ދެހާސް ސަތާރަ ވަނަ އަހަރުގެ ޖުލައި މަހުގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި ހއ. ތަކަންދޫ އިބްރާހީމީ ހިޔާ، ނަދީމު އަބްދުއްރަހީމް (ނަޑޭ) މަރުގެ މައްސަލައިގައި މިއަދު ހުލާސާ ބަޔާން އިއްވައިފިއެވެ.

ނަދީމްއަށް ތޫނު އެއްޗަކުން ހަމާލާދީ މަރާލާފައި ވަނީ އޭނާ ޓާމިނަލް ކެފޭ ތެރޭގައި އިންދައެވެ. އެ މައްސަލައާ ގުޅިގެން ދައުލަތުން ދައުވާ އުފުލާފައި ވަނީ، ގ. ޝާރާޒް، މުހައްމަދު މަފާޒު ހުސެއިން ސަލީމް، ރ. އިންނަމާދޫ ސަމަންތާ, ހުސެއިން ޝާމިން ގއ. ގެމަނަފުށި ހަވާސް, މުހައްމަދު ކަރަމް ސުހައިލް, އަދި ލ. ގަން ވިދާތަރި, އަލީ ނިފާޒުގެ މައްޗަށެވެ.

މަފާޒުގެ މައްޗަށް ދައުލަތުން ދައުވާކުރަނީ ތޫނު އެއްޗަކުން ހަމަލާދީ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. ބާކީ ތިބި މީހުންގެ މައްޗަށް ކުރަނީ، ތޫނު އެއްޗެއް ބޭނުންކޮށްގެން، ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ކުށުގެ ދައުވާއެވެ. ދައުލަތުން ކުރާ ދައުވާތަކަށް ހަތަރު މީހުން ވެސް ވަނީ އިންކާރުކޮށްފައެވެ.

ކުރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދިޔައީ އެ މައްސަލައިގެ ހުލާސާ ބަޔާން އިއްވުމެވެ. ދައުލަތުން ހުލާސާ ބަޔާން އިއްވަމުން ވިދާޅުވީ، ނަދީމުގެ ބޮލަށް ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން އޭނާގެ ސިކުނޑި ދުޅަވެފައިވާ ކަމަށެވެ. އަދި ނަދީމު މަރުވީ ސިކުނޑި ދުޅަވުމުގެ ސަބަބުންނާއި ބޮލުގެ ނާށިގަނޑުގެ ބޭރަށް ސިކުނޑީގެ ބައެއް ނުކުތުމުންކަމަށް މީގެ ކުރިން ނަދީމުގެ މެޑިކޯ ލީގަލް ތައްޔާރުކުރި ޑޮކްޓަރު ހެކިބަސް ދީފައިވާ ކަމަށެވެ.

ތުހުމަތުކުރެވޭ މީހުންގެ މައްޗަށް ކުށް ސާބިތުކުރަން ހުށަހެޅި 11 ސިއްރު ހެކިވެރިން ހުށަނޭޅުނީ ހެކިވެރިންނަށް ބިރު ދެއްކުމުންކަމަށް ޕޮލިސް އިންޓެލިޖެންސް ރިޕޯޓާ ހަވާލާދީ ދައުލަތުން ވިދާޅުވިއެވެ. ދައުލަތުން ވިދާޅުވީ އޭގެ ތެރެއިން ދެ ހެކިވެރިޔަކަށް މަފާޒު ތޫނު އެއްޗަކުން ނަދީމުއަށް ހަމަލާ ދެނިކޮށް ފެނިފައިވާކަމަށް ހެކިބަސް ދިނަސް ފަހުން އެ ދެ ހެކިވެރިން ހެކިބަސް އަނބުރާ ގެންގޮސްފައިވާ ކަމަށެވެ. އެ ދެ ހެކިވެރިން ހެކިބަސް އަނބުރާ ގެންދިޔައީ ބިރު ދައްކާފައިވުމުންކަމަށް ދައުލަތުން ވިދާޅުވިއެވެ. އެގޮތަށް ދައުލަތުން ވިދާޅުވީ އެ މައްސަލައިގެ އިންޓެލިޖެންސް ރިޕޯޓަށާއި ތަހުގީގަށް ރިއާޔަތް ކޮށެވެ. ދައުލަތުން އެދުނީ މައްސަލައިގެ ހުކުމް ބިނާކުރާއިރު އެ ދެ ހެކިވެރިންގެ ހެކިބަހަށް ބުރަދަން ދީގެން ހުކުމް ބިނާކުރުމަށެވެ.

ދައުލަތުގެ ހުލާސާ ބަޔާން އިއްވުމުން މި މައްސަލައިގެ ޝަރީއަތް ވަނީ ނިންމާލައިފައެވެ. މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒު ރަޝާދު ވިދާޅުވީ، އިތުރުކަމެއް ސާފުކުރަން ނުޖެހޭނަމަ ދެން އޮންނާނީ މި މައްސަލައިގެ ހުކުމްކުރުން ކަމަށެވެ. ގާޒީ ފާއިޒު ވިދާޅުވީ، ހުކުމްކުރާ ޝަރީއަތް ބާއްވާނީ އަންނަ މަހުގެ 31 ވަނަ ދުވަހު ކަމަށެވެ.

