އައިޖީއެމްއެޗްގެ ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ ލޭގައި ހަލީމަތު ލަމްހާ އަބްދުއްރަހުމާނުގެ ގެއިން ފެނުނު އިންޖެކްޝަންގެ އަސަރު ހުރި ކަމަށް ދައުލަތުން ވިދާޅުވެއްޖެއެވެ.

ކުރިމިނަލް ކޯޓުގައި މިއަދު ވަނީ މޭރީގެ މަރުގެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ އިބްތިދާއީ އަޑުއެހުން ކުރިއަށް ގެންގޮސްފައެވެ. މޭރީގެ މަރުގެ މައްސަލައާ ގުޅިގެން ދައުލަތުން ދައުވާކޮށްފައިވަނީ މޭރީގެ ފިރިމީހާ މާވިން އެސްވައި ވާގަސް އާއި ޅ. ހިންނަވަރު/ މާފިނި، ހަލީމަތު ލަމްހާ އަބްދުއްރަހުމާނަށެވެ. އެގޮތުން މާވިންގެ މައްޗަށް އުފުލާފައިވަނީ އެނގި ހުރެ މީހަކު މެރުމުގެ ދައުވާއެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ އޭނާއަށް ދިހަ އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ލަމްހާގެ މައްޗަށް އުފުލާފައިވަނީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާއެވެ. އެ ހުރިހާ ދައުވާއެއް ސާބިތުވެއްޖެ ނަމަ ލަމްހާގެ މައްޗަށް ހަ އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އެ މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވިދާޅުވީ، މޭރީގެ ޓޮކްސޮލޮޖީ ރިޕޯޓު ނިމި އެ ރިޕޯޓުގެ ނަތީޖާ އަނގަބަހުން މިހާތަނަށް ލިބިފައިވާ ކަމަށެވެ. އަދި އެ ރިޕޯޓުގައި ލަމްހާ އައިޖީއެމްއެޗުން ވަގަށް ނެގި ކަމަށް ތުހުމަތުކުރެވޭ އިންޖެކްޝަންތަކުގެ އަސަރާއި ލަމްހާގެ ގެއިން ފެނުނު އިންޖެކްޝަންތަކުގެ އަސަރު މޭރީގެ ލޭގައި ހުރި ކަމަށް ދައުލަތުން ވިދާޅުވިއެވެ.

ލަމްހާ ވަގަށް ނަގި ކަމަށް ތުހުމަތުކޮށްފައިވަނީ "ސަކްސަނީލްކޯލީން" އިންޖެކްޝަނެވެ. މިއީ ހޭނައްތަން ބޭނުންކުރާ އިންޖެކްޝަންގެ ވައްތަރެކެވެ. އެ އިންޖެކްޝަންގެ ޑޯޒު މަތިކޮށް ދީފިނަމަ މީހަކު މަރުވެދާނެ ކަމަށް ވެސް ދައުލަތުން ވިދާޅުވިއެވެ.

ލަމްހާގެ ފަރާތުން ވާހަކަދައްކާފައިވަނީ އޭނާގެ ދިފާއީ ވަކީލެވެ. ދިފާއީ ވަކީލު ވަނީ، ލިޔުމުން ހުށަހަޅާފައި ނެތް ރިޕޯޓެއްގެ ވާހަކަ ދައުލަތުން ދައްކާތީ ސުވާލު އުފައްދައިފައެވެ. އަދި ވިދާޅުވީ، ހާދިސާ ހިނގި ގޭގައި ލަމްހާ 20 މިނެޓު ހޭދަކޮށްފައިވާ ކަމަށް ދައުލަތުން ދައުވާގައި ބަޔާންކޮށްފައިވީ ނަމަވެސް، އެކަމާ ގުޅިގެން ހުށަހަޅާފައިވާ ސީސީޓީވީ ފުޓޭޖު ލިބިފައިނުވާ ކަމަަށެވެ.

އެ ވާހަކަތަކާ ގުޅިގެން ދައުލަތުން ވިދާޅުވީ، އެ ރިޕޯޓުތައް ލިބުމުން އިބްތިދާއީ މަރުހަލާ ކުރިއަށް ގެންދިޔަސް މައްސަލައެއް ނެތް ކަމަށެވެ. އަދި ވިދާޅުވީ ވީޑިއޯ އެންޑް އިމޭޖް އެނާލިސިސް ރިޕޯޓު ނިމުމުން އެ ރިޕޯޓާއި، މޯބައިލް ފޮރެންސިކް ރިޕޯޓުވެސް އަދި ސީސީޓީޓީ ފޫޓޭޖުގެ ވީޑިއޯ ވެސް ދިފާއަށް ހިއްސާކުރާނެ ކަމަށެވެ.

ދައުލަތުގެ ވާހަކަ ނިމުމުން ދިފާއީ ވަކީލު ވަނީ، ދައުވާތަކަށް ޖަވާބު ދިނުމަށާއި، ދައުލަތުން ހުށަހެޅި އެހެނިހެން ލިޔެކިޔުންތައް ބަލައި ދިރާސާކުރުމަށް ވަގުތު ބޭނުންވާ ކަމަށް ވިދާޅުވެފައެވެ. ދައުލަތުން އެކަމާ ގުޅިގެން އެއްވެސް އިއުތިރާޒެއް ފާހަގަ ނުކުރުމުން މައްސަލަ ބައްލަވާ ގާޒީ ވަނީ ހަތަރު ދުވަހުގެ މުއްދަތެއް ދިފާއަށް ދީ، ލަމްހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

މި މައްސަލައިގެ ޝަރީއަތަށް ނޫސްވެރިން ވެއްދުން މަނާކުރުމަށް ވެސް ދިފާއުން ވަނީ އެދިފައެވެ. ސަބަބެއް ކަމަށް ވިދާޅުވީ މައްސަލައިގެ ޝަރީއަތުގައި ލަމްހާގެ ބައެއް ޒާތީ މައުލޫމާތު ފެންމަތިވެ، މީޑިއާތަކަށް އަރައިފާނެތީ ކަމަށެވެ. ނަމަވެސް ގާޒީ އެކަމަށް ގޮތެއް ކަނޑައަޅާފައެއް ނުވެއެވެ.

މި މައްސަލަ ބައްލަވަނީ ގާޒީ ހުސެއިން ފާއިޒު ރަޝާދެވެ.