"ބްރޯ މަށަށް ވާނެ ގޮތަކާމެދު ވިސްނާލަބަ ބްރޯ. މަ މި އިންނަނީ މިހާރު 50/50ގަ ބްރޯ. އޭގެ ކުރިން މަ ބަލައިއާދެބަ. ބްރޯ ހެޔޮނުވާނެ. މަ ބޭނުން މަންމަވެސް އާއިލާވެސް. މަ ބޭނުމެއް ނޫން މިތާ އޮވެ މަރުވެގެންދާކަށް. ހެޔޮ ނުވާނެ الله އަށްޓަކައި ބްރޯ. ހެޔޮނުވާނެ."
މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާފައިވާ އޮޕަރޭޝަންތަކުގެ މައުލޫމާތު ދިނުމަށް ޑްރަގް އެންފޯސް ޑިޕާޓްމަންޓުން އިސްކަންދަރު ކޮށީގައި އިއްޔެ ބޭއްވި "މީޑިއާ އިވެންޓް" ގައި އިއްވާލި މި އަޑުކޮޅާއެކު ހޯލުގެ ތެރެއަށް ހަމަހިމޭންކަމުގެ ވަގުތު ކޮޅެއް އައެވެ.
މިއީ މަސްތުވާތަކެތީގެ ވިޔަފާރީގެ ތެރޭގައި ރާއްޖޭގެ ޑުރަގް ނެޓްވޯކަކުން ރާއްޖެ ގެންނަން އުޅުނު މަސްތުވާތަކެތީގެ ޝިޕްމަންޓެއްގެ ޔަގީންކަމެއްގައި ނުވަތަ ރަހުނެއްގެ ގޮތުގައި އީރާނުގެ ޑުރަގް ނެޓްވޯކަކާ ހަވާލުކޮށްފައި ހުރި ދިވެއްސަކު, ރޮއެރޮއެފައި ދެއްކި ވާހަކައެވެ. ފުރާނަ ސަލާމަތްކޮށްދިނުމަށް ކުރި އާދޭހެވެ. ނަމަވެސް އެއީ ކޮންއިރަކު, ކާކު ދައްކާފައި ހުރި ވާހަކަތަކެއް ކަމެއް ފުލުހުން ނުބުންޏެވެ.
އެ އަޑުކޮޅާއެކު ފުލުހުން ދެން ދެއްކީ އަދި އެއަށްވުރެ ހިތްދަތި މަންޒަރެކެވެ. އަތްފައިގައި ޗެންޗޭނު ޖަހައި, ބިންމައްޗަށް އެއްލާލާފައި އޮތް ދިވެއްސެކެވެ. ހުދު ކުލައިގެ ހެދުމެއްގައި އޮތް އެމީހާގެ ދެ އަތް އޮތީ ފަހަތަށް އައްސައިފައެވެ. ކަރުގައިވެސް ޗެންޗޭނު ޖަހައި, ހިރި ނުލެވޭ ވަރަށް އޮތީ ބަދެފައެވެ. އެއީ ކޮންއިރެއްގެ ފޮޓޯއެއް ކަމެއްވެސް ފުލުހުން ނުބުންޏެވެ.
ނަމަވެސް ޑްރަގް އެންފޯސް ޑިޕާޓްމަންޓުގެ ހެޑް, ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝާކިރު ވިދާޅުވި ގޮތުގައި, އެއީ ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި އީޓާނުގެ ބޯޓެއް ދިވެހި ފުލުހުން އަތުލައިގަތުމުން, އޭނާއަށް ދައްކައިލި އަހުވައެވެ. އެއީ އީރާނުގެ ޑުރަގް ނެޓްވޯކަށްވެސް ފޫނުބެއްދޭވަރުގެ ގެއްލުމެއް ވުމުގެ އަދަބެވެ. އޭނާ މިނިވަންވާން ދެން އޮތީ އެމީހުން ޑިމާންޑުކުރާ ވަރަށް ފައިސާ ދިނުމެވެ. ނުވަތަ ފޮނުވި މަސްތުވާތަކެތީގެ އަގަށްވާ ފައިސާ ދެއްކުމެވެ.
ޝާކިރު "ވަން" އަށް ވިދާޅުވި ގޮތުގައި, ގެރެންޓާއެއްގެ ގޮތުގައި ދިއުމަކީ އަދަބެއް ލިބޭ ކަމެއް ނޫނެވެ. "ފޮތުގައި ޖަހާފައި" ގެންނަ ޑުރަގް ޝިޕްމަންޓަށް އަނބުރާ ފައިސާ ލިބިއްޖެ ނަމަ, ގެރެންޓާ ވަގުތު ހޭދަކުރާނީ "ވީއައިޕީ" ފެންވަރުގައެވެ. ނަމަވެސް އެ އޮޕަރޭޝަން ނާކާމިޔާބު ވެ, ދެން ހިނގާ ކަންތައްތަކުގެ ސަބަބުން އެއީ ވޭނުގައި އުޅެންޖެހޭ ކަމެކެވެ.
އެ ވޭނުގައި އުޅެން ޖެހޭއިރު, ދެން އުފެދޭ ސުވާލަކީ ގެރެންޓާގެ ގޮތުގައި ދާނެ މީހުން އެބަ ތިބިތޯއެވެ. މިއީ ކިހާ ވަރެއްގެ ކަމެއްކަން އެނގޭތޯއެވެ. ޝާކިރު ވިދާޅުވީ, މާލެއާއި އަތޮޅުތެރޭގައި ގެރެންޓާއެއްގެ ގޮތުގައި ދާން ބޭނުންވާ ކިތަންމެ ބަޔަކުވެސް އެބަ ތިބި ކަމަށެވެ.
ނަމަވެސް އެމީހުން ގެރެންޓާގެ ގޮތުގައި ފޮނުވާއިރު, އެކަމުގެ ނުރައްކާތެރި ކަމެއް އެމީހުންނަކަށް ނޭނގެއެވެ. ފޮނުވަނީ ކުޑަވަރެއްގެ ޗުއްޓީއަކަށެވެ. ދެކޮޅު ޓިކެޓް ދީފައި, ހުރުމާއި އެހެނިހެން ހަރަދުތައް ދީފައެވެ. ދާ ގައުމަކުން އޭނާއާ ހަވާލުވާނީ ޑުރަގް ނެޓްވޯކުގެ އެޖެންޓެކެވެ. ހާލަތު ބަދަލުވާ ގޮތެއް އޭނާއަކަށްވެސް ނޭނގޭނެއެވެ.
މިފަދަ މީހުން ގިނައިން ފޮނުވަނީ ޕާކިސްތާނާއި އީރާނު ގަދަ ގައުމުތަކަށެވެ. އެފަދަ ގައުމުތަކުގައި މިހާރުވެސް ދިވެހިން ތިބި ކަމަށްވެ އެވެ. އެކަމަށް ބާރު ލިބޭ ކަމަކީ, އެ ނެޓްވޯކުތަކަށް މާލޭގެ ޑުރަގް ނެޓްވޯކުތަކުން ހަދާފައިވާ ފައިސާގެ މުއާމަލާތްތައްވެސް ފުލުހުންނަށް ހޯދިފައިވެއެވެ. ނަމަވެސް އެކަން ކުރަނީ ރޭވުންތެރިކަމާއެކު ކަމުން, އެއީ ހޯދަން އުނދަގޫ ކަމެކެވެ.
އަމިއްލަ ފުރާނަ ދީގެން ވެސް ނެޓްވޯކުގައި އުޅުމަކީ މި ވިޔަފާރި ވަރުގަދަކޮށް ފުޅާކޮށްފައިވާ މިންވަރުގެ މިސާލެކެވެ. އެ ޓްރެންޑް އާއްމުވާއިރު، މީޑިއާއަށް ތިލަވެފައި ވަނީ އެންމެ ދެތިން މީހެކެވެ. ފުލުހުންނަށްވެސް އެއީ ކިހާ އަދަދެއްގެ މީހުންކަން ބުނަން ދައްޗެވެ. ޝާކިރުވެސް ވިދާޅުވި ގޮތުގައި، ގެރެންޓާގެ ގޮތުގައި ރާއްޖޭން ބޭރުގައި ތިބީ ކިތައް މީހުން ކަމެއް ޔަގީންކަމާއެކު ބުނާކަށް ނޭނގެއެވެ. އަދި ބައެއް މީހުން މަރުވެފައި ވުމަކީވެސް އެކަށީގެންވާ ކަމެކެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް