އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދިޔަ ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އޭނާގެ ފިރިމީހާ މާވިންގެ ދިވެހި ލޯބިވެރިޔާ ޅ. ހިންނަވަރު ހަލީމަތު ލަމްހާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް މިއަދު ކުރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ލަމްހާގެ މައްޗަށް ދައުލަތުން ވަނީ ތިން ދައުވާއެއް އުފުލާފައިވެއެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާއެވެ. އެ ހުރިހާ ދައުވާއެއް ސާބިތުވެއްޖެ ނަމަ ލަމްހާގެ މައްޗަށް ހަ އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ލަމްހާގެ މައްޗަށް އުފުލާފައިވަނީ މޭރީ މަރާލުމުގައި އެހީތެރިވެދީފައިވާތީ އާއި މޭރީ މަރާލުމަށް ރޭވި ރޭވުމުގައި ބައިވެރިވެ، މޭރީ މަރާލުމުގެ އަމަލު ހިންގުމަށް މާވިންއަށް މަގުފަހިކޮށްދީފައިވާ ކަމުގެ ތުހުމަތުގައެވެ.
ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާ ލަމްހާގެ މައްޗަށް އުފުލާފައިވަނީ ކުރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ލަމްހާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު، އެ ގޭގައި އޭނާ ދިރިއުޅޭ ކޮޓަރި ތެރެއިން ހޮސްޕިޓަލް އަދި ފަރުވާދޭ މަރުކަޒުތަކުގެ ބޭނުމަށް އެކަނި ދޫކުރެވޭ ބާވަތުގެ ބޭސްތަކެއް ފެނިފައިވާތީއެވެ.
އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާ ލަމްހާގެ މައްޗަށް އުފުލާފައިވަނީ އޭނާ ދިރިއުޅެމުން އަންނަ ކޮޓަރި ތެރެއިން ފެނުނު ސިޓީ އުރައެއްގެ ތެރެއިން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ ހުއްދައަކާ ނުލައި އެ ހޮސްޕިޓަލުން އޭނާ ނަގާފައިވާ، ހޮސްޕިޓަލުން ބޭރަށް ގެންދިއުން މަނާ އަދި ހޮސްޕިޓަލުގެ ބޭނުމަށް އެކަނި ދޫކުރެވޭ އިންޖެކްޝަންތަކެއް ފެނިފައިވާތީއެވެ.
ކުރިމިނަލް ކޯޓުގައި މިއަދު ވަނީ އެ މައްސަލަތަކުގެ އިބްތިދާއީ އަޑުއެހުން ކުރިއަށް ގެންގޮސްފައެވެ. އެ އަޑުއެހުމުގައި ދައުލަތުން ވިދާޅުވީ، މޭރީގެ ޓޮކްސޮލޮޖީ ރިޕޯޓު ނިމި އެ ރިޕޯޓުގެ ނަތީޖާ އަނގަބަހުން މިހާތަނަށް ލިބިފައިވާ ކަމަށެވެ. އެ ރިޕޯޓުގައި ލަމްހާ އައިޖީއެމްއެޗުން ވަގަށް ނެގި ކަމަށް ތުހުމަތުކުރެވޭ އިންޖެކްޝަންތަކުގެ އަސަރާއި ލަމްހާގެ ގެއިން ފެނުނު އިންޖެކްޝަންތަކުގެ އަސަރު މޭރީގެ ލޭގައި ހުރި ކަމަށް ދައުލަތުން ވިދާޅުވިއެވެ.
ލަމްހާ ވަގަށް ނަގި ކަމަށް ތުހުމަތުކޮށްފައިވަނީ "ސަކްސަނީލްކޯލީން" އިންޖެކްޝަނެވެ. މިއީ ހޭނައްތަން ބޭނުންކުރާ އިންޖެކްޝަންގެ ވައްތަރެކެވެ. އެ އިންޖެކްޝަންގެ ޑޯޒު މަތިކޮށް ދީފިނަމަ މީހަކު މަރުވެދާނެ ކަމަށް ވެސް ދައުލަތުން ވިދާޅުވިއެވެ.
އަޑުއެހުމުގައި ލަމްހާގެ ދިފާއީ ވަކީލު އެދުނީ، ދައުލަތުން ހުށަހަޅާފައިވާ ލިޔެކިޔުންތައް ދިރާސާކުރުމަށް ހަތަރު ދުވަހުގެ މުއްދަތެއް ބޭނުންވާ ކަމަށާއި، އަދި ދައުލަތުން ވިދާޅުވާ ރިޕޯޓަކީ ލިޔުމުން ކޯޓަށް ހުށަހަޅާފައި ނެތް އެއްޗަކަށްވާތީ ދައުލަތުން އެ ވާހަކަތައް ދައްކާ ނިޔަތާމެދު ސުވާލު އުފައްދައިފައެވެ.
މި މައްސަލަ ގާޒީ ހުސެއިން ފާއިޒު ރަޝީދު ވަނީ ލިޔެކިޔުންތައް ދިރާސާކުރުމަށް ދިފާއަށް ހަތަރު ދުވަހުގެ މުއްދަތެއްދީފައެވެ.
މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ލަމްހާގެ އިތުރުން ދެން ހައްޔަރުކޮށްފައިވަނީ މޭރީގެ ފިރިމީހާ މާވިން އެވެ. ދައުލަތުން މާވިންގެ އުފުލާފައިވަނީ އެނގިހުރެ މީހަކު މެރުމުގެ ދައުވާއެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ އޭނާއަށް ދިހަ އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. މާވިން ވަނީ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައެވެ.
ދައުލަތުން ބުނީ މާވިންގެ މައްޗަށް އެނގިހުރެ މީހަކު މެރުމުގެ ދައުވާ އުފުލާފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 19 ވަނަ ދުވަހުގެ މެންދުރު 12:00 އާއި 12:49 އާ ދެމެދުގެ ވަގުތެއްގައި އޭނާ ދިރިއުޅޭ މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގެ ތެރޭގައި މޭރީ ބޮލާއި ކަރަށް ހަމަލާދީގެންނާއި ނޭވާ ހާސްކޮށްގެން މަރާލާފައިވާތީ ކަމަށެވެ.
މޭރީ ގްރޭސްގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންގޮސްފައިވަނީ ފިރިމީހާ މާވިންއެވެ. އެއިރު އެތާގައި ތިބި ހޮސްޕިޓަލުގެ އެހެން މުވައްޒަފުން ކައިރީގައި ބުނެފައިވަނީ މެރީ ގްރޭސް މަރުވެފައިވަނީ ދަން ޖެހިގެން ކަމަށެވެ. ނަމަވެސް ފުލުހުން މައްސަލަ ތަހުގީގު ކުރީ މޭރީގެ މަރުގައި ޝައްކުތަކެއް ހުރުމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު