ރަޝިޔާ ސިފައިން ޔުކްރޭނަށް މި އަރަނީ މި އަރަނީއޭ ބުނެ އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން އިންޒާރު ދެމުންދާތާ މަހެއްހައި ދުވަސްވެއްޖެއެވެ. މިއަދުވެސް އަރައިގެންފާނެޔޭ މިރޭވެސް އަރައިގެންފާނެޔޭ، މިވެނި ވައްތަރެއްގެ ހަތިޔާރާއެކު އެވެނި އަދަދެއްގެ ސިފައިން ސަރަހައްދީ އިމަށް ޖަމާވެގެން އެތިބީ މޮސްކޯއިން އޯޑަރު އައުމާއެކު ޔުކްރޭނަށް އަރައިގަތުމަށް ތައްޔާރުވެގެންނޭ ބުނެ ދެމުންދާ އިންޒާރުތައް ދުނިޔޭގެ ވަރަށް ގިނަ ބަޔަކު ގަބޫލުވެސް އެބަކުރެއެވެ. ޔުކްރޭނުގައި ތިބި އެކި ގައުމުތަކުގެ މީހުން ބާލައި ވައިގެ ދަތުރުތައްވެސް މެދުކަނޑާލައިފިއެވެ. އިރުމަތީ ޔޫރަޕުގައި އިންތިހާ ދަރަޖައިގެ ބިރުވެރިކަން ފެތުރިއްޖެއެވެ.
އެމެރިކާއިން ބުނާގޮތުގައި ރޫސީން ޔުކްރޭނަށް އަރައިގަންނާނޭކަން ކަށަވަރުވަނީ ލިބެމުންދާ ސައްހަ ޖާސޫސީ މައުލޫމާތުތަކުންނެވެ. ހުސްވި އަހަރުގެ ނޮވެމްބަރުން ފެށިގެން ރޫސީ ސިފައިންގެ ލަޝްކަރުތައް ވަނީ ޔުކްރޭނުގެ ސަރަހައްދީ އިމަށް ޖަމާކުރެވިފައެވެ. ހަތިޔާރާއި ސިފައިންގެ އަދަދު އެއްދުވަހުން އަނެއް ދުވަހަށް އަންނަނީ އިތުރުކުރަމުންނެވެ. ހަމައެޔާއެކު ރޫސީ ސިފައިން އެވެނި ދުވަހެއްގެ ކުރިން މިވެނިގޮތަކަށް ޔުކްރޭނަށް އަރައިގަންނާނޭ ކަމަށް ބުނެ އެމެރިކާއިން އެތަކެއް ތާރީޚުވެސް ދީފިއެވެ. އެ ތާރީޚުތައް ފަހަނަޅައި މާޒީގެ ތެރެއަށް ހިނގައްޖެއެވެ. އައު ތާރީޚުތައް ކަނޑައެޅުމުގައި އެމެރިކާ އަދިވެސް އޮތީ އަވަދިނެތިއެވެ.
މިކަން މިހެން ދެމިގެންދާތީ އެމެރިކާގެ ބުނުންތަކުގެ އިތުބާރާއި އެމެރިކާއަށް ލިބެމުންދާ ޖާސޫސީ މައުލޫމާތުގެ ސައްހަކަމާމެދު މިހާރުވަނީ ސުވާލު އުފެދިފައެވެ. އެމެރިކާގެ ބޭނުމަކީ ސައްހަ މައުލޫމާތު ފެތުރުންތޯ ނުވަތަ މަސްރަހު ހޫނުކުރުންތޯ ވަނީ ސުވާލު އުފެދިފައެވެ. ހަނދާނަށް އަންނަނީ ރޫސީ ސިފައިން ޔުކްރޭނުގެ ސަރަހައްދީ އިމަށް އެންމެ ފުރަތަމަ ޖަމާކުރަން ފެށި ދުވަސްވަރު ރޫސީވިލާތުގެ ރައީސް ލަޑީމިއަރ ޕުޓިން ވިދާޅުވި ވާހަކަފުޅެކެވެ. ޕުޓިން ވިދާޅުވެފައިވަނީ މަގްސަދު ހާސިލްކުރުމަށްޓަކައި ތިބޭންޖެހުނު ކޮންމެ މުއްދަތަކަށް ރޫސީ ސިފައިން އެތާގައި ތިބޭނޭ ކަމުގައެވެ. ޕުޓިންގެ މެސެޖު ވަރަށް ސާފެވެ. އަރައިގަތުން ލާޒިމުކަމަށްވަނީ ވިއްޔާ އެކަންވެސް ކުރާނެއެވެ.
