ހަ އަހަރު ދުވަހު ކްލަބު އީގަލްސްއަށް ކުޅުމަށްފަހު 2020 ވަނަ އަހަރު އެ ކްލަބު ދޫކޮށްލި ލަންކާ ގައުމީ ޓީމުގެ އިތުބާރު ގޯލްކީޕަރު އަނެއްކާވެސް ދިވެހި ޕްރިމިއާ ލީގަށް އަތުވެއްޖެއެވެ.

ކްލަބު އީގަލްސްގެ ކެޕްޓަންކަންވެސް ކުރި ސުޖަން މި ސީޒަނުގައި ފެންނާނީ ޓީސީ ސްޕޯޓްސް ކްލަބުންނެވެ. ކޯޗު މުހައްމަދު ނިޒާމްބެއާއެކު ޓީސީން މިފަހަރުގެ ސީޒަނަށް ނުކުމެ ބުދަ ދުވަހުގެ ރޭ ކުޅުނު ލީގުގެ ފުރަތަމަ މެޗުގައި ސުޖަން ކުޅެފައިވެސް ވެއެވެ. އެ މެޗުން ޓީސީ ބަލިވީ ހިތްދަތިކޮށެވެ. މެޗުގެ ބޮޑު ބައެއްގައި ޓީސީން ލީޑު ކުރި ނަމަވެސް އެޓީމު ބަލިވީ އީގަލްސްއިން އިތުރު ވަގުތުގައި ދެ ގޯލު ޖަހައިގެން 2-1 ގެ ނަތީޖާއަކުންނެވެ.

ބުދަ ދުވަހުގެ ރޭގެ މެޗުގައި ސުޖަން ފެނިގެން ގޮސްފައިވާ އިރު، ރާއްޖޭގެ ފުޓުބޯޅައަށް ސުޖަން އަކީ އާ ނަމެއް ނޫނެވެ. އީގަލްސްއަށް 101 މެޗު ކުޅެދީފައިވާ ސުޖަން ވަނީ 45 ކްލީން ޝީޓް ކްލަބާއެކު ހޯދައިފައެވެ. ޒުވާން އުމުރުގައި ރާއްޖޭގެ އީގަލްސްއަށް ކުޅެން ފެށި ގޯލްކީޕަރު ކުރިއަރައިގެން ދިޔައީވެސް ރާއްޖޭގެ ލީގުންނެވެ. 2016 ވަނަ އަހަރު ރާއްޖޭގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމުވެސް އޭނާ ހޯދާފައިވާ އިރު، ސުޖަންއަކީ މިހާރު ލަންކާ ގައުމީ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އަދި ކެޕްޓަނެވެ.

ލަންކާގައި މިދިޔަ އަހަރު ބޭއްވި ފޯ ނޭޝަންސް ކަޕާއި ރާއްޖޭގައި އޮތް ސާފް ޗެމްޕިއަންޝިޕްގައިވެސް ލަންކާ ހޯދީ ތާރީހީ ކާމިޔާބީތަކުގެ އެންމެ ބޮޑު ހިއްސާއެއް އޮތީ ސުޖަން އަތުގައެވެ. ހާއްސަކޮށް ލަންކާއިން ފޯ ނޭޝަންސް ކަޕް ރަނަރަޕް ހޯދީ ސުޖަންގެ ބޮޑު އެހީތެރިކަމަކާ އެކުގައެވެ.

މީގެ ދެ އަހަރު ކުރިން ސުޖަން ރާއްޖޭގެ ފުޓުބޯޅައާ ދުރަށް ދިޔައީ އާއިލާއަށް ވަގުތު ހުސްކުރުމަށެވެ. އޭނާ މިދިޔަ ދެ ސީޒަނުގައިވެސް ހޭދަކުރީ ލަންކާ ކްލަބުތަކުގައެވެ.