ޔޫއެފާ ޔޫރޮޕާ ލީގުގެ ގަދަ 32 ގެ ފުރަތަމަ ލެގުގައި ބާސެލޯނާ އާއި ނަޕޯލީ އެއްވަރުވެއްޖެއެވެ.

ސްޕެއިންގައި ރޭ ކުޅުނު ފުރަތަމަ ލެގުގައި ބާސާ އާއި ނަޕޯލީ އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. ޔޫރަޕްގެ ގަދަ ބާރެއްގެ ގޮތުގައި އަބަދުވެސް ބާސާ ފާހަގަވަމުން ގޮސްފައި އޮތް އޮތުމަށް ވަރަށް ބޮޑަށް ފަނޑުކަން އައިސް، މިފަހަރުގެ ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުން އެޓީމު ވަނީ ކަޓައިފައެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުތަކުގެ ނަތީޖާތަކުން، ބާސާ ގްރޫޕުގެ ތިންވަނައަށް ގޮސް ސޮއްސާލީ ޔޫރޮޕާ ލީގަށެވެ.

މިއީ މިދިޔަ 18 އަހަރުގެ ތެރޭގައި ބާސާއިން ޔޫރަޕްގެ ދެވަނައަށް އެންމެ ޝަރަފުވެރި މުބާރާތް، ޔޫރޮޕާ ލީގުގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެމުއްދަތުގައި ބާސާ ފެނުނީ އެންމެ އެލީޓް މުބާރާތް، ޔޫއެފާ ޗެމްޕިއަންސް ލީގުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ނަޕޯލީގެ ޕިއޮޓްރޭ ޒިއެލިންސްކީ ޖެހި ގޯލުން ބާސާ މާޔޫސްކޮށްލިއެވެ. ފުރަތަމަ ހާފު ނިންމާލީވެސް އެ މާޔޫސް ކަމުގައެވެ. އަލަށް ޓީމަށް ގެންދިޔަ ބާޓްރޭންޑް ޓްރެއޯރޭ އާއި ޕިއޭ އެމްރިކް އަބަމަޔާން އަދި ފެރަން ޓޮރެސް ބާސާގެ އެޓޭކް ލައިނުން ފާހަގަވެގެން ދިޔަ އިރު، ޔޫރޮޕާ ލީގުގެ ސްކޮޑުގައި ޑެނީ އަލްވެސް ނުހިމެނެއެވެ.

ބާސާއިން މެޗުގައި ޖެހި މުހިއްމު ގޯލު، މެޗުގެ 59 ވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ ފެރަން ޓޮރެސްއެވެ. ޓޮރެސްގެ އެގޯލަކީ އޭރިއާ ތެރޭގައި ހުރި ނަޕޯލީގެ ޖުއާން ޖީސަސް އަތުގައި ބޯޅައިން ޖެހުމުން ވީއޭއާރް ބަލައި ރެފްރީ ދިން ޕެނަލްޓީއަކުން ޖެހި ގޯލެކެވެ. އެ ގޯލު ޖެހުމުގެ އިތުރުން މެޗުގައި ޓޮރެސްއަށް ވަނީ ހުސް ފުރުސަތުތަކެއް ލިބި ބޭކާރު ވެގެން ގޮސްފައެވެ.

ޔޫރޮޕާ ލީގުގެ ގަދަ 32 ގައި ރޭ ވަނީ އިތުރު މެޗުތަކެއްވެސް ކުޅެފައެވެ. ބްރޫޝިއާ ޑޯޓްމަންޑުން ހޯމްގައި 4-2 ގެ ނަތީޖާއަކުން ރޭންޖާސް ކައިރީ ބަލިވި އިރު، ސެވިއްޔާ ވަނީ ހޯމް ލެގުގައި 3-1 ގެ ނަތީޖާއަކުން ޑައިނަމޯ ޒަގްރެބް ބަލިކޮށްފައެވެ. މެޗުގައި މިދިޔަ ޖެނުއަރީ މަހު މެންޗެސްޓާ ޔުނައިޓެޑުން ސެވިއްޔާއަށް ދިޔަ އެންތޮނީ މާޝިއަލް ވަނީ ގޯލު ޖަހައިފައެވެ.