އެޑްވަޓޯރިއަލް

ޑިޖިޓަލް އިންފްރާސްޓްރަކްޗާ: ފަސޭހަ ހުޅުމާލޭގެ ތަސައްވަރު

މާލެ ސަރަހައްދުގައި ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން ކަނޑައެޅި ތަސައްވަރުގެ ދަށުން އުފެދިގެން އައި ހުޅުމާލެ މިއަދު މިވަނީ ވަރަށްވެސް ހިތްފަސޭހަ ސިޓީއަކަށް ބަދަލުވެފައެވެ. އަދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިސްނަގައިގެން ޒަމާނީ ފެންވަރުގެ ޑިޖިޓަލް ސިޓީއަކަށް ހުޅުމާލެ ހެދުމުގެ މަސައްކަތްތައް ވަރަށް ހަލުވިކަމާއެކު އެބަ ކުރިއަށްދެއެވެ.

މި މަސައްކަތުގެ ދަށުން ގިނަގުނަ ލަނޑުދަނޑިތަކެއް މިހާރުވެސް ވަނީ ހާސިލުވެފައެވެ. އަދި މި މަސައްކަތްތައް އެންމެ އެދެވޭ ގޮތެއްގައި ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް ސްމާޓްކޮމްގެ ނަމުގައި އެޗްޑީސީން ނިމިގެންދިޔަ އަހަރު ވަނީ ހާއްސަ ބްރޭންޑެއް ތައާރަފުކޮށްފައެވެ. ސްމާޓްކޮމްގެ ދުރު ތަސައްވުރަކީ ތަފާތު އެކި ކޮމިއުނިޓީތައް ޑިޖިޓަލީ ގުޅުވައިލުމެވެ.

އޯޕަން އެކްސެސް ނެޓްވޯކް

ޑިޖިޓަލް އިންފްރާސްޓްރަކްޗާއެއްގެ މައިގަނޑު އެއް އަސާސް ކަމަށްވާ އޯޕަން އެކްސެސް ނެޓްވޯކް ނުވަތަ އޯ.އޭ.އެން އެއް ހުޅުމާލޭގައި އެޗްޑީސީން ދަނީ ގާއިމުކުރަމުންނެވެ. އަދި މިގޮތުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މި މަސައްކަތުގެ ބޮޑުބައެއް ނިމި، ހިޔާ ފްލެޓުތަކާއި އެ ސަރަހައްދުގައި ދިރިއުޅޭ އިތުރު ފަރާތްތަކަށް މި ވިއުގައިގެ ތެރެއިން ފައިބާ-ޓު-ދަ-ހޯމް (އެފްޓީޓީއެޗް)ގެ ހިދުމަތް މިހާރު ވަނީ ފޯރުކޮށްދެވިފައެވެ. މީގެ ސަބަބުން ކުރިން އިންޓަނެޓް އަދި ޓީވީގެ ހިދުމަތްތަކަށް ވަކިން އަޅާ ފައިބާ ކޭބަލް އެޅުން ފަދަ ކަންކަން ހުންނާނީ ފުރިހަމަވެފައެވެ.

މީގެ ޒަރީއާއިން އިންޓަނެޓް އަދި ޓީވީގެ ހިދުމަތްތައް ފޯރުކޮށްދޭ އެކި ފަރާތްތަކަށް އެއް ވިއުގައެއް މެދުވެރިކޮށް ހިދުމަތްތައް ފޯރުކޮށްދެވޭނެއެވެ. އަދި މީގެ އިތުރުން ހިދުމަތްތައް ފޯރުކޮށްދިނުމަށް ދާ ހަރަދު ކުޑަވެ، އަވަސްކަމާއެކު ރައްޔިތުންނަށް ހިދުމަތްތައް ދިނުމަށް މަގުފަހިވެގެން ދެއެވެ. ހަމަ މިއާއެކު މިފަދަ ހިދުމަތްތައް ދޭ ފަރާތްތަކުން އެއް ވިއުގައެއް ހިއްސާކުރުމުން ގިނަގިނައިން މަގުކޮނުން ފަދަ ރައްޔިތުންނަށް ދަތިވާ ކަންކަން މަދު ކުރެވިގެންދާނެއެވެ. އަދި، ކުރިމަގުގައި މީގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށާއި ވިޔަފާރިތަކަށް ގިނަގުނަ އިޖުތިމާއީ އަދި އިގުތިސާދީ ފައިދާތަކާއި ލުއިފަސޭހަތައް ލިބިގެން ދާނެއެވެ.

އެޗްޑީސީން ފަރުމާކޮށްފައިވާ އޯޕަން އެކްސެސް ނެޓްވޯކް މެދުވެރިކޮށް ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް މިހާރު ވަނީ ދިރާގު، އުރީދޫ އަދި މީޑިއާނެޓުން ހިދުމަތް ދޭން ފަށައިފައެވެ.

