އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު މެޗުގައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފިއެވެ.

ލީޑްސްގެ ދަނޑުގައި ކުޅުނު މެޗު ޔުނައިޓެޑުން ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުން ދެ ގޯލު ޖަހައި ހަމަޖެހިލި ނަމަވެސް ފަހު ހާފަށް ނުކުމެ، ދެ މިނެޓް ތެރޭގައި ދެ ގޯލު ޖަހައި ލީޑްސްއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަވެސް ކޮށްފައެވެ. މެޗުގައި އިތުރު ދެ ގޯލު ޖަހައި ޔުނައިޓެޑަށް އަލުން ލީޑު ހޯދައިދީ، ލީޑު ފުޅާކުރީ ބަދަލު ކުޅުންތެރިންގެ ގޮތުގައި މެޗަށް ނުކުތް ކުޅުންތެރިން ދެއްކި ތަފާތުންނެވެ.

ޔުނައިޓެޑުން މިރޭ ހޯދި މޮޅާއެކު އެޓީމު އޮތީ ލީގުގެ ގަދަ ހަތަރެއްގެ ތެރޭގައެވެ. 26 މެޗުން 46 ޕޮއިންޓް ހޯދައިގެން ޔުނައިޓެޑް ހަތަރުވަނައިގައި އޮތް އިރު، ފަސްވަނައިގައި މިވަގުތު އޮތީ ވެސްޓް ހަމްއެވެ. ވެސްޓް ހަމްއަށް 26 މެޗުން ލިބިފައި ވަނީ 42 ޕޮއިންޓެވެ. ހަވަނައިގައި އޮތް އާސެނަލްއިން ލީގުގައި އަދި 23 މެޗު ކުޅެފައި އޮތް އިރު، އެޓީމަށް ވަނީ 42 ޕޮއިންޓް ލިބިފައެވެ. އަދި މިވަގުތު ހަތްވަނައިގައި އޮތް ޓޮޓެންހަމްއަށްވެސް 23 މެޗުން 39 ޕޮއިންޓް ލިބިފައިވާ އިރު، މެޗު ހަމަކޮށް އާސެނަލް އާއި ޓޮޓެންހަމްއަށްވެސް ޔުނައިޓެޑްގެ މައްޗަށް ޖެހިލެވެން އެބައޮތެވެ.

މެޗުގެ ފުރަތަމަ ހާފު ކޮންޓްރޯލްކޮށް ޔުނައިޓެޑުން ވަނީ ހަމަލާތައް އުފައްދައިފައެވެ. އެޓީމުގެ ޑޮމިނޭޓިވް ކުޅުމުގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 33 ވަނަ މިނެޓުގައި ލީޑުވެސް ނެގިއެވެ. އެ ގޯލު ޔުނައިޓެޑުން ޖެހީ ކޯނަރެއްގައެވެ. މިހާތަނަށް ސީޒަންގައި ކުޅުނު މެޗުތަކުގެ ތެރެއިން އެއްވެސް މެޗެއްގައި ކޯނަރަކުން ގޯލު ނުޖެހި އޮތް ޔުނައިޓެޑްގެ އެ ރެކޯޑު ނިމުމަކަށް ގެނައީ ކެޕްޓަން ހެރީ މެގުއާ ޖެހި ގޯލުންނެވެ.

ހާފު ނިމުމުގެ ކުރިން ބްރޫނޯ ފެނާންޑޭޒް ވަނީ ލީޑު ފުޅާވެސް ކޮށްދީފައެވެ. އެ ދެ ގޯލާއެކު ހަމަޖެހިލައިގެން ޔުނައިޓެޑުން ހާފު ނިންމާލި ނަމަވެސް ދެވަނަ ހާފަށް ނުކުމެ ލީޑްސްއިން ކުޅުން ރަނގަޅު ކުރިއެވެ. ދަނޑަށްވެސް ވަރަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ދެޓީމަށްވެސް އުނދަގޫތަކާ ކުރިމަތިވި އިރު، ލީޑްސްއިން މެޗުގެ ނަތީޖާ އެއްވަރުކުރީ ދެ މިނެޓް ތެރޭގައި ޖެހި ދެ ގޯލުންނެވެ.

ލީޑްސްގެ ފުރަތަމަ ގޯލު ރޮޑްރީގޯ ޖަހައިދިން އިރު، އޭގެ މިނެޓެއް ފަހުން ދެވަނަ ގޯލު ޖެހީ ރަފީނިއާއެވެ. އެ ދެގޯލާއެކު މެޗުގެ ނަތީޖާ ހަމަހަމަވި އިރު، މެޗުގެ ނަތީޖާ ޔުނައިޓެޑް ކޮޅަށް އަނބުރާލީ ބަދަލުކުޅުންތެރިންގެ ގޮތުގައި މެޗަށް ނުކުތް ފްރެޑާއި އެންތޮނީ އެލަންގާ ޖެހި ގޯލުތަކުންނެވެ. ފްރެޑުގެ ގޯލަށް ޖޯޑަން ސާންޗޯ ފުރުސަތު ފަހިކޮށްދިން އިރު، އެލަންގާ ޖެހި ގޯލަށް ފުރުސަތު ފަހިކޮށްދިނީ ފެނާންޑޭޒްއެވެ.