މާސްކުއެޅުން ހުއްޓާލަންޖެހޭކަމަށް ވިދާޅުވެ، ކޮވިޑާ ގުޅިގެން ސަރުކާރުން އިއުލާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަރަށްބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ އާޒިމް ވިދާޅުވީ، ތައުލީމަށް އެޅޭ ހުރަސް ތަކަކީ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރަކު ގަބޫލު ކުރާނެ ކަމެއްނޫން ކަމަށެވެ.

ތައުލީމަށް މިވަގުތު އެޅޭ އެންމެ ބޮޑު ހުރަހަކީ، ކޮވިޑުގެ ހުރަސް ކަމަށާއި، އެ ހުރަހުން އަރައިގަންނަން އެބަޖެހޭ ކަމަށާއި، ކޮވިޑާ ގުޅިގެން ރާއްޖޭގައި އިއުލާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތަށް ދެ އަހަރުދުވަސްވާއިރު، އެކަން މިހާރު ބޮޑު ޖޯކަކަށް ވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އެކަމާ ގުޅިގެން އެތައް ގާނޫނުތަކެއް ސަސްޕެންޑްވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އަލީ އާޒިމް ވިދާޅުވީ، މިހާ ދިގުކޮށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ ގައުމެއް ނެތް ކަމަށާއި، ޔޫރަޕާއި، އޭޝިއާގެ ގައުމުތަކަށް ބަލައިލާއިރު، ކޮވިޑަކީ އާދައިގެ ރޯގާއެއްގެ ގޮތުގައި މިހާރު ނިންމާފައިވާ ކަމަށެވެ. ކޮވިޑްގެ މާފިޔާ ވިޔަފާރީގެ ސަބަބުން ސްކޫލްތަކުގެ ދަރިވަރުންނަށް އެޅިފައިވާ ހުރަސްތައް ނައްތާލަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން މާސްކު ނަގައި ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ސަރުކާރުން ހުއްޓާލަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

"ކޮވިޑްގެ މި މާފިޔާ ވިޔަފާރީގެ ސަބަބުން އަޅުގަނޑުމެންގެ ދަރިވަރުންނަށް އެޅިފައި މިވާ ހުރަސް މިހާރު އެބަޖެހޭ ސަރުކާރުން ނައްތާލަން، މާސްކު ހުއްޓާލަން އެބަޖެހޭ، ދެޑޯޒް އަށްޑިހަ ޕަސެންޓަށްވުރެ ގިނަ ރައްޔިތުންނަށް ވަނީ ދެވިފަ، ބޫސްޓާ ޑޯޒް ދެވިއްޖެ، އެހެންވީމަ އަޅުގަނޑުމެން މި ނިއުނޯމަލްގައި އުޅެންފަށަން ޖެހިއްޖެ، ދުނިޔޭގެ ޔޫރަޕާއި އޭޝިއާގެ ގައުމުތަކަށް ބަލައިލާއިރުގައި މި ރޯގާއަކީ އާދައިގެ ރޯގާއެއްގެ ގޮތުގައި ވަނީ ޑިކްލެއާކޮށްފަ، އެހެންވީމާ އަޅުގަނޑުމެން އެބަޖެހޭ އަނބުރާ ކުރީގެ ހާލަތަށް އަންނަން،" އަލީ އާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިހާރު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްގެން މަސައްކަތް ކުރަމުން ގެންދަނީ ކޮން ވިސްނުމެގައި ކީއްކުރަން ކަން ނުވިސްނޭ ކަމަށެވެ. އެކަމުގެ ސަބަބުން ސަސްޕެންޑް ވެފައިވާ ގާނޫނުތަކުގެ ފައިދާ އެކި ފަރާތްތަކުން ނަގަމުންގެންދާ ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން ކޮވިޑް ނިމިއްޖެކަމަށާއި، ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި، ކުރީގެ ދިރިއުޅުމަށް އަނބުރާ ރުޖޫއަ ވުމަށް ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ގޮވާލަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.