އެޗްޑީސީގެ މުއާސަލާތީ ޓަވަރުތައް

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓް ސަރަހައްދުގައި މޮބައިލް ކަވަރޭޖް ރަނގަޅު ކުރުމަށްޓަކައި ޖަހާފައިވާ މުއާސަލާތީ ޓަވަރުތަކަކީ ވަރުގަދަ ޑިޖިޓަލް އިންފްރާސްޓްރަކްޗާއެއް ގާއިމުކުރުމަށް މިހާތަނަށް އެޗްޑީސީން ކޮށްފައިވާ މުހިއްމު އަނެއް މަސައްކަތެވެ.

ދިރާގު އަދި އުރީދޫން މިހާރު ވަނީ މި ޓަވަރުތައް މެދުވެރިކޮށް އެ ފަރާތްތަކުގެ މޮބައިލް ކަވަރޭޖް ހިދުމަތް ފަށައިފައެވެ. މިގޮތަށް މިފަދަ ކުންފުނިތަކުން އެއް ޓަވަރުތަކެއް ބޭނުންކުރުމުން ތަފާތު ފަސޭހަތަކާއި ފައިދާތައް ވެއެވެ. މުއާސަލާތީ ހިދުމަތްދޭ ފަރާތްތަކުން ޓަވަރުތައް ޖެހުމަށް އަދި ބެލެހެއްޓުމަށް ދާ ހަރަދު ކުޑަވުމުގެ އިތުރުން، އަވަސްކަމާއެކު އެފަދަ ސަރަހައްދުތަކަށް ކަވަރޭޖް ފުޅާކުރުމަށް މަގުފަހި ވެގެންދެއެވެ. މީގެ އިތުރުން، ޓަވަރުތަކުގެ އަދަދު މަދުކުރެވުމުން، މިކަމަށް ބޭނުންކުރާ ބިންތައް މަދު ކުރެވި، ތިމާވެއްޓަށާއި އަދި ސިޓީއަށް އިތުރު ފުރިހަމަކަން ގެނެސްދެއެވެ.

ކުރިއަށް އޮތްތަނުގައި މޮބައިލް ކަވަރޭޖް ރަނގަޅުކުރުމަށް އިތުރު ޓަވަރުތަކާއި، ސްޓްރީޓް ޕޯލް އަދި ރޫފްޓޮޕް ޕޯލްތައް ޖެހުމަށް އެޗްޑީސީން ވަނީ ވިސްނައިފައެވެ.

ސްމާޓް އިކޯސިސްޓަމަކަށް ސްމާޓް ސިޓީ ޕާޓްނާޝިޕް

ޒަމާނީ ޑިޖިޓަލް ސިޓީއަކަށް ވާސިލުވުމަށް ހުރިހާ މަސްލަހަތުވެރި ފަރާތްތައް ހިމެނޭހެން ފުރިހަމަ ސްމާޓް ސިޓީ އިކޯސިސްޓަމެއް އުފެއްދުމަކީ މުހިއްމު ކަމެކެވެ. މިގޮތުން ނިމިދިޔަ ސެޕްޓެމްބަރު މަހު އެޗްޑީސީގެ ސްމާޓް ސިޓީ ޕާޓްނާޝިޕް ޕޮލިސީގެ ދަށުން އެކަމަށް ޝައުގުވެރިކަން ހުރި ގާބިލު އާއްމު ފަރުދުންނާއި ކުދި، މެދު، އަދި މަތީ ފަންތީގެ ވިޔަފާރިތަކަށް އެޗްޑީސީއާ ގުޅިގެން ތަފާތު ސްމާޓް ހިދުމަތްތައް ދިނުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. އެހެނީ ރައްޔިތުންގެ ދިރިއުޅުން މިހާރަށްވުރެ އުޖާލާ ކުރުމަށް ފުރިހަމަވާންޖެހޭ ގިނަ ކަންކަމަކީ ސަރުކާރާއި، ވިޔަފާރިތަކުގެ އިތުރުން އާއްމު ފަރުދުން ގުޅިގެން އެކުއެކީގައި ކުރެވޭނެ ކަންކަމެވެ.

ޒަމާނީ ފެންވަރުގެ ޑިޖިޓަލް ސިޓީއެއް

މި އިންފްރާސްޓްރަކްޗާ މަސައްކަތްތަކުގެ ސަބަބުން އެޗްޑީސީން ތަސައްވަރު ކުރާފަދަ ޑިޖިޓަލް ސިޓީއަކަށް ކުރިމަގުގައި ހުޅުމާލެ ބަދަލުވެގެން ދާނެއެވެ. ހިދުމަތްތައް ލުއިފަސޭހަވެ، ވިޔަފާރިއާއި އިގުތިސާދު ކުރިއަރައި، އާމްދަނީގެ އިތުރު ދޮރުތައް ހުޅުވި، އަދި ދިރިއުޅުމުގެ ފެންވަރުގެ ރަނގަޅުވެ، ވެށީގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުވެގެން ދާނެކަމީ ޔަގީންކަމެވެ.