މިހާރު ހުރި ވަސީލަތްތައް ބޭނުންކޮށްގެން ކްރިމިނަލް ކޯޓުގައި ނުނިމި ހުރި މައްސަލަތައް ނިންމައި، އެ ކޯޓުގެ ބެކްލޮގް ސާފުކުރުމަށް 16 އަހަރުދުވަސް ނަގާނެ ކަމަށް ޖުޑިޝަލްސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.
ހިސާން މިހެން ވިދާޅުވީ، ޖިނާއީ މައްސަލަތަކުގެ އަޑުއެހުންތައް ތާވަލުކުރުމަށް ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް ކޯޓުތަކުގައި މައްސަލަތައް ތާވަލް ކުރަމުންނުދާތީ، ޝަރީއަތްތައް ދިގުލަމުންދާކަމަށްބުނެ، ޖޭއެސްސީ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރު ކުރުމުން އެކަމާބެހޭގޮތުން އެ ކޮމިޓީއަށް މައުލޫމާތު ދެއްވަމުންނެވެ.
ހިސާން ވިދާޅުވީ، ކުރިމިނަލް ކޯޓު އެހާ ބޮޑު ބެކްލޮގަކަށް ދާން ޖެހުނީ، އެކަށީގެންވާ ވަރަށް ގާޒީންނާއި، ލީގަލް އޮފިސަރުން ނެތުމުން ކަމަށެވެ.
ކުރިމިނަލް ކޯޓަށް އަހަރެއްގެ މައްޗަށް އެވްރެޖްކޮށް 900 މައްސަލަ ހުށައެޅޭއިރު، 2019 ވަނަ އަހަރު، ފެށިގެން ދިޔައިރު އެ ކޯޓުގެ ބެކްލޮގްގައި 2022 މައްސަލަ އޮތް ކަމަށްވެސް ހިސާން ވިދާޅުވިއެވެ. އަދި 2020 ވަނަ އަހަރާއި 2021 ވަނަ އަހަރު، ކޮވިޑުގެ ހާލަތާ ގުޅިގެންވެސް ޝަރީއަތްތަކަށް މަޑުޖެހުން އައިކަން ހިސާން ފާހަގަ ކުރެއްވިއެވެ.
ހިސާން ވިދާޅުވީ، އެ ކޯޓު، ފުރިހަމަ ކެޕޭސިޓީގައި ހިންގަން ފެށުނީ މިހާރު ކަމަށެވެ. އަދި 2018 ވަނަ އަހަރު އެ ކޯޓުގައި ތިއްބެވީ ހަ ގާޒީން ކަމަށާއި، 2020 ވަނަ އަހަރު ނިމުނު އިރު ފުރިހަމަ ކެޕޭސިޓީގައި 10 ގާޒީންނާއެކު ކޯޓުގެ މަސައްކަތްތައް ފެށޭވަރުވި ކަމަށް ވެސް ވިދާޅުވިއެވެ.
ހިސާން ވިދާޅުވިގޮތުގައި، ޖިނާއީ އިޖުރާއަތުގެ ތަސައްވުރަކީ ކޯޓަށް ހުށައަޅާ ހިސާބުން ހަ މަސް ދުވަހުގެ ތެރޭގައި މައްސަލަތައް ނިންމާލުމެވެ. އެވްރެޖްކޮށް މައްސަލައެއް ނިންމަން 10 އަޑުއެހުން ބާއްވަން ބޭނުންވާއިރު، އެކަމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް ހިސާން ވަނީ ކޮމިޓީއާ ހިއްސާ ކުރައްވައިފައެވެ.
އެގޮތުން ކޮންމެ ފަނޑިޔާރެއް، މަދުވެގެން ދުވާލަކު ފަސް އަޑުއެހުން ކުރިއަށް ގެންދިއުމާއި، ކޭސް މެނޭޖްމަންޓް ހަރުދަނާ ކުރުމުގެ އިތުރުން އަހަރު ދުވަސްވަންދެން ކޮންމެ ދުވަހަކު ރަސްމީ ގަޑީގެ އިތުރުން، 2:00 އިން 5:00 އަށް ކްރިމިނަލް ކޯޓުގެ މަސައްކަތް ކުރިއަށް ގެންދިއުން ހިމެނެއެވެ. އަދި ކޮންމެ ގާޒީއަކަށް އޮފިސަރެއްގެ މަގުން ކްރިމިނަލް ކޯޓަށް 10 ޕެރަ ލީގަލް އޮފިސަރުން ނެގުމާއި، ބެކްލޮގް ސާފު ކުރަން ކޯޓުގެ މަސައްކަތް ކުރިއަށް ގެންދާ ގަޑިތަކުގައި، ކޯޓާއި ޕީޖީ އޮފީހުގެ މުވައްޒަފުންނަށް އިތުރު ގަޑީގެ އިތުރުން، ބެކްލޮގް އެލަވަންސެއް ދިނުމަށްވެސް ވަނީ ހިމަނައިފައެވެ.
ހިސާން ވިދާޅޫވީ އެކަމަށްޓަކައި ދައުލަތުން އަހަރެއްގެ މައްޗަށް އިތުރު 3.3 މިލިއަން ރުފިޔާ ހަރަދު ކުރަންޖެހޭނެ ކަމަށެވެ. ބެކްލޮގް ސާފުވެއްޖެނަމަ ކޯޓުގެ ގާޒީއަކަށް އެވްރެޖްކޮށް އަހަރެއްގެ މައްޗަށް ބައްލަވަން ޖެހިވަޑައިގަންނަވާނީ 80 މައްސަލަކަމަށް ވެސް ހިސާން ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީ
ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީ
ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީ