އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ކްލަބު އީގަލްސް ބަލިކޮށްފިއެވެ.

މިހާތަނަށް ލީގުގައި ކުޅުނު ދެމެޗުންވެސް މާޒިޔާއިން މޮޅުވެފައިވާ އިރު، ފުރަތަމަ މެޗުގައި މާޒިޔާއިން ވަނީ ސަސް ބަލިކޮށްފައެވެ. މިރޭގެ މެޗުގައި އީގަލްސްގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކުރި ހޯދާފައިވާ އިރު، މެޗުގައި ސްޕެއިންގެ މިޑްފީލްޑަރު ޓަނާ ޑޮމިންގޭޒްގެ ގޯލެއް ފެނިގެން ދިޔައެވެ. ލަލީގާގައި 80 އަށްވުރެ ގިނަ މެޗު ކުޅެފައިވާ ޓަނާ މިރޭގެ މެޗުގައި ޖެހި ގޯލަކީ މާޒިޔާގެ ޖާޒީގައި އޭނާ ޖެހި ފުރަތަމަ ގޯލެވެ.

ކްލަބު އީގަލްސްއިން ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބު ބަލިކުރި އިރު، އެ މެޗު ކްލަބު އީގަލްސްއިން ކާމިޔާބުކުރީ ފަހު ވަގުތު ދެ ގޯލު ޖަހައިގެންނެވެ.

މިރޭ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ހަމަލާތަކަށް މަސައްކަތް ކުރި ނަމަވެސް، އެންމެ އެދެވޭ ގޮތުގައި ހަމަލާއެއް އުފެއްދިފައި ނުވާކަން ފާހަގަވެގެން ގޮސްފައިވެއެވެ. ދެވަނަ ހާފަށް ނުކުމެ މާޒިޔާއިން އެޓޭކްތައް ރަނގަޅުކުރިއެވެ. އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ބޮލުން ޖެހި ބޯޅަ އީގަލްސްގެ ލެބަނަން ކީޕަރު މުހައްމަދު ތަހާ މަތަކުރި އިރު، މެޗުގެ 67 ވަނަ މިނެޓުގައި ލީޑު މާޒިޔާއިން ނެގިއެވެ.

މާޒިޔާއިން ލީޑު ނެގީ ޓަނާ ޖެހި މޮޅު ގޯލުންނެވެ. ހައިޝަމް ހަސަން (ބިޑި) ނެގި ހުރަހަކުން އޭރިއާ ތެރެއިން ފޭދޫ އިއްބެ ބޮލުގައި ޖެހިފައި ޓަނާ އަށް ލިބުނު ބޯޅަ އޭނާ ވަނީ އެއް ފަހަރުން ވޮލީ އަކުން ގޯލުގެ ދުރު ކަނަށް ފޮނުވާލައިފައެވެ.

އީގަލްސްއަށް ރަނގަޅު ފުރުސަތެއް ތަނަވަސް ނުކުރެވިގެން އުޅެނިކޮށް މެޗުގެ ދެވަނަ ގޯލު މާޒިޔާއިން ޖެހިއެވެ. މެޗު ނިމެން ދަނިކޮށް އެ ގޯލު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެޗަށް ނުކުތް ނާއިޒް ހަސަން (ދާދު) އެވެ. އީގަލްސް ޑިފެންސް ފަހަތަށް އައި ބޯޅައެއްގައި އެ ޓީމުގެ ކީޕަރު ތޯހާ ކުރިއަށް އަރައި ބޮލުން ފޮނުވާލުމުން ހާފުގެ މެދެއްހާ ހިސާބުން ލިބުނީ ދާދު އަށެވެ. އެ ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ ދާދު ޖެހި ޝޮޓް ވަނީ ގޯލުގެ މަތީ ކަނަށެވެ.

ދިވެހި ޕްރިމިއާ ލީގުގައި މާދަމާ ހަވީރު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ކުޅޭނީ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)އާ އެވެ. އަދި މާދަމާރޭ ކްލަބް ގްރީން ސްޓްރީޓްސް އިން ނުކުންނާނީ ކްލަބް ވެލެންސިއާއާ ދެކޮޅަށެވެ.