މަސްތުވާތަކެތީގެ މައްސަލައެއްގައި އިންޑިއާއިން ހައްޔަރުކުރި އާމިނަތު ރަޝީދާ, މަސްތުވާތަކެތި އެތެރެ ކުރުމުގައި އުޅޭތާ އެތައް އަހަރެއް ވެފައިވާ ކަމަށް އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ބުނެފިއެވެ.
ބ. އޭދަފުއްޓަށް އުފަން ނަމަވެސް, ވަރަށް ކުރީއްސުރެ މާލޭގައި ދިރިއުޅެމުން އަންނަ ރަޝީދާ ހައްޔަރުކުރީ މިމަހުގެ 15 ވަނަ ދުވަހު, އިންޑިއާއަށް ދިޔަ ތަނުން އެގައުމުގެ ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އަދި އެއަށްފަހު އޭނާ ވަނީ މުމްބާއީގެ ފުލުހުންނާ ހަވާލުކޮށް, ބަންދުކޮށްފައެވެ.
އޭނާއަށް އިންޑިއާ ފުލުހުން ކުރާ ތުހުމަތަކީ, މުމްބާއީ މަގުން ރާއްޖެއަށް ހަތަރު ކިލޯގެ އޮޕިއަމް އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތެވެ. އަދި އެކަން ސަމާލުކަމަށް އައީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ކަމަށް އިންޑިއާގެ ފުލުހުންނާ ހަވާލާދީ ރިޕޯޓުތައް ބުންޏެވެ.
ރަޝީދާގެ އާއިލާއިން އޭނާއަށް ކުރާ ތުހުމަތު ދޮގުކުރި ނަމަވެސް, އެންސީބީގެ އޮފިޝަލަކާ ހަވާލާދީ މުމްބާއީގެ ނޫހެއްގައި ރިޕޯޓު ކޮށްފައިވާ ގޮތުން, މަސްތުވާތަކެތި އެތެރެކުރުމުގައި ރަޝީދާ އުޅޭތާ އެތައް އަހަރެއް ވެފައިވާކަން އެ މައްސަލައިގެ ތަހުގީގަށް އެނގިފައިވެއެވެ. އަދި އޭނާގެ ދަރިއަކުވެސް މަސްތުވާތަކެތި ވިއްކުމުގެ މައްސަލައެއްގައި ދިވެހި ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
އެ ނޫހުގައި އިތުރަށް ބުނެފައިވާ ގޮތުން, ރަޝީދާ މަސައްކަތް ކުރަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ގުރޫޕެއްގައެވެ. އަދި އެ ގުރޫޕް މީހުން އެމީހުންގެ ވަނަވަރު ބަދަލުކޮށް, އެޖެންސީތަކަށް އޮޅުވާލުމަށްޓަކައި އެމީހުންގެ މެދުގައި އެއް ފޯނު ނަންބަރެއް ދައުރުކުރާ ކަމަށް ބުންޏެވެ.
މިކަމާ ގުޅޭ ގޮތުން "ވަން" އިން އިއްޔެ ފުލުހުންގެ މީޑިއާ އޮފިޝަލުންނާ ސުވާލުކުރުމުން, މިއަދާ ހަމައަށްވެސް ޖަވާބެއް ދެއްވާފައެއް ނުވެއެވެ. އަދި މިކަމާ ގުޅޭ ގޮތުން ފުލުހުން މިހާތަނަށް އެއްވެސް އެއްޗެއް ހާމަކޮށްފައެއްވެސް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު