ކުޅިވަރު

ރޮނާލްޑޯގެ މާޔޫސްކަމަށް ނިމުން ގެނެސް ޔުނައިޓެޑް މޮޅުކޮށްދީފި

މާޔޫސީ މެޗުތަކަކަށްފަހު މެންޗެސްޓާ ޔުނައިޓެޑުން ޕްރިމިއާ ލީގުގައި ބްރައިޓަން ބަލިކޮށްފިއެވެ.

ޔުނައިޓެޑުން ރޭ ކުޅުނު މެޗުގައި ބްރައިޓަން ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗަށް ނުކުތް އިރު، އެންމެފަހުން ޔުނައިޓެޑުން ކުޅުނު ލީގު މެޗުތަކުގެ އިތުރުން އެފްއޭ ކަޕް މެޗުގައިވެސް އެޓީމަށް އޮތީ މާޔޫސްކަން ކުރިމަތިވެފައެވެ.

ރޭގެ މެޗަށް ނުކުތުމުގެ ކުރިން އެންމެފަހުން ޔުނައިޓެޑުން ކުޅެފައި އޮތް ތިން މެޗުވެސް 1-1 އިން އެއްވަރު ވެގެން ނިމިފައި އޮތް އިރު، އޭގެ ތެރެއިން މިޑަލްސްބަރާއާ ދެކޮޅަށް ކުޅުނު އެފްއޭ ކަޕް މެޗު ދިޔައީ ޕެނަލްޓީއަށެވެ. އެމެޗުން ބަލިވެ ޔުނައިޓެޑް ވަނީ އެފްއޭ ކަޕުންވެސް ކަޓައިފައެވެ. މިދިޔަ ހަފުތާ ތެރޭގައި ޔުނައިޓެޑުން ޕްރިމިއާ ލީގުގައި 1-1އިން އެއްވަރުވީ ބާންލީއާއި ސައުތުހެމްޓަންއާ ދެކޮޅަށް ކުޅުނު މެޗުތަކުގައެވެ.

އޭގެ އިތުރުން ރޮނާލްޑޯވެސް ނުކުތީ މަޔޫސީ ރެކޯޑަކަށް ނިމުން ގެންނާށެވެ. ގޯލު ނުޖެހުމުގެ ރެކޯޑަކަށެވެ. ރޭގެ މެޗަށް ނުކުތް އިރު، އެންމެފަހުން ކުޅުނު ހަ މެޗުގައިވެސް ރޮނާލްޑޯގެ ފަރާތުން ގޯލެއް ފެނިފައެއް ނުވެއެވެ. އެއީ މިދިޔަ 11 އަހަރުގައިވެސް ރޮނާލްޑޯގެ ފަރާތުން ފެނުނު އެންމެ ދަށް ފޯމެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުންވެސް ދަށް ކުޅުމެއް ފެނުނު އިރު، ޔުނައިޓެޑަށް ރަނގަޅު ޕާސްތަކެއް ޖަހައިގެން ކުޅެގަނެވިފައެއްވެސް ނުވެއެވެ. ރަނގަޅު ހަމަލާއެއް ނުއުފެއްދި ހާފު ނިންމާލަން ޖެހުނު ނަމަވެސް ދެވަނަ ހާފުގެ ކުރީކޮޅުގައި ރޮނާލްޑޯ ވަނީ އެޓީމަށް ލީޑު ނަގައިދީފައެވެ.

ރޮނާލްޑޯގެ ގޯލަކީ މެދުތެރެއިން ސްކޮޓް މެކްޓޮމެނީ ދިން ޕާހަކާއެކު ކުރިއަށް ގޮސް ބްރައިޓަން ޑިފެންސް ނައްޓާލައި، އޭރިއާ ބޭރުން ޖެހި ގޯލެކެވެ. އޭގެ ތިން މިނެޓު ފަހުން ބްރައިޓަންގެ ކެޕްޓަން ލެވިސް ޑަންކަށް ވަނީ ރަތް ކާޑު ދައްކައިފައެވެ. އެންތޮނީ އެލަންގާއަށް ކުރި ފައުލަށް ޑަންކަށް ރެފްރީ ފުރަތަމަ ދެއްކީ ރީނދޫ ކާޑެއް ނަމަވެސް، ވީއޭއާރް ބަލައި ކާޑު ވަނީ ރަތަކަށް ބަދަލު ކޮށްފައެވެ.

އޭގެ ފަހުން ބްރައިޓަންއިން ހިތްވަރު ކުރި ނަމަވެސް ޔުނައިޓެޑަށް ލީޑުކުރަން ފަހި ފުރުސަތުތަކެއް ލިބި ބޭކާރު ވިއެވެ. ބްރޫނޯ ފެނާންޑޭސް އަށް ހުސް ފުރުސަތެއް ލިބި ބޭކާރުވި އިރު، ރޮނާލްޑޯ ބޮލުން ޖެހި ބޯޅަ ދިޔައީ ގޯލާ އާމާޒުނުވެ ބޭރަށެވެ. އަނެއްކޮޅުން ބްރައިޓަންގެ ޖަކުބް މޮޑާ ޖެހި ބޯޅަ ދިޔައީ ގޯލުގެ ދަނޑީގައި ޖެހި ބޭރަށެވެ.

މެޗުގައި ޔުނައިޓެޑްގެ ދެވަނަ ގޯލު ޖެހީ ފަހު ވަގުތު ފެނާންޑޭޒް އެވެ. މުޅިން ހުސްކޮށް އަރައި އޭނާ ބޯޅަ ގޯލަށް ވައްދާލީ ގޯލްކީޕަރަށް އޮޅުވާލައިފައެވެ.

މެޗުން މޮޅުވެ ޔުނައިޓެޑް ވަނީ ހަތަރު ވަނައަށް ޖެހިލައިފައެވެ. އެޓީމަށް 25 މެޗުން 43 ޕޮއިންޓް ލިބިފައިވާ އިރު، ފަސްވަނައިގައި އޮތް ވެސްޓްހަމްއަށް 25 މެޗުން ލިބިފައި ވަނީ 41 ޕޮއިންޓެވެ. ހަވަނައިގައި އާސެނަލް އޮތް އިރު، އެޓީމަށް 22 މެޗުން ލިބިފައި ވަނީ 39 ޕޮއިންޓެވެ. ރޭގެ މެޗުން ބަލިވި ބްރައިޓަން އޮތީ ތާވަލުގެ ނުވަ ވަނައިގައެވެ.