ތުހުމަތުކުރެވޭ މީހުންގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ 15 އަހަރާއި 25 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ. ނަދީމުގެ ހުރިހާ ވާރިސުން މަރަށް މަރު ބޭނުންވާނަމަ މަފާޒަށް މަރުގެ ހުކުމް އަންނާނެއެވެ. ވާރިސުންގެ ބަސް ހޯދާނީ ކުށް ސާބިތުވާކަމަށް ކަނޑައެޅުމުންނެވެ.

މި މައްސަލައިގެ އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 19 ވަނަ ދުވަހުއެވެ. އެ އަޑުއެހުމުގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ ދިފާއީ ވަކީލު ނޫރުއްސަލާމް އަބޫބަކުރު ވަނީ ހުލާސާ ބަޔާން އިއްވައިފައެވެ. ހުލާސާ ބަޔާނުގައި ވިދާޅުވެފައިވަނީ، ޓާމިނަލް ކެފޭއަށް ފުރަތަމަ ދިޔަ ދެ ފުލުހުންގެ ހެކިބަހަށް ބަލާއިރު، އެތަނުގެ މޭޒެއްގައި ގިނަ އަދަދެއްގެ މީހުން ތިބިކަމަށް ބުނެފައިވާ ކަމަށާއި ފުލުހުން އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު މީހަކަށް ނުވަދެވޭ ގޮތަށް އެތަން ބަންދުކުރިއިރު ރެސްޓޯރަންޓު މަތީ ފްލޯއިން ހިދުމަތް ލިބިގަންނަން ތިބި ފަރާތްތަކަށް ނުކުމެވޭ ގޮތަށް އިންތިޒާމު ހަމަޖައްސާފައި އޮތް ކަމަށެވެ. އަދި އޭރު އެތަނުގައި ތިބި ގިނަ އަދަދެއްގެ މީހުންނަކީ އެ ހާދިސާ ލޮލަށް ފެނުނު މީހުންނަށް ވުމުގެ އިހުތިމާލު އެބައޮތް ކަމަށާއި އެކަމުގައި ބައިވެރިވި ފަރާތެއް ހުރުމުގެ އިހުތިމާލުވެސް އެބައޮތް ކަމަށެވެ. މި އެންމެން ފޮނުވާލިއިރު ފުލުހުން އެމީހުންގެ ނަން ނޯޓުކޮށްފައި ނުވާ ކަމަށް ވިދާޅުވެފައިވެއެވެ.

ނޫރުއްސަލާމް ވިދާޅުވެފައިވަނީ މައްސަލައިގައި މަންޒަރު ދުށްކަމަށް ބުނާ މީހުންގެ ހެކިބަހާ ގުޅޭގޮތުން ހަ ސިއްރު ހެއްކެއް ހެކިބަސް ދީފައިވާ ކަމަށެވެ. އަދި ނަދީމަށް ހަމަލާދިން މީހުން މާސްކު އަޅައިގެން ތިބުމުން މޫނު ސާފު ނުވާކަމަށް ސިއްރު ހެކި ތިނެއް އަދި ނުވައެއްގެ ހެކިބަހުން އެނގޭ ކަމަށެވެ. މީގެ އިތުރުން ސިއްރު ހެކި ހަތެއް ހެކިބަސް ދެމުން ކެފޭ ތެރެއިން ބަޔަކު ނުކުމެގެން ދިޔަތަން ފެނުނު ކަމަށާއި ދައުވާލިބޭ މީހުންގެ ތެރޭގައި އެ ދުވަހު ތިބި މީހުން ތިބިކަން ފާހަގަ ނުވާ ކަމަށް ބުނެފައިވާ ކަމަށް ނޫރުއްސަލާމް ފާހަގަ ކުރެއްވިއެވެ.

ޝަފަހީ ހެކިންގެ ހެކިބަހާ ގުޅޭގޮތުން ވަކީލު ނޫރުއްސަލާމް ވިދާޅުވެފައިވަނީ ޓާމިނަލް ކެފޭ ތެރޭގައި އެވަގުތު ތިބި ބައެއް މީހުންގެ ހެކިބަސްތަކުން ނަދީމަށް ހަމަލާދިނީ މަފާޒު ނޫންކަމަށް ޔަގީންކޮށްދީ ހެކިބަސް ދީފައިވާ ކަމަށެވެ. އަދި ދައުވާލިބޭ އެއްވެސް މީހަކު އެރޭ ކެފޭއަށް ނުދާކަމަށް ވެސް ހެކިބަސް ދީފައިވާ ކަމަށެވެ.

ވަކީލު ވިދާޅުވެފައިވަނީ ހާދިސާ ހިނގި ތަނުގައި ތިބި ކަމަށް 9 ހެކިވެރިއަކު ހެކިބަސް ދީފައިވާ ކަމަށާއި، އޭގެ ތެރެއިން 2 މީހަކު ފިޔަވައި އެންމެންގެ ހެކި ބަހުންވެސް އެނގެނީ މޫނު ނިވާކޮށްގެން ތިބި ބަޔަކު މިކަމުގައި ހިމެނޭކަން ކަމަށާއި، ދައުވާ ލިބޭ އެއްވެސް މީހަކު އެތަނުން ފެނުނު ކަމަށް ބުނެފައި ނުވާ ކަމަށެވެ. ނަމަވެސް އެންމެން ވެސް އެ ހާދިސާގެ މަންޒަރު ދުށްކަމަށް ހެކިބަހުން އެނގޭކަން ވަކީލު ފާހަގަ ކުރެއްވިއެވެ.