ޕާޓީއާއި ސަރުކާރާއި ޕާޓީއާއި މެންބަރުން ގުޅުވައިދޭނެ އެންމެ ރަނގަޅު ފާލަމަކީ އޭނާ ކަމަށް، އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމަށް ވާދަކުރައްވާ، މިހާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

"ވަން" އަށް މިއަދު ދެއްވި ހާއްސަ އިންޓަވިއުއެއްގައި ފައްޔާޒް ވިދާޅުވީ، އެމްޑީޕީ ވެރިކަމުގައި އޮންނަ އިރު އެންމެ މުހިންމު އެއް ކަމަކީ، ޕާޓީގެ މެންބަރުންނާއި ޕާޓީ ސަރުކާރާ ގުޅުވައިދޭނެ ފާލަމެއް އޮތުން ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެމްޑީޕީގެ މެންބަރުންނަކީ މުޅި ރާއްޖެއަށް ފައިދާ ހުންނަ ކަންކަމަށް އިސްކަން ދޭ ބައެއްކަން ފާހަގަކުރައްވައި ފައްޔާޒް ވިދާޅުވީ، އެޕާޓީން ރާއްޖޭގައި ގާއިމުކޮށްފައިވާ، ސިޔާސަތު ތަކަކީ މެންބަރުންނާ ހަމައިން އުފަންވެގެން އައިސްފައިވާ ކަންކަން ކަމަށެވެ.

އެހެން ކަމުން އެއްވެސް ހުރަހެއް ނެތި، މެދުކެނޑުމެއް ނެތި އެމެންބަރުންގެ ބަސް، އެމެންބަރުންގެ ވާހަކަތައް ޕާޓީއާއި ހަމަޔަށް އަދި ސަރުކާރު ތެރެޔަށް ގެންދެވޭނެ ފަސޭހަ މަގެއް އޮންނަން ޖެހޭ ކަމަށެވެ. އެއީ ރާއްޖޭގެ ގައުމީ ތަރައްގީއާއި އެމްޑީޕީން ބޭނުންވާ ހެޔޮ ވެރިކަމަށްޓަކައި ކޮންމެހެންވެސް ބޭނުންތެރި ކަމެއް ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ސަރުކާރާއި ޕާޓީ އެކުވެގެން، ރަށްރަށުގައި ވެސް ޕާޓީގެ ހަރަކާތްތައް ހިންގަން އެބަ ޖެހޭ ކަމަށާއި ޕާޓީއާއި ޕާޓީގެ ދާއިރާތަކާވެސް ގުޅުން މިހާރު އޮތީ ފަނޑުވެފައި ކަމަށް ފައްޔާޒް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑު ސަރުކާރު ތެރޭގައިވެސް މަގާމެއް އަދާކުރަމުން ދާތީ، ޕާޓީއާއި ސަރުކާރާއި ޕާޓީއާއި މެންބަރުންނާ އޮތް ގުޅުން ވަރުގަދަކުރުމުގެ އަދި ހުރި މައްސަލަތައް ހައްލުކުރުމުގައި އަޅުގަނޑަށް ވަރަށް ރަނގަޅު ރޯލެއް ކުޅެވޭނެ. އަޅުގަނޑު ސަރުކާރު ތެރޭގައި ހުރީމަ ސަރުކާރާ ހިސާބަށް އެކަންތައްތައް ގެންދިއުމަށް ވަރަށް ބޮޑަށް މަގުފަހިވެގެން އެބަދޭ. އަޅުގަނޑަކީ އެކަންކަމަށް އޮތް ރަނގަޅު ފާލަމެއް." ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް އިތުރަށް ވިދާޅުވީ 2023 ގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް ޕާޓީ ވަރަށް ބޮޑަށް އެކްޓިވް ވާން ޖެހޭނެ ކަމަށާއި ޕާޓީ ތެރޭގައި ހުރި ހިޔާލުތަފާތުވުންތައް ވީ އެންމެ ބޮޑަކަށް އެއްގޮތްކުރާން ޖެހޭނެ ކަމަށެވެ. އަދި ހިޔާލު އެއްގޮތް ނުވާ ކަންތައްތަކުގައިވެސް އެއްބަސް ވެވޭ ގޮތަކަށް ކުރިޔަށް ދެވޭނެ މަގުތައް ހޯދަން އެބަޖެހޭ ކަމަށް ވިދާޅުވި އެވެ.

"އެހެން ނޫނިއްޔާ އަޅުގަނޑުމެންގެ މެންބަރުން، ރައްޔިތުން، ރާއްޖެ ގެންދާން މި ބޭނުންވާ ހިސާބަށް ގެންދިއުމުގައި ގޮންޖެހުންތަކެއް ހުންނާނެ." ފައްޔާޒް ވިދާޅުވި އެވެ.