އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ހައި ކޯޓުގެ އަމުރެއް ސަސްޕެންޑު ކުރުމަށްފަހު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިކަމަށް ތުހުމަތުކުރެވޭ މީހަކު ބަންދުން ދޫކޮށްލަން އަމުރުކޮށްފިއެވެ.
ހައިކޯޓުގެ އަމުރު ސަސްޕެންޑުކޮށް ބަންދުން ދޫކޮށްލީ ހިތަދޫ، މަންދޫބުގެ ރުޝާން އަހުމަދު ދީދީއެވެ. އޭނާ ބަންދުން ދޫކޮށްލަން އަމުރުކުރީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީއުދީން އަހުމަދެވެ.
މެޖިސްޓްރޭޓް ރަފީއުދީން ކުރި އެ ހުކުމުގައި ބުނެފައިވަނީ ރުޝާންގެ ބަލި ހާލަތަށް ރިއާޔަތްކޮށް އޭނާ ބަންދުކުރަން ހައި ކޯޓުން ނެރެފައިވާ އަމުރު 90 ދުވަހަށް ސަސްޕެންޑުކުރާ ކަމަށެވެ. އަދި 90 ދުވަސް ވަންދެން ބޭސްފަރުވާގެ ކަންކަމަށް ރުޝާން ދޫކުރަން ހުކުމްކުރާ ކަމަށެވެ. އޭނާ ދޫކޮށްލާފައިވަނީ ޝަރުތުތަކާއެކުއެވެ.
އެ ޝަރުތުތަކަކީ 90 ދުވަސް ވަންދެން މައްސަލައިގެ ހެކިވެރިންނާ މުއާމަލާތް ނުކުރުމާއި ރޭގަނޑު 12 އިން ފެށިގެން ހެނދުނު 6:00 އަށް ގެއިން ބޭރަށް ނުނިކުތުމެވެ.
މެޖިސްޓްރޭޓު ކޯޓުގެ އެ ހުކުމާ ގުޅިގެން މިއަދު ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމު ވިދާޅުވީ ހައި ކޯޓުގެ އަމުރެއް ދިރިއޮއްވައި (ބާތިލު ނުވަަތަ ބަދަލު ނުކުރާ ހިދަކު) އެ ހުކުމެއް ސަސްޕެންޑު ކުރުމަކީ މެޖިސްޓްރޭޓަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ މީހަކު ބަންދުން ދޫކޮށްލަން ބޭނުންވާނަމަ ރަނގަޅު ސަބަބެއް ދައްކަން ޖެހޭނެ ކަމަށެވެ.
ޝަމީމު ވިދާޅުވީ މެޖިސްޓްރޭޓު ކޯޓުގެ އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށެވެ. އަދި އެ ހުކުމްކުރި މެޖިސްޓްރޭޓުގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހަޅާނެ ކަމަށެވެ.
"ހައިކޯޓުގެ ހުކުމެއް ދިރި އޮއްވައި، އެހުކުމް ސަސްޕެންޑުކުރުމަކީ ދަށުކޯޓަކުން މެޖިސްޓްރޭޓަކު ކުރާ ކަހަލަ ކަންކަމެއްނޫން. މީހަކު ދޫކޮށްލަން ބޭނުންފުޅިއްޔާ، ރަނގަޅު ސަބަބެއް ދައްކަވާންވާނެ. މިގޮތަށް ނިންމާ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށް، ޖޭއެސްސީގައި ޝަކުވާވެސް ކުރާނަން،" ޝަމީމު ވިދާޅުވިއެވެ.
ކޯޓުތަކާ ބެހޭ ގާނޫނުގައިވާ ގޮތުން ހައި ކޯޓުގެ އަމުރަކަށް ބަދަލެއް ގެނެވޭނީ ސުޕްރީމް ކޯޓަށެވެ. އަދި ދަށު ކޯޓުތަކުން މަތީ މަރުހަލާގެ ކޯޓުތަކުގެ ނިންމުންތަކަށް އަމަލުކުރަން ޖެހޭނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު