އެއީ މއ. ސެވަންއެންޑްހައުސްއަށް ވަންނަން އޮންނަ ހިމަ ގޯޅިގަނޑެވެ. ފުޅާމިނުގައި ގާތްގަނޑަކަށް ތިން ވަރަކަށް ފޫޓު ހުންނަ އެ ގޯޅިގަނޑުގެ އެއް ފަރާތުގައި ރަޖައެއް އަޅައިގެން ބަންޑުން ނިދާފައި އޮތީ ޓްރެކްސޫޓެއް ލައިގެން ހުސް ގަޔާ އޮތް މީހެކެވެ. އެއްޗެއްގައި ބޯ އަޅާލައިގެން އޮތް އިރު, ގޯޅިގަނޑުގެ ފުޅާ މިނުގައި ބާކީ އޮތީ ފޫޓެއްހާ ޖާގައެވެ. ނަމަވެސް އެއީ ދިރިއުޅޭނެ ވަކި ތަނެއް ނެތި, މަގުމަތިވެފައިވާ މީހެއް ނޫނެވެ. އެ ގޭގެ ވެރިފަރާތެވެ.
މިއީ ޑުރަގާ ދެކޮޅަށް ފުލުހުން ހިންގާފައިވާ އޮޕަރޭޝަންތަކުގެ މައުލޫމާތު ދިނުމަށް ޑްރަގް އެންފޯސް ޑިޕާޓްމަންޓުން އިސްކަންދަރު ކޮށީގައި އިއްޔެ ބޭއްވި "މީޑިއާ އިވެންޓް" ގައި ޑުރަގް ކެފޭތަކުގެ ހާލަތާއެކު މީޑިއާއަށް ދައްކާލި ފޮޓޯއެކެވެ.
"މިއީ ގޭގެ ވެރިފަރާތް. ގޭގެ ވެރިފަރާތުގެ އެއްބާރުލުމާއެކު ތަން (ޑުރަގް ކެފޭ) ބަންދުކުރީ. ނަމަވެސް މިތަނަށް ވަންނަ ގުރޫޕްތަކުން, ގޭގެ ވެރިފަރާތަށް ބިރު ދައްކައި, ނަގައި ބޭރަށް އެއްލާލާފަ މިއޮތީ. އެމީހުން ދެން ވަދެ މަސްތުވާތަކެތި ބޭނުންކުރަނީ. އަޅުގަނޑުމެން ސީނަށް އެޓެންޑުވާއިރު, ބައެއް ފަހަރު ވެރިފަރާތް ކޮޓަރި ތެރޭގައި އޮވޭ. އޭނަ ވަށައިގެން ތިބެ ޑުރަގް ބޭނުންކުރޭ,"
ފޮޓޯގެ ތަފުސީލު ދެއްވަމުން ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޖަމްޝީދު ވިދާޅުވިއެވެ.
އެ ފޮޓޯއާއެކު ހިމަނާފައިވާ އިތުރު ފޮޓޯއިން ފެންނަނީ ޑުރަގް ކެފޭއިން ހިދުމަތް ހޯދާ ބައެއް "ކަސްޓަމަރުންނެވެ". އަނެއް ދެ ފޮޓޯގައި ފެންނަނީ ދަގަނޑުން ވެލްޑިން ކޮށްފައިވާ ކެފޭގެ ގޭޓާއި އެ ގޭޓު ހަލާކުކޮށްލަން ފުލުހުން މަސައްކަތްކުރާ ތަނެވެ.
ޖަމްޝީދު ވިދާޅުވި ގޮތުގައި, ޑުރަގް ކެފޭއެއްގެ ގޮތުގައި މާލޭގައި ހިންގަމުންދަނިކޮށް އެ ގެ އެންމެ ފަހުން ބަންދުކުރީ ވެރިފަރާތުގެ ހުއްދައާއެކު އިއްޔެރޭގައެވެ. މީގެ ކުރިން އެތައް ފަހަރަކުވެސް އެތަން ބަންދުކުރިއެވެ. ނަމަވެސް ދޮރު ހަލާކުކޮށްލައިގެން ވަދެ ޑުރަގް ބޭނުންކުރަނީއެވެ. އެކަން ބޮޑުވެގެން އެތަނުގެ ބޭރުގައި ފުލުހުން ފޯރިވެސް މަރަންފެށިއެވެ. ނަމަވެސް ފުލުހުން ނުތިބޭ ވަގުތު ބަލައި, އެތަން ފަޅާލައެވެ.
