ.

ކުރިން އިއުލާނުކޮށްފައިވާ އުސޫލުގައިވާ ގޮތުން ރަށެއްގައި ކޮވިޑް ފެތުރޭނަމަ އެރަށެއް މޮނީޓަރިންގެ ހާލަތަށް ގެނެސް، ވަކި ފިޔަވަޅުތަކެއް އަޅަން ޖެހެއެވެ. ނަމަވެސް މިއަދު އާންމުކުރި އުސޫލުގެ ދަށުން ކޮވިޑް ފެތުރޭ ރަށްތައް މޮނީޓަރިންގެ ހާލަތަށް ނުގެންނަން އެޗްޕީއޭއިން ވަނީ ނިންމައިފައެވެ.

މިއަދު އާންމުކުރި އުސޫލުގައިވާ ގޮތުން ރަށްރަށުގައި ބަލި ފެތުރެމުންދާ ކަމާއި ދެން އަޅާނެ ފިޔަވަޅުތައް ވަނީ ތިން ބަޔަކަށް ބަހާލައިފައެވެ. އެއީ ކޮވިޑް ފެތުރުމެންދާ ހާލަތު ކަނޑައެޅުމާއި ކޮވިޑް ފެތުރުމުގެ ހާލަތު ދެނެގަތުމާއި މޮނިޓާކުރުން އަދި ކޮވިޑުގެ ހާލަތުގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ފިޔަވަޅުތަކެވެ.

އުސޫލުގައިވާ ގޮތުން ރަށެއްގައި ބަލިފެތުރުމުގެ ހާލަތު އޮތްކަން ކަނޑައަޅާނީ ބަލި ދެނެގަތުމަށް ޓެސްޓުކުރުމާއި ބަލި އުޅޭކަން ދެނެގަތުމަށް ކުރެވޭ ސާވެއިލަންސްގެ މައުލޫމާތުގެ މައްޗަށް ބަލައި އެޗްޕީއޭއިން ނުވަތަ އެރަށެއްގައި ހުންނަ ހޮސްޕިޓަލުން ނުވަތަ ސިއްހީ މަރުކަޒުންނެވެ.

އަދި ފާއިތުވި އެއް ހަފުތާ ތެރޭގައި ހަދާ ކޮވިޑް ޓެސްޓުތަކުގެ ސާމްޕަލް ޕޮޒިޓިވިޓީ 20 ޕަސެންޓަށް ނުވަތަ އެއަށްވުރެ މަތިވެފައިވާނަމަ އެ ރަށެއްގައި ބަލި ފެތުރޭކަމަށް ކަނޑައަޅައި ބަލި ފެތުރުން ކޮންޓްރޯލުކުރުމަށް ފިޔަވަޅުތައް އަޅަންވާނެ ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭއިން ބުނީ ރަށެއްގައި ކޮވިޑް ފެތުރޭ ހާލަތު ދެނެގަތުމާއި މޮނިޓާކުރުމަށްޓަކައި ބަލީގެ އަލާމާތްތައް ފެންނަ ހުރިހާ ފަރާތްތައް ޓެސްޓުކުރަން ޖެހޭނެ ކަމަށެވެ. އެގޮތުން ބަލީގެ އަލާމާތް ހުންނަ ފަރާތްތައް އެންޓިޖަން ނުވަތަ ޕީސީއާރު ޓެސްޓު ހެދޭނެއެވެ.

މީގެ އިތުރުން ކޮވިޑް ފެތުރޭ ރަށަކުން ރާއްޖޭގެ އެހެން ރަށަކަށް ދަތުރުކުރާ މީހުންގެ ތެރެއިން ވެކްސިން ފުރިހަމަކޮށްފައި ނުވާ މީހުން ކޮވިޑް ޓެސްޓު ހަދަން ޖެހޭނެއެވެ. އަދި ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން ކޮންޓެކްޓުން ޓެސްޓް ކުރުމާއި ރާއްޖެއިން ބޭރުން އަންނަ މީހުންގެ ޓެސްޓް ކުރަންވެސް ޖެހޭނެއެވެ.

ކޮވިޑް ފެތުރޭ ރަށްތައް މޮނީޓަރިންގެ ހާލަތަށް ނުގެނައި ނަމަވެސް އެ ރަށްރަށުގައި ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ. އެގޮތުން ހޮސްޕިޓަލް ނުވަތަ ސިއްހީ މަރުކަޒާ ގުޅިގެން ރަށުގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކުގެ މައްޗަށް ޕްލޭން އެކުލަވާލައި ޕްލޭނާ އެއްގޮތަށް މަސައްކަތްތައް ރާވައި ހިންގަން ޖެހޭނެއެވެ.

މީގެ އިތުރުން ބަލި ފެތުރޭ ރަށްރަށުގައި އަދިވެސް މާސްކު އަޅަން މަޖުބޫރުވާނެއެވެ. އަދި ކޮވިޑާ ގުޅިގެން ރައްކާތެރިކަމަށްޓަކައި ހަދާފައިވާ ގައިޑްލައިންތައް އެ ރަށްރަށުގައި ތަންފީޒު ކުރަން ޖެހެއެވެ.

އެޗްޕީއޭއިން ބުނީ ބަލި ފެތުރެމުންދާ ކަމަށް ކަނޑައަޅާފައިވާ ރަށެއްގައި ބަލި ފެތުރުން ކޮންޓްރޯލުކުރެވުމުން އެ ހާލަތު އުވާލައި ބަލިފެތުރެމުންދާ ރަށްރަށުގެ ލިސްޓުން އެރަށެއް އުނިކުރެވޭނެ ކަމަށެވެ. އަދި އެގޮތަށް ކަނޑައަޅާނީ އެރަށެއްގައި ފާއިތުވި އެއް ހަފުތާ ތެރޭގައި ހަދާ ކޮވިޑްގެ ޓެސްޓުތަކުގެ ސާމްޕަލް ޕޮޒިޓިވިޓީ 20 ޕަސެންޓަށްވުރެ ދަށްވުން ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.