އަނިޔާވެރި ގޮތަކަށް މަރާލި، ރ. މީދޫ، ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ދައުވާކުރާ ފަރާތްތަކުން މިއަދު ދިފާއީ ހެކި ހުށަހަޅައިފިއެވެ.
ޖުލައި 31، 2017ގެ ރޭ 9:15 އެހާކަންހާއިރު ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ވަޅިން ހަމަލާދީ އަނަސް މަރާލި މައްސަލައިގައި ކުޑަކުއްޖެއްގެ އިތުރުން ހަތް މީހެއްގެ މައްޗަށް ދައުލަތުން ދައުވާ އުފުލިއެވެ. ނަމަވެސް އެ މައްސަލައިގައި ދައުވާކުރި ކުއްޖާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ޖުވެނައިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
- ލ. ގަން، ތުނޑި، ނަންނާރިގެ/ ޖުނައިހު އަބްދުﷲ
- ސ. ފޭދޫ/ ވެސްޓަންވި، ހަސަން މަހުފޫޒު
- ދަފުތަރު 1746، ސިމާހު މޫސާ
- ޅ. ކުރެންދޫ/ އަސުރުމާގެ އަހުމަދު ޒަޔާން
- މ. ދިމިޝްގް/ އުސްމާން ޝަރީފް
- މ. ލޮނުމިދިލިގެ/ އަފްރާހް އަބްދުއް ރައްޒާގު
- ތ. ކިނބިދޫ/ ގުލްފާމުގޭ، މުހައްމަދު ޝާޒު
މި މައްސަލައިގައި މިއަދު ބޭއްވީ އެ މީހުން ދިފާއުގައި ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމެވެ. ނަމަވެސް ބޭސް ފަރުވާއަށް ރާއްޖޭން ބޭރަށް ދިއުމުގެ ހުއްދަ، މީގެ ކުރީން ބޭއްވި އަޑުއެހުމުގައި ޖުނައިހު އަބްދުﷲ އަށް ދީފައިވާތީ އޭނާ މިއަދުގެ އަޑު އެހުމަށް ހާޒިރުވެފައެއް ނުވެއެވެ.
ސިމާހުގެ ފަރާތުން ހުށަހެޅި ތިން ހެކިންގެ ތެރެއިން އެކަކު ހާޒިރުވެފައި ނުވުމާއި ދެން ހުށަހަޅާފައިވާ ދެ ހެތްކަކީ ޖަލު ބަނދުގައި ތިބި ދެމީހުން ކަމުން އެމީހުންނަށް ޗިޓް ރައްދުކޮށްދެވިފައި ނުވާތީ އެ ތިން މީހުންގެ ހެކިބަސް ނެގުން ފަސްކުރިއެވެ.
ހަސަން މަހުފޫޒުގެ ފަރާތުން ތިން ހެކިން ހުށަހެޅި އިރު، ދެ ހެކިންގެ ހެކިބަސް ނެގިއެވެ. ފުރަތަމަ ހެކިވެރިޔާ ބުނި ގޮތުގައި އަނަސް މަރައިލި ރޭ މަހުފޫޒު އިނީ އޭނާއާއެކު ގޭމް ކުޅެން ކަމަށެވެ. އެ ދުވަހުގެ އިރުއޮއްސުނީއްސުރެ ދަންވަންދެން އެމީހުން ގޭމް ކުޅެން ތިބި ކަމަށް ހެކިވެރިޔާ ބުންޏެވެ. ދެވަނަ ހެކިވެރިޔާ ބުނީ ގޭމް ކުޅެން ތިބި ތަނުން މަހުފޫޒާ ދިމާވި ކަމަށެވެ.
ޒަޔާންގެ ފަރާތުން ހުށަހެޅި ދެ ހެކިންވެސް ބުނީ އަނަސް މަރައިލި ރޭ، އޭނާ އިނީ ހ. ރޯޒަންޑޭލްގައި ޓައިޓޭނިކު ބަލަން ކަމަށެވެ.
އުސްމާން ހުށަހެޅި ހެކިވެރިންގެ ތެރެއިން ތިން މީހުން ބުނީ، އެރޭ އިރު އޮއްސުނީއްސުރެ އެރޭ ދަންވަން ދެން އޭނާއާއެކު އުސްމާން ހުރީ އުސްމާންމެން ގޭގައި ކަމަށެވެ. އެގޭގައި ތިބެގެން ކުރިކަމަކީ ގޭމް ކުޅުމާއި ފިލުމު ބެލުން ކަމަށާއި އެގޮތުން މިޝަން އިމްޕޮސިބަލްގެ ތިން ފިލްމެއް ބެލި ކަމަށް ބުންޏެވެ.
އަފްރާހު ހުށަހެޅި ހަތަރު ހެތްކެއްގެ ހެކިބަސް ނެގި އިރު، އެމީހުން ބުނީ އަނަސް މަަރައިލި ރޭ 8:30 އާއި 10:30އާ ދެމެދު އެމީހުން ތިބީ ހުޅުމާލޭ ދަނޑޫގައި ކުޅެން ކަމަށެވެ.
ޝާޒުގެ ފަރާތުން ހުށަހެޅި ހެކިންވެސް ހެކިބަސް ދީފައިވަނީ އެރޭ އޭނާ އަނަސް މަރައިލި ސަރަހައްދުގައި ނޫޅޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު