ހިންނަވަރު ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބައްލަވައިލައްވައިފިއެވެ.
ހިންނަވަރު ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.
އެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވައިލެއްވުމަށް ރައީސް އެ ސަރަހައްދަށް ވަޑައިގެންނެވީ މިއަދު ހެނދުނެވެ. އެމަނިކުފާނުގެ އަރިހުގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވެސް ވަޑައިގެންނެވިއެވެ.
ހިންނަވަރު ބަނދަރު ހެދުމުގެ މަސައްކަތުގެ ދަށުން މިހާރު އޮތް ބަނދަރު ތަރައްގީކުރުމާއި އާ ބަނދަރެއް ހެދުމާއި އަދި ބޮޑެތި ބޯޓު ފަހަރަށް ގާތްކުރެވޭ ގޮތަށް ޑީޕް ވޯޓާ ކީވޯލްއެއް ހެދުން ހިމެނެއެވެ. އެގޮތުން ކުރީގެ ބަނދަރުގެ ކީވޯލްގެ މަސައްކަތް ނިމި އާ ބަނދަރު ފުންކުރުމުގެ މަސައްކަތްވެސް މިހާރު ވަނީ ނިމިފައެވެ.
މިހާރު ކުރިއަށްދަނީ އައު ބަނދަރުގެ ކީވޯލްގެ މަސައްކަތެވެ. އާ ބަނދަރަކީ 162 މީޓަރުގެ ދިގުމިނުގައި ހަދާ ބަނދަރެކެވެ.
މި މަޝްރޫއަކީ 99.52 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
އެމްޓީސީސީގެ ސީއީއޯ އާޒިމް ވިދާޅުވި ގޮތުގައި ހިންނަވަރު ބަނދަރުގެ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ނިންމައި ރައްޔިތުންނާ ހަވާލުކުރާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު