ދެހާސް ސަތާރަ ވަނަ އަހަރު އަހަރު މާލޭގައި އައިއީޑީއެއް ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ޝަރީއަތް ސިއްރު ނުކުރުމަށް ދައުލަތުން އެދިއްޖެއެވެ.
އައިއީޑީއެއް ތައްޔާރުކުރުމަށް ބޭނުންވާ ތަކެއްޗާއި ކެމިކަލް ތައްޔާރުކޮށް ބޮމެއް ހަދައި އެ ގޮއްވާލުމަށް ރާވަމުންދާކަމުގެ ތުހުމަތުގައި ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާ އުފުލާފައިވަނީ ގދ. މަޑަވެލީ ގަމަރީ، އިއުތިސާމް މުހައްމަދު ސައީދާއި ހއ. ހޯރަފުށީ ވިދުވަރު، ނާސިއު މުހައްމަދާއި ހދ. ނާވައިދޫ ރިވެލި، ޝިމާން ޝަރީފު އަދި ހއ. ހޯރަފުށީ އަލަނާސިގޭ، މުހައްމަދު ތަސްލީމްގެ މައްޗަށެވެ.
އެ މައްސަލައިގައި އެ މީހުން ހައްޔަރުކޮށްފައިވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހުއެވެ. އަދި އެއަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި އެ މީހުންގެ މައްޗަށް ދައުލަތުން ވަނީ ދައުވާ އުފުލައިފައެވެ.
ދައުލަތުން އެ މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި އެދިފައިވަނީ މައްސަލަ ސިއްރުކޮށްގެން ކުރިއަށް ގެންދިޔުމަށެވެ. ނަމަވެސް މިއަދު ކުރިމިނަލް ކޯޓުގައި އޮތް އެ މައްސަލައިގެ އަޑުއެހުމުގައި ދައުލަތުން އެދުނީ އެ މައްސަލަ އެއްކޮށް ސިއްރުކޮށްގެން ކުރިއަށް ގެންދިޔުމުގެ ބަދަލުގައި ސިއްރު ހެކިންގެ ހެކިބަސް ނެގުމުގެ ބައި އެކަނި ސިއްރު ކޮށްގެން ކުރިއަށް ގެންދިއުމަށެވެ.
ދައުވާލިބޭ ތަސްލީމްއަށް މީގެ ކުރިން ވަކީލަކު ހަމަޖައްސަންދިން ފުރުސަތުގައި ވެސް ވަކީލަކު ހަމަޖައްސާފައި ނުވުމުން މިއަދު ޝަރީއަތުން ވަނީ އޭނާއަށް ވަކީލަކު ހަމަޖެއްސުމުގެ ފަހު ފުރުސަތު ދެއްވައިފައެވެ.
މައްސަލައިގައި ހިމެނޭ ޝިމާން ޝަރީފުގެ ވަކީލު ކޯޓަށް ހާޒިރުވެފައެއްނުވެއެވެ. ވަކީލަކާއެކު ކޯޓަށް ހާޒިރުވެފައިވަނީ އިއުތިސާމު އާއި ނާސިއު އެވެ.
ދައުވާލިބޭ މީހުންގެ މައްސަލަ ވަކީލުން ކުރިއަށް ގެންދަން ފެނިވަޑައިނުގަންނަވާތީ މައްސަލަ ބައްލަވާ ގާޒީ ވަނީ އަޑުއެހުން ނިންމާލައިފައެވެ. ދެން މި މައްސަލައިގައި އަޑުއެހުމެއް އޮންނަނީ އަންނަ މަހުގެ އެއް ވަނަ ދުވަހުއެވެ.
މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު