ރަށުގެ މަލަމަތިން ފެންނަނީ ގައުމީ ދިދައާއި ސަރުކާރަށް ތާއީދުކުރާ އެކިއެކި ޝުއޫރުތައް ލިޔެފައި ހުރި ބެނާތައް ހިފައިގެން ރަށުގެ ރައްޔިތުން ސަފަކަށް އެތުރި ތިބި މަންޒަރެވެ. ކުޑަކުދީންނާއި އުމުރުން ދުވަސްވީ މީހުން ހިމެނޭހެން ނޫކަށިފުރައިގެ ޒުވާނުންވެސް ތިބީ ބަނދަރު ސަރަހައްދަށް ޖަމާވެއެވެ. ފެންނަފެނުމަށް ހީވަނީ އީދެއް އައިސްގެން އުޅޭހެންނެވެ. ރަށުގެ ބަނދަރާ ގާތްކޮށް، ރަށަށް ފޭބުމާއެކު ލޮލުގައި އަޅައިގަތީ، "ރަށު ރައީސަށް މަރުހަބާ" މިހެން ލިޔެފައިވާ މަރުހަބާ ބޯޑެވެ. ރަން ރީނދޫ ކުލައިން އަކުރުތައް ފަވާލާފައިވާއިރު ވަރަށްވެސް ހިތްގައިމެވެ. މަރުހަބާ ބޯޑުގެ ކުރިމައްޗަށްވާ ގޮތަށް އޮތީ ތިރީހަކަށް ފޫޓު ދިގު، ރަތް ދޫލައެކެވެ. އެ ދޫލައިގެ ދެ އަރިމަތީގައި، ޝަގާފީ ނެށުމަށް ތައްޔާރުވެފައި ތިބި ޒުވާން ފިރިހެން ކުދިންތަކެއް، މާފަތި ހިފައިގެން ތިއްބެވެ. މިއީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، އެމަނިކުފާނުގެ އުފަން ރަށް، ޅ. ހިންވަރަށް ވަޑައިގަންނަވާތީ މަރުހަބާ ކިޔަން އެރަށް ތައްޔާރުވެފައިވާލެއް ފުރިހަމަ ކަމެވެ.

ރައީސް ސޯލިހު ފާދިއްޕޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދެވަނަ މަންޒިލެއްގެ ގޮތުގައި އިއްޔެގެ ހަވީރުގެ ވަގުތެއްގައި ވަނީ، އުފަން ރަށް، ހިންނަވަރަށް ވަޑައިގެންފައެވެ. ހިންނަވަރުން ރައީސަށް ފުރަތަމަ މަރުހަބާ ދެންނެވީ، އެރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނެވެ. ރަތް ދޫލައިގައި، ރައީސް މަޑު ހިންގެވުމެއްގައި ރައްޔިތުންނާ ބައްދަލުކުރައްވަން ހިންގަވަމުން ގެންދެވިއިރު، ފަހަތްޕުޅުން، ފެނިގެންދަނީ، ސަގާފީ ލަވައެވެ. ރައީސަށް މަރުހަބާ ދެންނެވުމަށް، ގިނަ އަދަދެއްގެ ބަޔަކު ބަނދަރު ސަރަހައްދަށް އެއްވެ ތިބިއިރު، އެ އެންމެންނާ ބައްދަލުކުރައްވަން ރައީސަށް ގިނަ ވަގުތުތަކެއް ހޭދަވިއެވެ. މަރުހަބާގެ ސަފު އެމަނިކުފާނުގެ ގެކޮޅު، ނޫރާނީއާގެއާ ހަމައަށް އޮތީ ދަންމާލައިފައެވެ.

ހިންނަވަރަށް ރައީސް ވަޑައިގަތުމުން އެރަށުގެ ރައްޔިތުންގެ ފަރާތުން ފެނިގެން ދިޔައީ އުފާވެރިކަމެވެ. އުފަލުން ފޮޅިފައި ތިބި ރައްޔިތުންތަކެއް ހިންނަވަރުން ފެނިގެން ދިޔައެވެ. ހިންނަވަރަށް ވަޑައިގެން ބަނދަރު ސަރަހައްދުގައި އިސްތިގުބާލަށް ނުކުމެ ތިބި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ފަހު، ރައީސް ދެން ވަޑައިގަތީ އެމަނިކުފާނުގެ އަމިއްލަފުޅު ގެކޮޅު ނޫރާނީއާގެއަށެވެ. ބަނދަރާއި ދުރުނޫން ހިސާބެއްގައި ހުރި ނޫރާނީއާގެ ސަރަހައްދުވެސް ވަނީ ރައީސަށް މަރުހަބާ ދެންނެވުމަށް ވަރަށް ބޮޑަށް ތައްޔާރުކޮށްފައެވެ. ނޫރާނީއާގެ ސަރަހައްދުގައިވެސް ރައީސްގެ އިސްތިގުބާލުގައި ސަގާފީ ނެށުމުގެ ހަރަކާތްތައް ކުރިއަށް ގެންދިޔައެވެ.

އަމިއްލަފުޅު ގެކޮޅުގައި ވަގުތުކޮޅެއް ހޭދަކޮށްލެއްވުމަށް ފަހު، ރައީސް ވަނީ، ހިންނަވަރު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި، އެ ފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއައްސަވައި އެ ކަންކަމަށް ހައްލެއް ގެނެސްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. ކައުންސިލް ބައްދަލުވުމަށް ފަހު، ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް، ބަނދަރު ސަރަހައްދުގައި ބޭއްވި ޖަލްސާވެސް އޮތީ ފުރި ބާރުވެފައެވެ. އެ ޖަލްސާއިން އެކަނިވެސް ރައީސް ސޯލިހަށް ހިންވަރުން އޮތް ތާއީދު ހާމަވެގެން ދިޔައެވެ. އެ ޖަލްސާގައި ރައީސް ވަނީ ހިންނަވަރުގައި ކުރިއަށްގެންދާ މަޝްރޫއުތަކާއި އެެރަށުގައި ކުރިއަށްގެންދަން ނިންމާފައިވާ މަޝްރޫއުތަކުގެ އަޕްޑޭޓް ދެއްވައި، ރައްޔިތުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވައިފައެވެ.

ހިންނަވަރުން އެންމެ ހާއްސަ ކަމެއްގެ ގޮތުގައި ފާހަގަވެގެން ދިޔައީ ރައީސްގެ ޝަރަފުގައި އެރަށުގެ ރައްޔިތުންގެ ފަރާތުން ދިން ޖާފަތެވެ. އެ ޖާފަތް ވަނީ ދިވެހިވަންތަ ކެއުންތަކާއި މީރު ބުއިންތަކުން ފުރިފައެވެ. އެ ފަރީއްކޮޅަށް ރައީސް އިންސާފުކުރެއްވިއިރު، އަރިހުގައި ކެބިނެޓް ވަޒީރުންނާއި ސަރުކާރުގެ މަތީ ފަޑީގެ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެންބަރުންގެ އިތުރުން ސަރުކާރުގެ ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ހިންނަވަރަށް ރައީސް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ މަދުވަގުތުކޮޅަކަށް ނަމަވެސް، އެމްޑީޕީގެ މެންބަރުންނާ ބައްދަލުކުރައްވައި އެ މެންބަރުންގެ އަޑު އައްސަވާފައެވެ. އެރަށުގެ އެމްޑީޕީގެ ހަރުގޭގައި ރޭ ބޭއްވި އެ ޖަލްސާއަށް އެމްޑީޕީއަށް ތާއީދުކުރާ ގިނަބަޔަކު ޖަމާވިއެވެ. އެ ޖަލްސާގައި ރައީސް ވަނީ، އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް އިތުރުކުރަން ޖެހޭ ކަމަށް ވިދާޅުވެ ރައްޔިތުންނަށް ހިތްވަރު ދެއްވައިފައެވެ.

ރައީސް ހިންނަވަރަށް ވަޑައިގެންފައިވާއިރު، މިއީ ރައީސް ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ރަސްމީ ދަތުރުފުޅެއްގައި އަމިއްލަފުޅު ރަށަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. ނަމަވެސް 2019 ވަނަ އަހަރު މަޖިލިސް އިންތިހާބުގެ ކެމްޕެއިންގައި ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ހިންނަވަރަށް ވަޑައިގެންފައިވެއެވެ.

ހިންނަވަރުގައި ހޭދަކުރެއްވެވި ވަގުތުކޮޅުގައި ރައީސް ސޯލިހުގެ މޫނުފުޅުމަތީން ފެނިގެން ދިޔައީ އާދަޔާ ހިލާފު އުފާވެރި ކަމެކެވެ. ކުޑައިރުގެ އެކުވެރީންނާއި އާއިލާގެ ބޭފުޅުންގެ ވަގުތުކޮޅެކެވެ. އެއީ ހިންނަވަރު ރައްޔިތުންގެ ވަގުތުކޮޅެކެވެ. ރައްޔިތުންގެ މޫނުމަތީން ފެނުނީ ރަށު ރައްޔިތަކު ރައީސުލްޖުމްހޫރިއްޔާކަމުގައި ހުރުމުން ފެންނަ ފަހުރާއި ޝަރަފެވެ.