ސްޕެނިޝް ލަލީގާގައި މިރޭ ބާސެލޯނާއިން ކުޅުނު މެޗުގައި ބޮޑު ތަފާތަކުން ވެލެންސިއާ ބަލިކޮށްފިއެވެ.
މިރޭ ވެލެންސިއާ ދަނޑުގައި ކުޅުނު މެޗު ބާސާއިން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ. ބާސާގެ ކޯޗުކަމާ ޒަވީ ހެނާންޑޭޒް ހަވާލުވިފަހުން އެ ކްލަބު ރަނގަޅު ފޯމެއްގައި ހިފަހައްޓަމުންދާ އިރު، ލީގުގައި އެންމެފަހުން ކުޅުނު ނުވަ މެޗުގައިވެސް އެޓީމު ބަލިވެފައެއް ނުވެއެވެ. ބާސާ އެންމެފަހުން ލީގުގައި ބަލިވެފައި އޮތީ ޑިސެމްބަރު މަހު ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅުނު މެޗުންނެވެ.
މިރޭގެ މެޗުން މޮޅުވެ، ބާސާއިން ވަނީ ލީގު ތާވަލުގެ ހަތަރު ވަނައަށް ޖެހިލައިފައެވެ. މިހާތަނަށް ކުޅުނު 24 މެޗުން 42 ޕޮއިންޓް ބާސާއިން ހޯދާފައިވާ އިރު، ބާސާގެ މަތިން ތިންވަނައިގައި އޮތީ ރެއާލް ބެޓިސްއެވެ. ބެޓިސް އޮތީ 24 މެޗުން 43 ޕޮއިންޓް ހޯދައިފައެވެ. މިވަގުތު ލަލީގާގެ އެއްވަނައިގައި އޮތް ރެއާލް މެޑްރިޑަށް 25 މެޗުން 57 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތީ ސެވިއްޔާއެވެ. ސެވިއްޔާއަށް 25 މެޗުން ވަނީ 51 ޕޮއިންޓް ލިބިފައެވެ.
މިރޭ މެޗުގެ ފުރަތަމަ ހާފުގައި ބާސާ ވަރަށް ބޮޑަށް ޑޮމިނޭޓް ކޮށް ކުޅުނެވެ. ބާސާއިން ހަމަލާތައްވެސް ގިނަކަން ފާހަގަވި އިރު، އެޓީމުން ވަނީ ފުރަތަމަ ހާފުގައި ތިން ގޯލުގެ ލީޑެއްވެސް ނަގައިފައެވެ. ބާސާއަށް އަލަށް ޖެނުއަރީ ޓްރާންސްފާ ސީޒަންގައި ގުޅުނު ޕިއޭ އެމްރިކް އަބަމަޔާން ފުރަތަމަ ހާފުގައި ދެ ގޯލު ޖެހި އިރު، އެއީ އާސެނަލް ދޫކޮށްލި ފަހުން އޭނާ ޖެހި ފުރަތަމަ ގޯލުތަކެވެ.
ޖެނުއަރީ މަހު ޓްރާންސްފާ ސީޒަންގައި އަބަމަޔާން ބާސާ ދޫކޮށް ދިޔައީ ކްލަބުގެ ކޯޗު މިކޭލް އާޓެޓާއާ މައްސަލަތަކެއް ޖެހިގެންނެވެ.
އަބަމަޔާންގެ އިތުރުން ބާސާއަށް ފުރަތަމަ ހާފުގައި ގޯލު ޖަހައިދިނީ ފްރޭންކް ޑި ޔޯންގެވެ. މެޗުގެ ދެވަނަ ހާފު ފެށިގެން ހާފުގެ ކުރީކޮޅުގައި ކާލޮސް ސޮލާ ޖެހި ގޯލަކުން ވެލެންސިއާއިން ނަތީޖާގެ ފަރަގު ކުޑަކުރި ނަމަވެސް އޭގެ 10 ވަރަކަށް މިނެޓް ފަހުން ޕެޑްރީ ޖެހި ހިތްގައިމު ގޯލުން ބާސާ އަނެއްކާވެސް ނަތީޖާގެ ފަރަގު ބޮޑުކޮށް، ތިން ޕޮއިންޓް ޔަގީން ކުރިއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު