ގައުމީ އަންހެން ފުޓުބޯޅަ ޓީމަށް މަރިޔަމް ނޫރާ ޖަހައިދިން ފުރަތަމަ ގޯލާއެކު އެކުވެރިކަމުގެ ފުރަތަމަ މެޗުގައި ސީޝެލްސް ބަލިކޮށްފިއެވެ.
ގައުމީ ދަނޑުގައި މިރޭ ރާއްޖެއިން ސީޝެލްސް ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މިރޭގެ މެޗަކީ 2013 ވަނަ އަހަރަށްފަހު ގައުމީ އަންހެން ޓީމުން އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗެވެ. މިރޭގެ ކުރިން އެންމެފަހުން ގައުމީ ފުޓުބޯޅަ ދަނޑުގައި ރާއްޖޭގެ އަންހެން ޓީމުން ކުޅުނު މެޗަކީ ގަތަރާ ދެކޮޅަށް ކުޅުނު އެކުވެރި ކަމުގެ މެޗެވެ. އެފަހަރު ކުޅުނު ދެމެޗުންވެސް ގައުމީ ޓީމު މޮޅުވި އިރު، މިރޭގެ މެޗަކީ ސީޝެލްސްއާ ދެކޮޅަށް ރާއްޖެއިން ކުޅެން އޮތް ދެމެޗުގެ ތެރެއިން ފުރަތަމަ މެޗެވެ.
މިފަހަރުގެ އެކުވެރިކަމުގެ މެޗުތަކުގެ ތެރެއިން ދެވަނަ މެޗުގައި އަންނަ ބުރާސްފަތި ދުވަހުގެރޭ ސީޝެލްސްއާ ދެކޮޅަށް ގައުމީ އަންހެން ޓީމުން އިތުރު މެޗެއް ކުޅޭ އިރު، އަންނަ ހަފުތާގެ ބުރާސްފަތި ދުވަހު ސައުދީ އަރަބިއްޔާއާ ދެކޮޅަށްވެސް އަންހެން ޓީމު އެކުވެރިކަމުގެ މެޗެއް ކުޅޭނެއެވެ.
މިރޭގެ މެޗަކީ ގައުމީ އަންހެން ޓީމުގެ ކޯޗަކަށް ދާދި ފަހުން ހަމަޖެއްސި ސާބިއާގެ ކޯޗު ޑޭވޯ ބާބާގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެެޗެވެ.
މެޗަށް ބޮޑަށް އެޓޭކިން ވިސްނުމެއްގައި ނުކުތީ ސީޝެލްސްއެވެ. ހައި ޕްރެސްގައި އެ ޓީމުން މެޗު ފެށި ނަމަވެސް ކައުންޓާ އެޓޭކްގައި ފައިދާ ނެގީ ރާއްޖެއެވެ. ސީޝެލްސްގެ ފަހަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ދިހަވަނަ މިނެޓުގައި ރާއްޖެއިން ލީޑު ނެގިއެވެ. އޭރިއާ ރޮނގު ކައިރިން ސީޝެލްސް ޑިފެންސް އަތުން ބޯޅަ ހޯދައި، ނޫރާ ފޮނުވާލި ބޯޅަ ވައްދާލީ ތިރީ ކަނަށެވެ.
އެ ގޯލާއެކު ރާއްޖެއިން ކުރިއަށް ޖެހި ހަމަލާތަކަށް މަސައްކަތް ކުރި އިރު، ފާތިމަތު ތީބާއާއި ފާތުމަތު ޝާލިއާގެ ހަމަލާތައް ފާހަގަވެގެން ދިޔައެވެ. އޭގެ ތެރެއިން ގިނަ ހަމަލާތަކެއް ކޯނަރުތަކުން ފަހިކުރިކަން ފާހަވިއެވެ. ދެ ވަނަ ހާފު ފަށައިގެންވެސް ރާއްޖެއިން ނުރައްކާ ކުރިއެވެ. އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމުން ޝާލިޔާ ފޮނުވާލި ބޯޅައިގެ އިތުރުން މަރިޔަމް ރިފާއަށް ލިބުނު ފުރުސަތު ފާހަގަވިއެވެ.
ސީޝެލްސްއަށް ގޯލެއް ޖަހަން އެންމެ ހުސް ފުރުސަތެއް ލިބުނީ އެޓީމްގެ ފޯވާޑް ނަތާޝާ ބިބީ އަށެވެ. ބޯޅައާއެކު އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ރާއްޖޭގެ ކީޕަރު އަދި ކެޕްޓަން، އާމިނަތު ލީޒާ ވަނީ ހުޝިޔާރުކަމާ އެ ބޯޅަ މަތަކޮށްފައެވެ. ސީޝެލްސްގެ ފޯވާޑް ނަތާޝާއަށް މެޗުގެ 78 ވަނަ މިނެޓުގައި ވެސް ރަނގަޅު ފުރުސަތެއް ލިބުނެވެ. ރާއްޖޭގެ ތީބާގެ ފައިގައި ޖެހިފައި އޭރިއާތެރެއިން ހުސްކޮށް ލިބުނު ބޯޅަ ނަތާޝާ ފޮނުވާލުމުން ގޯލާ އަމާޒެއް ނުވިއެވެ.
މިރޭގެ މެޗު ފެށުމުގެ ކުރިން އެފްއޭއެމްގެ ފަރާތުން ވަނީ މައިލޯގެ ފަރާތުން ރާއްޖެއަށް ކަނޑައަޅާފައިވާ އެންމެ އިސް ފަރާތެއްގެ ގޮތުގައި ހުރެ، ދިޝާން ވިޖަޔަވަރްދަނާ ފުޓްބޯޅައަށް ކޮށްދެއްވި މުހިންމު މަސައްކަތްތަކުގެ އަގުވަޒަންކޮށް ހާއްސަ ޖާޒީއަކާއި ތާރީހީ ރަމްޒެއް އަރުވައިފައެވެ. މައިލޯއަކީ އެފްއޭއެމްގެ އެންމެ ގާތް އެއް ޕާޓްނަރެވެ.
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު