ރާއްޖޭން އިނގިރޭސިވިލާތަށް އެތެރެކުރާ މަހުން މިހާރު ނަގާ ޑިއުޓީ ކަނޑާލުން ހިމެނޭ ގޮތަށް، ދެގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން ރަސްމީ ސިފައެއްގައި މަޝްވަރާތައް ކުރިއަށް ގެންދަން އެއްބަސްވެއްޖެއެވެ.

އެގޮތަށް އެއްބަސްވެފައި ވަނީ އިނގިރޭސިވިލާތުގެ ސްޓޭޓް މިނިސްޓަރު ލޯޑް ތޯރިގް އަހުމަދު މިދިޔަ ހަފުތާގައި ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައެވެ.

ލޯޑް ތޯރިގްގެ ދަތުރުފުޅު ނިންމާލުމުގެ ގޮތުން ރާއްޖޭގެ ފޮރިން މިނިސްޓްރީ އާއި ރާއްޖޭގައި ހުންނަ އިނގިރޭސި ހައި ކޮމިޝަނުން އިއްޔެ ނެރުނު ބަޔާނުގައި ބުނި ގޮތުގައި ލޯޑް ތޯރިގް ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ފޮރިން މިނިސްޓްރީގެ އޮފިޝަލުންނާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި އައްޑޫ ސިޓީ ކައުންސިލާއި ސަރުކާރުގެ ބައެއް ވުޒާރާތަކުގެ ވެރިންނާ ބައްދަލު ކުރައްވާފައިވާ ކަމަށެވެ.

މި ބައްދަލުކުރެއްވުންތަކުގައި ދެ ގައުމުގެ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތައް ދެނެގަތުމަށް މަޝްވަރާކޮށްފައިވާއިރު، ވިޔަފާރި އާއި އިގުތިސޯދާ ގުޅުންހުރި ކަންކަމާވެސް މަޝްވަރާކޮށްފައިވެއެވެ.

މީގެ އިތުރުން ދިވެހި މަހުން ޑިއުޓީ ކަނޑާލުމަށްވެސް މަޝްވަރާކޮށްފައިވެއެވެ. އަދި ދެ ގައުމުގެ ދެމެދު ބާއްވާ ފުރަތަމަ "ޕޮލިސީ ޑަޔަލޮގް" މި އަހަރުގެ ތެރޭގައި ބޭއްވުމަށްވެސް އެއްބަސްވެފައިވެއެވެ.

ލޯޑް ތޯރިގް ރާއްޖެއަށް ޒިޔާރަތްކުރެއްވިއިރު، މިއީ 2018ގެ ފަހުން އިނގިރޭސި ސަރުކާރުގެ އިސް ބޭފުޅަކު ރާއްޖެ ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

އިނގިރޭސިވިލާތަކީ ރާއްޖޭން އެންމެ ގިނައިން މަސް އެކްސްޕޯޓްކުރާ ޔޫރަޕްގެ ގައުމެވެ. އެގޮތުން މިދިޔަ މަހު އެކަނި ވެސް އެ ގައުމަށް 29 މިލިއަން ޑޮލަރުގެ މަސް އެކްސްޕޯޓުކޮށްފައިވެއެވެ.