ޚަބަރު

މާލޭން ގޯތި ދިނުމާބެހޭ އުސޫލު އަންނަ ހަފުތާގައި މަޖިލިސް މެންބަރުންނާ ހިއްސާކުރާނަން: އަސްލަމް

އިބްރާހިމް ޒަކީ

މާލޭސިޓީން ގޯތި ދިނުމާބެހޭ ސުއޫލު އަންނަ ހަފުތާތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މާލޭ ސިޓީއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލިސް މެންބަރުންނާ ހިއްސާ ކުރައްވާނެ ކަމަށް މިނިސްޓާ އޮފް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، މާލޭ ރަށްވެހިންނަށް މާލޭން ގޯތި ދިނުމާބެހޭ އުސޫލުުގެ ޑްރާފްޓަކަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ އުސޫލާމެދު މަޝްވަރާ ކުރުމަށް އަންނަ ހަފުތާތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މާލޭސިޓީގެ ދާއިރާތައް ތަމްސީލުކުރާ މެންބަރުންނަށް އެ އުސޫލުތައް ހުށަހަޅުއްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މާލޭ ސިޓީގެ ރަށްވެހީންނަށް ގޯތި ދިނުންފަދަ ކަމެއް ކުރާއިރު، މާލޭގެ ރައްޔިތުން ތަމްސީލު ކުރައްވާ މެންބަރުން ދެކިވަޑައިގަންނަވާ ގޮތް އޭގެ ތެރޭގައި ޝާމިލުވާން ޖެހޭ ކަމަށެވެ.

އަންނަ ޖޫންމަހުގެ ތެރޭގައި މާލޭސިޓީން ގޯތި ދިނުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުއްވައި ދެއްވުމަށް ބޭއްވި ޖަލްސާއަށް ރިޔާސީ ބަޔާން ހުށަހަޅުއްވަމުން، މާލޭ ރައްޔިތުންނަށް ހުޅުމާލެއިން 1000 އަދި ގުޅިފަޅުން މަދުވެގެން 2000 ގޯތި ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ގިރާވަރުފަޅު ހިއްކައި އެތަނުން ވެސް އިތުރު 2000 ގޯތި ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެތަނަކީ ކުރިޔަށް އޮތްތަނުގައިމާލެއާ ގުޅިގެން ދާނެ ތަނެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.