ޖަމްޝީދު ވިދާޅުވި ގޮތުގައި، މާލޭގައި ކެފޭ އުސޫލުން ޑުރަގުގެ ވިޔަފާރިކުރާ ތަންތަން ހުޅުވެން ފެށީ 2019 ވަނަ އަހަރުގެ ފަހުކޮޅެވެ. ކޮވިޑް-19އާ ގުޅިގެން މުޅި މާލެ ލޮކްޑައުން ވުމުން، ޑުރަގް ވިޔަފާރިކުރާ މީހުން، އެމީހުންގެ ވިޔަފާރިއަށް ޑުރަގް ބޭނުންކުރާ މީހުންގެ ގެތަކާއި މާލޭގައި ބާވެފައި ހުރި ތަންތަން ކުޑަ އަގެއްގައި ކުއްޔަށް ނަގައި، އައްޑާ ހެދިއެވެ. ކުދިކުދި ކޮޓަރިތަކުގައި 20-25 މީހުން ތޮއްޖެހި، ބިއް ޖެހިގެން ޑުރަގް ނަގަން ފަހި ކޮށްދިނީ ރޭވުންތެރިކަމާއެކުއެވެ.
މިއަދު އެފަދަ 46 ތަނެއް މާލޭގައި އެކަނިވެސް އެބަ ހިންގައެވެ. އެ ވިޔަފާރި ދުވަހަކަށްފަހު ދުވަހެއް ފުޅާވެ ކުރަމުންދާ އިރު، އެތަންތަނުން އާންމުކޮށް 1118 ދިވެހިން ހިދުމަތް ހޯދައެވެ.
އެ ވިޔަފާރި ބޮޑުވެ، އެތަންތަން ބަންދުކުރަން ފުލުހުން ނުކުތެވެ. ނަމަވެސް އެކަމަށް ފުރަތަމަ ހުރަހަކަށްވީ ކޯޓެވެ. ކޯޓު އަމުރުގެ ދަށުން އެތަންތަން ބަންދު ނުކުރެވޭނެ ކަމަށް ނިންމުމުންނެވެ. ފަހުން ޕްރޮސިކިއުޓާ ޖެނެރަލްގެ ލަފަޔާއެކު، މަސްތުވާތަކެތީގެ ގާނޫނުގެ ދަށުން ދައުވާ ކުރުމަށް، އެގެތަކުގެ ވެރިންނަށް އިންޒާރުދީ އަންގަން ފެށިއެވެ.
ނަތީޖާއެއްގެ ގޮތުން، 12 ތަނެއް ފިޔަވައި އެހެން ހުރިހާ ތަނެއް ވެރިފަރާތުން އެއްބާރުލުން ދީގެން ބަންދުކުރިއެވެ. ބަންދު ނުކުރި ތަންތަނަށް ކޯޓު އަމުރާއެކު ވަދެ ބަންދުކޮށް، ތަހުގީގުކޮށް ޕީޖީއަށް ފޮނުވަން ފެށިއެވެ. ނަމަވެސް މިހާތަނަށް ދައުވާ ކުރުމަށް ފޮނުވާފައި ވަނީ އޭގެ ތެރެއިން ހަތަރު ގެއެއްގެ ވެރިފަރާތަށެވެ.
ފުލުހުން އެންމެ ފަހުން ބަންދުކުރި ޑުރަގް ކެފޭތައް:
- މ. ސައްމާމުއާގެ
- މއ. ސެވަންއެންޑްހައުސް
- މ. ދެރަހާ
ޖަމްޝީދު ވިދާޅުވި ގޮތުގައި، ޑުރަގް ކެފޭގެ ގޮތުގައި ހިންގާ ބައެއް ތަންތަން ބަންދުކުރުމުގެ ބާރު ވެރިފަރާތަކަށް ނޯވެއެވެ. އެތަންތަނަށް ބާރު ހިންގަނީ މާލޭގައި އުޅޭ ގޭންގުތަކުންނެވެ. އެމީހުންގެ މީހުންނާއި ކަސްޓަމަރުންނެވެ. އެމީހުން ކުއްޔަށް ދޭ ތަން، ވެރިފަރާތް އަތުން ނަގައި، ވެރިފަރާތުގެ ބާރު ކަނޑުވާލަނީއެވެ. އެހެންކަމުން ވެރިފަރާތުގެ ހުއްދައާއެކު، އެތަންތަން ބަންދުކުރިޔަސް، ފަޅާލަނީއެވެ.
ޑުރަގް ކެފޭގެ މައްސަލަ މިހާރުވެސް މިއޮތީ އިންތިހާ ދަރަޖައިގެ ނުރައްކާތެރި ހިސާބެއްގަ އެވެ. ގޭގޭގެ ވެރީންނަށް އަމިއްލަ ބާރު އެމީހުންގެ ގޭގެއަށް ނުހިންގޭ ހިސާބުގަ އެވެ. ފުލުހުންނަށް ކޮޓްރޯލު ނުކުރެވޭ ހިސާބުގަ އެވެ. ޒުވާން ޖީލެއް މި ވަބާގައި ނެތި ދަނީ އެވެ. ސީރިއަސް އަދި އަވަސް ފިޔަވަޅުތަކެއް ނާޅައިފި ނަމަ މާދަމާގެ ހާލަތު އޮންނާނީ ހިތަށް ވެސް ނުގެނެވޭ ފަދަ ބިރުވެރިކޮށެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް