ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަކީ ގާނޫނާ ހިލާފަށް އުފައްދާފައިވާ ކޯޓެއްކަމަށާއި، އެކޯޓު އުވާލަން މަސައްކަތްކުރަމުންދާކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ބުނެފިއެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، "ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު އުވާލުމުގެ މަސައްކަތުގެ ތެރެއިން މި ކޮމިޝަނަށް ފާހަގަވި ކަމަކީ އެ ކޯޓު އުފެދިފައިވާ ގޮތުގެ ގާނޫނީ ހައިސިއްޔަތާމެދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 31/S-SC/2012 (05 ޑިސެމްބަރު 2012) ގަޒިއްޔާގައި ފައިސަލާކޮށް ނިޔާ ކަނޑައަޅުއްވާފައިވާކަމެވެ.،"
އެ ގަޒިއްޔާ ބިނާވެފައި ވަނީ ކަނޑައެޅިގެން ގާނޫނާ ހިލާފަށް، އަދި ހަގީގަތާ ވެސް ހިލާފު ކަންތައްތަކެއްގެ މައްޗަށްކަން ފާހަގަ ވާތީ އެ ނިންމުން މުރާޖާކޮށްދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅިކަމަށްވެސް ޖޭއެސްސީން ބުނެފައިވެއެވެ.
ނަމަވެސް އެ ގަޒިއްޔާ ނިންމެވުމުގައި ގާނޫނީ ބޮޑު ފުށުއެރުމެއް އަދި ފާޅުކަން ބޮޑު ބޭއިންސާފެއް ފާހަގަވާން ނެތަތީ އެ ގަޒިއްޔާގެ ނިޔާ މުރާޖާކޮށްދެވެން ނެތް ކަމަށް، އަށެއް ފެބްރުއަރީ 2022 ވަނަ ދުވަހު ސްޕްރީމް ކޯޓުން ނިންމަވާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
"ކޯޓުތަކާ ބެހޭ ގާނޫނުގައި ކަނޑައަޅާފައި ވަނީ މާލޭގައި އުފައްދާނީ ސްޕީރިއާ ކޯޓުތައް ކަމަށެވެ. ރަށްރަށުގައި ހުންނަނީ މެޖިސްޓްރޭޓް ކޯޓުތައް ކަމަށެވެ. ގާނޫނުއަސާސީގައި މާލެ މާނަކޮށްފައި ވަނީ ވިލިނގިއްޔާއި ހުޅުމާލެ ވެސް ހިމެނޭ ގޮތަށެވެ. ހުޅުމާލެއަކީ އަދި ވިލިނގިއްޔަކީ ވެސް އިދާރީ ވަކި ރަށްރަށެއް ނޫނެވެ. މާލޭގެ އަވަށްއަވަށެވެ. މާލޭގައި ސްޕީރިއާ ކޯޓުތައް ގާއިމުކޮށްފައި، އަދިހަމަ މާލޭގެ އަވަށްއަވަށުގައި މެޖިސްޓްރޭޓް ކޯޓުތައް ގާއިމުކުރުމަކީ ގާނޫނާ ހިލާފު ނުވެ ކުރެވޭނެ ކަމެއް ނޫނެވެ. މިކަމަކީ އެއްވެސް އޮޅުމެއް ނެތްހާ ސާފުކޮށް އޮތް ކަމެެއް،" ކަމަށްވެސް ޖޭއެސްސީން ބުނެފައިވެއެވެ.
އެހެންކަމުން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު އުފެދިފައިވާ ގޮތާމެދު ސްޕްރީމް ކޯޓުން ކޮށްފައިވާ ނިޔާ މުރާޖާކޮށްދެވެން ނެތްކަމަށް އެ ކޯޓުން ނިންމި ނަމަވެސް، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު އުވާލުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށްވެސް ޖޭއެސްސީން ބުނެފައިވެއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން
ޖުޑީޝަލް ސާވިސް ކޮމިޝަން
ޖުޑީޝަލް ސާވިސް ކޮމިޝަން
ޖުޑީޝަލް ސާވިސް ކޮމިޝަން