ޔުކްރޭނަށް އަރައިގަތުމަކީ ރޫސީންގެ އަމާޒެއް ނޫނެވެ. ޕުޓިން އެވިދާޅުވާ މަގުސަދަކީ ނޭޓޯއަށް ޔުކްރޭން ނުވަންނާނޭކަން ނުވަތަ ނުވައްދާނޭ ކަމުގެ ކަށަވަރުކަން ލިބުމެވެ. އެކަން ކުރެވެންއޮތީ ޔުކްރޭނަށާއި ހުޅަނގަށް ޕްރެޝަރު ކޮށްގެންނެވެ. އެ ޕްރެޝަރު ޖެއްސެންއޮތީ ޔުކްރޭނުގެ ސަރަހައްދީ އިމަށް ސިފައިން ނެރެގެންނެވެ. ޔުކްރޭނުގެ ބަސްމަގު މިހާރުވެސް ބަދަލުވެއްޖެއެވެ. ޔުކްރޭނުގެ ރައީސް ޒެލެންސްކީ ހުސްވި ހަފުތާގައި ވިދާޅުވެފައިވަނީ ނޭޓޯއަށް ވަދެގެން ޔުކްރޭނަށް ލިބެންއޮތީ އިނާމުގެ ބަދަލުގައި އަދަބެއްކަމަށްވަނީ ވިއްޔާ ޔުކްރޭނުން ނޭޓޯއަކަށް ނުވަންނާނޭ ކަމުގައެވެ. ނޭޓޯއަށް ވަނީމާ ރޫސީވިލާތާއެކު ކުރަންޖެހެނީ ހަނގުރާމައެއްކަމަށް ވަނީ ވިއްޔާ ދެވަނަ ވިސްނުމަކަށް ދާން ތައްޔާރު ކަމުގައެވެ.
އެއްވެސް އޮޅުމެއް ނެތް ގޮތުގައި ޔުކްރޭނުގެ ބަސްމަގަށް މިވަނީ ބަދަލުތަކެއް އައިސްފައެވެ. އެބަދަލުގެ ސިއްރަކީ ރޫސީވިލާތުން ކުރިމަތިކުރަމުންދާ ޕްރެޝަރެވެ. ހަނގުރާމައެއްގެ ބިރުވެރިކަމެވެ. ރޫސީ ސިފައިން ޔުކްރޭނަށް އަރައިގަނެ ވެރިރަށްވެސް ހިފާން ދިމާކޮށްފިނަމަ 24 ގަޑިއިރުގެ ތެރޭގައި އެކަން ކުރެވިދާނެއެވެ. ހަނގުރާމައެއްގެ ބިރުވެރިކަން ފެތުރުމުގެ ސަބަބުން މިހާރުވެސް ޔުކްރޭނުގެ އިގްތިސާދު ފުނޑިއްޖެއެވެ. އަސްލު ހަނގުރާމައެއް ފެށިއްޖެނަމަ ދެންވާނޭގޮތް އޮތީ ހީކޮށްލުމެވެ. ޔުކްރޭނުގެ ސަރަހައްދީ އިމުގައި ބަރުހަތިޔާރާއެކު އެތައް ލައްކަ ސިފައިންގެ ބޮޑު ލަޝްކަރެއް ކިތަންމެ ގިނަ ދުވަހަކަށްވެސް ދެމެހެއްްޓުމަކީ ރޫސީންނަށް ދާދި ފަސޭހަކަމެކެވެ.
ދެތިންމަހަށްވެސް އަދި ދެތިން އަހަރަކަށްވެސް މި ޕްރެޝަރު ހަމަ މިގޮތަށް ދެމެހެއްޓިދާނެއެވެ. ލަޝްކަރުތައް ރޫޅާލައި ދުރަށް ގެންދިޔުމަކީ ލަދުވެތިކަމަކަށްވެސް ނުވާނެއެވެ. ފިނޑިކަން ހާމަވެ ރޫސީންގެ އަސްކަރީ ކެރިފޯރުންތެރިކަމާމެދު މީހުން ސުވާލު އުފައްދާ ކަމަކަށްވެސް ނުވާނެއެވެ. ސަރަހައްދީ އިމަށް ސިފައިން ޖަމާކުރާ ކޮންމެފަހަރަކު އަނެއް ގައުމަށް އަރައިގަތުމަކީ މަޖުބޫރުކަމެއްވެސް ނޫނެވެ. މީހުން ކަންކަން މިނެކިރާނީ އެކަމެއްގެ ނަތީޖާއަށް ބަލައިފައެވެ. ރޫސީންގެ މަގްސަދު ކޮންމެ ގޮތަކުންވިޔަސް ހާސިލްކުރެވިއްޖެނަމަ އެއީ ކާމިޔާބީއެކެވެ. މިމައްސަލައިން ކާމިޔާބު ލިބެމުންދަނީ އަދި ދެންވެސް ލިބެމުންދާނެ ކަމަށް ފެންނަނީ ރޫސީވިލާތަށެވެ.
ކުރިންވެސް ދަންނަވައިލެވުނު ފަދައިން ރޫސީވިލާތުގެ މަގްސަދަކީ ނޭޓޯ ޖަމާއަތަށް ޔުކްރޭން ނުވަންނާނޭ ކަމުގެ ކަށަވަރުކަމެވެ. އެ ކަށަވަރުކަން ދެވޭނީ ނޭޓޯއަށާއި ޔުކްރޭނަށެވެ. މިހާތަނަށް ހުޅަނގުގެ ގައުމުތަކާއެކު ރޫސީވިލާތުން ބޭއްވި މަޝްވަރާތަކުގައި މިކަށަވަރުކަން ދޭން އެމެރިކާ އާއި އިނގިރޭސިވިލާތާއި ފްރާންސާއި ޖަރުމަންވިލާތުން އެއްބަހެއް ނުވިއެވެ. އެކަމަކު ޔުކްރޭނުގެ ވައިގެ ސަރަހައްދު ބަންދުވެ، އިގްތިސާދު އިނދަޖެހި ރައްޔިތުން ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓުނީމާ ޔުކްރޭނު މިހާރު އެއޮތީ މިދެންނެވި ކަށަވަރުކަން ދޭން ތައްޔާރަށެވެ. ނުސީދާކޮށް މިހާރުވެސް އެހެން ބުނަން ފަށައިފިއެވެ. ޔުކްރޭނުގެ ރައީސާއި އެކިއެކި ވަޒީރުން މިހާރުވެސް ރާގު ބަދަލުކުރައްވައިފިއެވެ. ޔުކްރޭނަށް ގެއްލުންހުރި މަގެއް އިޚުތިޔާރު ނުކުރާނޭ ކަމަށް ވިދާޅުވާން ފައްޓަވައިފިއެވެ.
ރޫސީ ސިފައިން ސަރަހައްދީ އިމަށް ޖަމާކުރިފަހުން މިވީ ތިންމަހެވެ. މި މުއްދަތުގެ ތެރޭގައި ޔުކްރޭނަށް ލިބުނު އިގްތިސާދީ ގެއްލުންތައް ހިމަނައި ކޮޅުންލާވަރަށްވުރެ ބޮޑެވެ. ރޫސީ ސިފައިން އެތަނުގައި ތިން އަހަރަށް ދެމިތިބެއްޖެނަމަ ދެން ލިބޭނޭ ގެއްލުންތައް މިވަރުން ކިތަންމެހާވެސް ރަނގަޅަށް ޔުކްރޭނަށް ވަޒަންކުރެވިއްޖެއެވެ. އެހެންވީމާ ނޭޓޯއަށް ވަނުމުގެ ހުވަފެން ދޫކޮށްލުމުގެ ހިތިބޭސް ބޯން މިހާރު ޔުކްރޭން އެއޮތީ ތައްޔާރަށެވެ. ރޫސީވިލާތް ބޭނުންވެގެން އުޅެނީ މިގޮތެވެ. އެގޮތް ފަހިވީމާ އެއޮތީ ނުހަނު ބޮޑު ޑިޕްލޮމެޓިކް ކާމިޔާބީއެއް އަސްކަރީ ބާރުގެ ފޮޓޯއެއް ދައްކާލައިގެން ވިޔަސް ލިބިފައެވެ. އަނެއްކޮޅުން މިއީ އެމެރިކާ އާއި ނޭޓޯގެ ނާކާމިޔާބީއެކެވެ. އެ އަރަނީ އެ އަރަނީއޭ ކިޔާން ހަދައިގެން އެމެރިކާގެ ބުނުންތަކުގެ އިތުބާރު ބޮޑުތަނުން ގެއްލި އަވަދިވެއްޖެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