ޚަބަރު

އަލީ ވަހީދު އަނބުރާ ރާއްޖެ ގެންނަން ބޭރުގެ އެޖެންސީތަކާ މައުލޫމާތު ވަނީ ހިއްސާކޮށްފައި: ފުލުހުން

ރިފާ ހަލީލު

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރާއި ގުޅިގެން އޭނާ އަނބުރާ ރާއްޖެއަށް ގެނައުމަށް ބޭރުގެ އެޖެންސީތަކަށް ދޭން ޖެހޭ މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ކުރިމިނަލް ކޯޓުން ވަނީ އިންޓަޕޯލް މެދުވެރިކޮށް އަލީ ވަހީދު ބަންދުކޮށްގެން ގެނައުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފައެވެ. ނަމަވެސް އިންޓަޕޯލް މެދުވެރިކޮށް އަލީ ވަހީދު ގެނައުމަށް ބޭނުންވާ އިނގިރޭސި ބަހުން ލިޔެފައިވާ ކޯޓު އަމުރެއް ބޭނުންވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މިކަމަށް ބޭނުންވާ އިނގިރޭސި ކޯޓު އަމުރު ކޯޓުން ވަނީ ފުލުހުންނަށް ދީފަ އެވެ.

މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ އަލީ ވަހީދު ހައްޔަރު ކުރުމުގެ އަމުރާ ގުޅިގެން ފުލުހުންނާ ގުޅުންހުރި ބައިނަލްއަގުވާމީ އިދާރާތަކާ މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށެވެ. އަދި އެކަމާ ގުޅިގެން ކުރަން ޖެހޭ ކަންކަން އެ އެޖެންސީތަކުން ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް މި އެޖެންސީ ތަކަކީ ކޮން ކޮން ތަންތަނެއްކަމެއް ފުލުހުން ހާމައެއްނުކުރެ އެވެ.

ޖިންސީ ފުރައްސާރައާއި ޖިންސީ ގޯނާގެ ގިނަ ދައުވާތަކެއް ދައުލަތުން ވަނީ އަލީ ވަހީދުގެ މައްޗަށް ކޮށްފައެވެ. އެ ދައުވާތައް ކޯޓުގައި ކުރިއަށް ދަނިކޮށް އަލީ ވަހީދު ވަނީ ބޭސް ފަރުވާއަށް ކަމަށް ބުނެ އިނގިރޭސިވިލާތަށް ވަޑައިގެންފައެވެ. އޭނާ ރާއްޖެއިން ފުރަން ހުއްދަ ދިނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ޖާމިނު ވުމުންނެވެ. ޖާމިނު ވުމުގެ އެއްބަސްވުމުގައި އަޑުބަރޭ އިގުރާރުވީ ހަތަރު މަސް ދުވަސް ފަހުން އަލީ ވާހިދު ރާއްޖެ ގެންނާނެ ކަމަށާއި، އަދި އޭނާ ކޯޓަށް ހާޒިރުކުރާނެ ކަމަށެވެ.

ނަމަވެސް މުއްދަތު ފަހަނަ އަޅައިގެން ދިޔައިރުވެސް އަލީ ވަހީދު ކޯޓަށް ހާޒިރު ނުވާތީ އަޑުބަރޭއާ މެދު ވަނީ ފިޔަވަޅު އަޅާފަ އެވެ. އެގޮތުން އޭނާ އަށް ވަނީ 15 ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. ނަމަވެސް ހުކުމް ކުރުމުގެ ކުރިން އޭނާ ވަނީ އިނގިރޭސިވިލާތަށް ގޮސްފަ އެވެ.

އަލީ ވަހީދު ވިދާޅުވި މުއްދަތަށް އޭނާ ހާޒިރު ނުވެ، އޮންލައިންކޮށް ޝަރީއަތްތައް ބާއްވައިދިނުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ. ނަމަވެސް އޮންލައިންކޮށް އަލީ ވަހީދުގެ ޝަރީއަތްތައް ނުގެންދަން ސުޕްރީމް ކޯޓުން ކުރި އަމުރާ ގުޅިގެން ޝަރީއަތްތައް އެގޮތަށް ބޭއްވުން ވަނީ ހުއްޓާލައިފައެވެ.

އޭގެ ފަހުން ސުޕްރީމް ކޯޓަށް ހާޒިރުވާން އަލީ ވަހީދަށް އެންގި ނަމަވެސް ކޯޓަށް ހާޒިރުވެފައެއް ނުވެއެވެ. އަދި އެކަމާ ގުޅިގެން ކޯޓުގެ ހުރުމަތް ކެނޑީ ކަމަށް ކަނޑައަޅައި ދެ މަހާއި 12 ދުވަހަށް އަލީ ވަހީދު ޖަލަށް ލާން ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.