ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގުގައި މެންޗެސްޓާ ސިޓީން ބޮޑު ތަފާތަކުން ސްޕޯޓިން ލިސްބަން ބަލިކޮށްފިއެވެ.
ސިޓީން ޕޯޗުގަލްގެ ލިސްބަންގައި ރޭ ކުޅުނު މެޗުގައި ސްޕޯޓިން ލިސްބަން ބަލިކުރީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. އަވޭގައި ސިޓީ ހޯދި މޮޅަކީ ތާރީހީ މޮޅެކެވެ. ހާއްސަކޮށް މެޗުގެ ފުރަތަމަ ހާފުގައި ސިޓީން ހަތަރު ގޯލުގެ ލީޑެއް ނެގުންވީ ޗެމްޕިއަންސް ލީގުގެ ތާރީހުގައިވެސް ރެކޯޑަކަށެވެ.
މިއަހަރުގެ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރަށް ޔޫއެފާއިން ވަނީ އަވޭ ގޯލު އުސޫލު އުވާލައިފައެވެ. އަވޭ ގޯލަކީ ފައިދާ ބޮޑު ގޯލެއްގެ ގޮތުގައި އޮތް އޮތުމަށް މިއަހަރު ނިމުން ގެންނަން ޔޫއެފާއިން ނިންމާފައިވާ އިރު، މިއީ 1965 ވަނަ އަހަރަށްފަހު އަވޭ ގޯލުން ފައިދާ ވާ އުސޫލު ޔޫއެފާއިން އުވާލި ފުރަތަމަ ފަހަރެވެ.
ސިޓީން ޕޯޗުގަލްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައިވެސް ހަތަރު ގޯލު ޖަހައިފައިވާ އިރު، އެއީ ޗެމްޕިއަންސް ލީގު ނޮކްއައުޓް ބުރުގެ ރެކޯޑެކެވެ. ސިޓީ ވެފައި ވަނީ އަވޭގައި ކުޅުނު ނޮކްއައުޓް މެޗެއްގެ ފުރަތަމަ ހާފުގައި ހަތަރު ގޯލުގެ ލީޑެއް ނެގި ފުރަތަމަ ޓީމަަށެވެ.
ފުރަތަމަ މިނެޓުން ފެށިގެން ތަފާތު މޮޅުކޮށް ފެނުނު ސިޓީއަށް މެޗުގެ ކުރީކޮޅުގައި ލީޑު ނަގައިދިނީ ރިޔާދު މަހަރޭޒް އެވެ. އޭގެ ފަހުން ބަނާޑޯ ސިލްވާގެ ހިތްގައިމު ގޯލެއް ފެނިގެން ދިޔަ އިރު، ސިޓީގެ ތިންވަނަ ގޯލު ޖަހައިދިނީ ފިލް ފޮޑެން އެވެ. ހާފު ނިމުމުގެ ކުރިން ސިލްވާ އިތުރު ގޯލެއް ޖަހައި ސިޓީގެ ލީޑު އިތުރަށް ފުޅާކޮށްދިނެވެ.
ދެވަނަ ހާފު ފެށިގެންވެސް ސިޓީގެ ފޯމަކަށް ބަދަލެއް ނާދެއެވެ. ހަމަލާއަކަށްފަހު ހަމަލާއެއް އުފައްދަމުން ދިޔަ އިރު، ދެވަނަ ހާފުގެ ކުރީކޮޅުގައި ރަހީމް ސްޓާލިން ވަނީ ސިޓީގެ ފަސްވަނަ ގޯލެއްވެސް ޖަހައިދީފައެވެ.
މެޗުގެ ފަހު ބައިގައި ސިޓީން ހަމަޖެހިލައިގެން ކުޅުނު އިރު، ސިޓީއާއި ސްޕޯޓިން އިނގިރޭސިވިލާތުގައި ކުޅޭ ދެވަނަ ލެގު އޮންނާނީ އަންނަ މަހު 10 ވަނަ ދުވަހުއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު