ދުނިޔޭގެ ނަން މަޝްހޫރު ހުނަރުވެރި ކޮންމެ ފުޓްބޯޅަ ކުޅުންތެރިޔަކީ މިލިޔަނަރެކެވެ. އެގޮތުން ފުޓްބޯޅަ މިލިޔަނަރުން ވަރަށް ގިނައެވެ. ބޮޑެތި ކުލަބުތަކަށް ކުޅެނީ މުޅިންވެސް މިލިޔަނަރުންނެވެ. އެކަމަކު ބިލިއަނަރެއްގެ ދަރަޖައަށް ވާސިލް ވެވިފައިވަނީ މިހާތަނަށް އަދި އެންމެ ކުޅުންތެރިޔަކަށެވެ. އެ ކުޅުންތެރިޔާ އަދިވެސް އެބަކުޅެއެވެ. ނިމިގެންދިޔަ 2021 ވަނަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ހޯދާފައިވަނީ ވެސް އޭނާއެވެ. ހުސްވި އަހަރު ކުލަބުންދިން މުސާރަޔާއި އެކިއެކި އިޝްތިހާރުތަކުންނާއި އެނޫންވެސް ގޮތްގޮތުން އެކުޅުންތެރިޔާއަށް 125 މިލިޔަން ޑޮލަރުގެ އާމްދަނީއެއް ހުސްވި އަހަރު އެކަނިވެސް ލިބިފައިވެއެވެ.

ދުނިޔޭގައި އަދި މިހާތަނަށް އުފެދުނު ހަމައެކަނި ބިލިއަނަރ ފުޓްބޯޅަ ކުޅުންތެރިޔަކީ އިންގްލެންޑުގެ މެންޗެސްޓަރ ޔުނައިޓެޑަށް ކުޅޭ ޕޯޗުގަލްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މިޒަމާނުގެ ފުޓްބޯޅައިގައި ހުނަރާއި ފައިސާޔާއި ކާމިޔާބީގެ މިންގަނޑުތަކުން މިނެކިރައިލީމާ ތިން ކުޅުންތެރިޔަކު އެހެން ހުރިހާ ކުޅުންތެރިންނަށްވުރެ މާމަތީގައި ފިޔަޖަހާ މަންޒަރު ފެންނާނެއެވެ. މިކަން މިހެން ބައްޓަންވެފައިވާތާ ދިހަބާރަ އަހަރު ވެއްޖެއެވެ. އެ ތިން ކުޅުންތެރިންނަކީ ރޮނާލްޑޯ އާއި ފްރާންސްގެ ޕީއެސްޖީއަށް ކުޅޭ އާޖެންޓީނާގެ ލަޔަނަލް މެސީ އާއި ބްރެޒިލްގެ ނޭމާއެވެ. ހުސްވި އަހަރު ދެވަނަޔަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ މެސީއަށެވެ.

މެސީގެ ޖުމްލަ އާމްދަނީގެ މިންވަރަކީ 110 މިލިޔަން ޑޮލަރެވެ. ލިސްޓުގެ ތިންވަނަޔަށް އަންނަ ނޭމާއަށް ހުސްވި އަހަރު ލިބިފައިވާ އާމްދަނީގެ ޖުމްލަޔަކީ 95 މިލިއަން ޑޮލަރެވެ. ކުލަބުންދޭ މުސާރަޔަށް ބަލާއިރު މެސީއާއި ނޭމާއަށްވެސް ލިބިފައިވަނީ އެއްވަރަކަށެވެ. އެއީ 75 މިލިޔަން ޑޮލަރެވެ. ރޮނާލްޑޯއަށް މުސާރައިގެ ގޮތުގައި ލިބިފައިވަނީ އެއަށްވުރެ 5 މިލިޔަން މަދުން 70 މިލިޔަން ޑޮލަރެވެ. އެކަމަކު އިޝްތިހާރުތަކުންނާއި އެނޫންވެސް ގޮތްގޮތުން ރޮނާލްޑޯގެ އާމްދަނީ މާބޮޑަށްވެސް މަތިވަނީއެވެ. އެންޑޯޒްމަންޓުތަކުން ރޮނާލްޑޯއަށް 55 މިލިޔަން ލިބިފައިވާއިރު މެސީއަށް ލިބިފައިވަނީ 35 މިލިޔަނެވެ ނޭމާއަށް 20 މިލިޔަނެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯއަށް މިހާރު 37 އަހަރެވެ. ލަޔަނަލް މެސީއަށް 34 އަހަރެވެ. ނޭމާއަށް 30 އަހަރެވެ. އެހެންވީމާ ރޮނާލްޑޯ އާއި މެސީ އެތިބީ ރިޓަޔަމަންޓާއި ގާތްވެފައެވެ. ނޭމާގެ ކެރިއަރުވެސް މެދުއުޑުން އެވަނީ ލަނބާލައިފައެވެ. ދާދިއަވަހަށް ޒުވާން އެހެން ކުޅުންތެރިޔަކު ނުވަތަ ކުޅުންތެރިންތަކެއް އާމްދަނީގެ ލިސްޓުން ކުރިހޯދައިފާނެއެވެ. އެކަމުގެ ކުލަވަރު މިހާރު އެބަފެނެއެވެ. މެސީއާއި ރޮނާލްޑޯ އަދި ނޭމާގެ ދައުރު އަސުރަށް ލަނބާލާފައިވާއިރު ދެން އެބައި ފޫބައްދާނެ ތަރީންގެ ތެރެއިން އެންމެ އުހުގައިވާ ކުޅުންތެރިޔަކީ ފްރާންސްގެ ޕީއެސްޖީއަށް ކުޅޭ ފަރަންސޭސި ފޯވާޑު ކީލިއަން އެމްބައްޕޭއެވެ.

އުމުރުން އެންމެ 23 އަހަރުވީ އެމްބައްޕޭ އުޅެނީ އާމްދަނީގެ ގޮތުން ހުސްވި އަހަރުގެ ލިސްޓުގެ ހަތަރުވަނައިގައެވެ. ކުލަބުން މުސާރައިގެ ގޮތުގައި އެމްބައްޕޭއަށް ހުސްވި އަހަރު ލިބުނީ 28 މިލިޔަން ޑޮލަރެވެ. ވިޔަފާރި އިޝްތިހާރުތަކުން ލިބުނީ 15 މިލިޔަނެވެ. އެހެންވީމާ އޭނާއަށް ހުސްވި 2021 ވަނަ އަހަރު ލިބިފައިވާ ޖުމްލަ އާމްދަނީގެ މިންވަރަކީ 43 މިލިޔަން ޑޮލަރެވެ. ލިސްޓުގެ އެންމެ ކުރީގައި އުޅޭ ދެ މީހުންގެ އާމްދަނީ 100 މިލިޔަނުން މަތީގައި އުޅޭއިރު އަދި ތިންވަނާގައިވާ ނޭމާގެ އާމްދަނީ 100 މިލިޔަނާ ގާތްކުރާއިރު ހަތަރުވަނައިން ފެށިގެން ދެން ފަހަތުގައި ތިބި މީހުންގެ ޖުމްލަ އާމްދަނީ 50 މިލިޔަނަށްވެސް ނާރައެވެ. އެކަމުގެ ފަހަތުގައި ވަރަށް ގިނަގުނަ ސަބަބުތަކެއް އެބަހުއްޓެވެ.

އާމްދަނީގެ ލިސްޓުން އެމްބައްޕޭއަށް މިއަހަރު ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނޭކަމަށް ޔަގީން ކުރެވެއެވެ. އޭނާ މިހާރު ޕީއެސްޖީއާއެކު ހަދާފައިވާ ކޮންޓްރެކްޓް މިއަހަރު ހަމަވާނެއެވެ. ހަފުތާއަކު އެއްމިލިޔަން ޑޮލަރުގެ މުސާރައެއް ލިބޭ އައު ކޮންޓްރެއް ކުލަބުގެ ފަރާތުން މިހާރުވެސް ވަނީ ހުށައަޅައިފައެވެ. އެވަރުގެ މުސާރައެއް ނުދެވުނަސް އެކި ކަހަލަ ބޯނަސްތަކާއި އެނޫންވެސް އިނާޔަތްތައް ހިމަނައިގެން އެވަރުގެ ނުވަތަ އެއަށްވުރެވެސް ބޮޑު އާމްދަނީއެއް ލިބޭ ގޮތަށް ސްޕޭނުގެ ރެއާލް މެޑްރިޑުންވެސް ދަނީ އެމްބައްޕޭގެ ސޮއި އަތުލުމަށް މަސައްކަތް ކުރަމުންނެވެ. އެމްބައްޕޭއަކީ ދުވެލި ބާރު ކޮށްޓުން މޮޅު ކުޅުންތެރިއެކެވެ.

އެހެންވީމާ ކޮންމެ ކުލަބަކާއެކު އޭނާ ކޮންޓްރެކްޓް ހެދިޔަސް މުސާރައިގެ ގޮތުގައި އެކަނިވެސް އަހަރަކު 70 މިލިޔަން ޑޮލަރު އޭނާއަށް ކަށަވަރުވާނެއެވެ. އެހިސާބުން އެންޑޯޒްމަންޓުތައް ވެސް މާގިނައިން އޮހޭނެއެވެ. މެސީއާއި ރޮނާލްޑޯގެ ތާޖުގެ ހައްގުވެރިޔަކީ އެމްބައްޕޭކަމަށް ބެލެވޭއިރު އޭނާއަކީ އެހެން ދެ ގައުމަކަށްވެސް ނިސްބަތްވާ ކުޅުންތެރިޔެކެވެ. އެމްބައްޕޭގެ ބައްޕަ ވިލްފްރެޑަކީ ކެމެރޫންގެ މީހެކެވެ. މަންމަ ފާއިޒާއަކީ އަލްޖީރިޔާއަށް ނިސްބަތްވާ މީހެކެވެ. އެދެމީހުން އިނދެގެން ކީލިއަން އެމްބައްޕޭ ލިބުނީ ފްރާންސްގައެވެ. އެގޮތުން ފްރާންސްގެ ގައުމީ ޓީމަށް ކުޅެން ފުރުސަތު ލިބުނީއެވެ. އަނެއް ދެ ގައުމުންވެސް ތިބީ އޭނާއަށް ދޮރު ހުޅުވައިގެންނެވެ.