ޚަބަރު

މީގެ ފަހުން ރޭޕާއި ޖިންސީ އަނިޔާގެ މައްސަލަތައް ކާމިޔާބު ކުރަން ފަސޭހަވާނެ: ޝަމީމް

އިބްރާހިމް ޒަކީ

1

މީގެފަހުން، ރޭޕާއި ޖިންސީ އަނިޔާގެ މައްސަލަތައް ކޯޓުތަކުގައި ކާމިޔާބުކުރަން އިތުރަށް ފަސޭހަވާނެ ކަމަށް ޕްރޮސިކިއުޓާޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު ވިދާޅުވެއްޖެއެވެ.

ޝަމީމް މިހެން ވިދާޅުވީ ދުބާއީގައި ހުންނަ ޖުމޭރާ ކުންފުނީގެ ސޭލްސްއެންޑް މާކެޓިން ޑައިރެކްޓަރުގެ މަގާމުގައި ހުރި ކޮރެއާ އަންހެން މުވައްޒަފަކު ރާއްޖެ އައިސް ރިސޯޓެއްގައި ހުއްޓައި އޭނާ ރޭޕްކުރި މައްސަލަ ނ. މަނަދޫ ދިލްބަހާރުގޭ މުހައްމައު ނިޔާޒުގެ މައްޗަށް ސާބިތުވާކަމަަށް ހައިކޯޓުން ކުރި ހުކުމް ދެމަހެއްޓުމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރުމާ ގުޅިގެންނެވެ.

ޝަމީމް ވިދާޅުވީ ޑީއެންއޭ ހެކި ބަލައިގަތުމާބެހޭ މުހިންމު އުސޫލުތަކެއް އެ ހުކުމުގައި ކަނޑައަޅާފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ރޭޕާއި ޖިންސީ އަނިޔާގެ މައްސަލަތައް ކާމިޔާބުކުރަން އިތުރަށް ފަސޭހަވާނެ ކަމަށް ޝަމީމު ވަނީ ވިދާޅުވެފައެވެ.

މިއީ ހެކި ނެތް ކަމަށްބުނެ ކުރިމިނަލް ކޯޓުން ބޭރުކޮށްލި މައްސަލައެކެވެ.

ނަމަވެސް ޕީޖީގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ނިޔާޒުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައެޅީ އެ އަންހެން މީހާގެ ޖިންސީ ގުނަވަނުން، ނިޔާޒުގެ ޑީއެންއޭ ސްވޮބްއެއް ފެނިފައިވުމާ ގުޅިގެންނެވެ.

ހައިކޯޓުން ކުރި ހުކުމާމެދު ހިތްހަމަ ނުޖެހިގެން ނިޔާޒުގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިނާފު ކުރިއިރު، ބުނެފައި ވަނީ އޭނާގެ ޑީއެންއޭ ރިޕޯޓަކީ ގާނޫނާ ހިލާފަށް ހޯދާފައިވާ ހެއްކެއް ކަމަށާއި އެ ރިޕޯޓަކީ މައުލޫއީ ގޮތުން ޝައްކުތަކެއް އުފެދިފައިވާ ރިޕޯޓެއް ކަމަށެވެ.

ނަމަވެސް ފަނޑީޔާރު ހުސްނުސުއޫދުގެ ރައުޔަށް، ފަނޑިޔާރު ޑރ.އަޒްމިރާލްދާ ޒާހިރާއި ފަނޑީޔާރު މަހާޒު އަލީ ޒާހިރު ތާއީދުކޮށް ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ ޖިންސީ ކުށުގެ ޝިކާރައަކަށްވެ، އަނިޔާ ލިބިފައިވާ އަންހެނާގެ ހެކިބަހުގެ މައްޗަށް ބުރަވެ، އެފަދަ މެޑިކަލް ނުވަތަ ސައިންޓިފިކް ހެކި ހުރެއްޖެނަމަ ނުވަތަ އެ ހެއްކަށް ބާރުދޭ އެހެނިހެން ގަރީނާ ހުރެއްޖެނަމަ، ރޭޕްގެ ކުށް ސާބިތު ކުރުމަށް ފުދޭ ކަމަށެވެ.

މި މައްސަލައިގެ ހުކުމް އިއްވުމުގައި ކީރިތި ރަސޫލާގެ ހަދީސް ބަސްފުޅުތަކަށް ވެސް ވަނީ ރިއާޔަތް ކުރައްވައިފައެވެ.

އެގޮތުން ރައުޔުގައި ފަނޑިޔާރު ސުއޫދު ވިދާޅުވީ ކީރިތި ރަސޫލާގެ ދުވަސްވަރު އަންހެނަކު ނަމާދަށް ދަނިކޮށް އަނދިރި ކަމުގެ ތެރޭގައި ގަދަކަމުން ފިރިހެނަކު އޭނާއާ ޒިނޭ ކުރުމަށްފަހު ދުވެފިލި ކަމަށެވެ. އަދި އެފިރިހެން މީހާ ހޯދައިގެން އަނިޔާ ލިބުނު އަންހެންމީހާގެ ގާތަށް ގެނައުމުން، އަންހެން މީހާގެ ބަހާއި ދެން ހުރި ހެކިތަކަށް ކީރިތި ރަސޫލާ ބުރަވެވަޑައިގެން އެ ފިރިހެން މީހާ ރަޖަމް ކުރަން އަމުރު ކުރެއްވި ކަމަށް ސުއޫދު ވިދާޅުވިއެވެ.

ފަނޑިޔާރު ސުއޫދު ވިދާޅުވީ އެހާދިސާ އިލްމުވެރިން ބޭނުންކުރަނީ އަންހެން މީހާ ބުނާ ބުނުމުގެ މައްޗަށް އިތުރު ގަރީނާ ހުރެއްޖެނަމަ ރޭޕްގެ ކުށް ސާބިތުވާނެ ކަމުގެ ދަލީލު ދެއްކެވުމަށް ކަމަށެވެ. ކީރިތި ރަސޫލާގެ ހުކުމް ބިނާވަނީ އެ ފިރިހެން މީހާ ހަނު ހުރުމާއި އެތަނުގައި ތިބި މީހުން އޭނާ ހައްޔަރު ކުރުމުން ލިބުނު ގަރީނާއަށާއި އަނިޔާ ލިބުނު އަންހެނާގެ ހެކިބަހުގެ މައްޗަށް ބިނާކޮށް ކަމަށް އިލްމުވެރިން ވިދާޅުވާ ކަމަށްވެސް ސުއޫދު ވިދާޅުވިއެވެ.

އެ ހާދިސާތަކަށް ރިއާޔަތް ކުރައްވައި ހުސްނުއްސުއޫދު ވިދާޅުވީ ޖިންސީ ކުށްތަކަކީ އަނދިރީގައި ނުވަތަ ސިއްރުން ކުރާ ކުށްތަކަކަށް ވުމުން އެހެން މައްސަލަތަކާ ހިލާފަށް ހެކި ވަޒަންކުރުމުގައި ލުއި މިންގަނޑެއް ގެންގުޅެން ޖެހޭ ކަމަށެވެ. އަދި އަނިޔާ ލިބުނު ފަރާތުގެ ހެކިބަހާއި އެހެނިހެން ހެކިތައް ގުޅުވާލެވޭނަމަ ސާބިތުވާނެ ކަމަށް ކަނޑައެޅޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ރޭޕް ކުރުމުގެ މައްސަލައެއްގައި ރޭޕް ކުރުމުގެ ތުހުމަތު އުފެދިފައިވާ ހާލަތުގައި އަނިޔާ ލިބުނު ފަރާތުގެ ނިންސީ ގުނަވަނުގެ ތެރެއިން ރޭޕްގެ އަމަލު ހިންގި ފަރާތުގެ ޑީއެންއޭ ފެންނަ ހާލަތުގައި އެ ޑީއެންއޭ ހެކި ކޮރޮބޮރޭޓް ކުރުމަށް މޯޓިވްއެއް އޮތްކަމަށް ދައްކައިދޭ ގަރީނާ އާއި ކުށް ކުރުމަށް ފުރުސަތު ލިބިފައި އޮތްކަމުގެ ގަރީނާ އާއި ރުހުން ނެތްކަން އެނގޭނެ ގަރީނާއެއް އޮތްނަމަ ޑީއެންއޭ ހެކީގެ މައްޗަށް ބަލައި މުއްތަހަމުގެ މައްޗަށް ރޭޕް ކުރުމުގެ ކުށް ސާބިތު ކުރުމަށް ފުދޭނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

އެކަންތައްތަކަށް ބަލައި، ކޮރިޔާ އަންހެން މުވައްޒަފުގެ ޖިންސީ ގުނަވަނުން ނިޔާޒުގެ ޑީއެންއޭ ފެނިފައިވާ ކަމަށް ދައްކާ ރިޕޯޓް، ހެކި ނަފީކުރެވޭ ވަރުގެ އޮއްޓަރެއް ދިފާއުން ހުށަހަޅާފައި ނުވާ ކަމަށް ވިދާޅުވެ، ރޭޕް ކުރުމުގެ ކުށް ނިޔާޒުގެ މައްޗަށް ސާބިރުވާކަމަށް ކަނޑައަޅައި 15 އަހަރުގެ މުއްދަތަށް އޭނާ ޖަލަށްލުމަށް ހައިކޯޓުން ކުރި ހުކުމަށް ބަދަލު ގެންނަންނުޖެހޭ ކަމަށް ސުޕްރީމް ކޯޓުން މިއަދު ވަނީ ހުކުމް ކޮށްފައެވެ.