މަސްތުވާތަކެތި ޓްރެފިކު ކުރުމުގެ މައްސަލައެއްގައި ހިމެނޭ ބައެއްގެ މައްޗަށް ދައުލަތުންކުރި މަނީ ލޯންޑަރިންގެ ދައުވާއަށް، ދައުވާ ލިބޭ މީހުން އިންކާރުކޮށްފިއެވެ.

މަސްތުވާތަކެތި ޓްރެފިކްކުރުމާއި މަނީ ލޯންޑަރިންގެ ދައުވާ ކޮށްފައިވަނީ ހަތަރު މީހަކަށެވެ. އެ ހަތަރު މީހުންނަކީ، ކ. މާލެ، މއ. ހަސްލަތު، ޝާނިޔާ އިބްރާހީމު، ތ. ތިމަރަފުށި، ވައިޓްރޯސް، އިސްމާއިލް ޝަރީފު، ހުޅުމާލެ. ފްލެޓް ނަންބަރު 01-ޖީ-45 ހުޅުމާލެ، ހަސަން ރަޝީދު އަދި ގދ. ތިނަދޫ، ރަންގަލް، ހަސަން ލޫތުއެވެ.

މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ބޭނުންކޮށް، ގެންގުޅެ އަދި އެތަކެތި ޓްރެފިކު ކުރާކަމަށް ތުހުމަތުކުރެވުނު މައްސަލައެކެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ މާލޭގެ ހަތަރު ގެއެއް ބަލައިފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފައެވެ. އެ މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ދައުވާ އުފުލާފައިވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ 18 ވަނަ ދުވަހުއެވެ. ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފައިވަނީ އެއީ މަސްތުވާތަކެތި ޓްރެފިކު ކުރި މައްސަލައަކާ ގުޅިގެން މަނީ ލޯންޑަރިންގެ ދައުވާކުރަން ކޯޓަށް ފޮނުވި ފުރަތަމަ ފަހަރު ކަމަށެވެ.

އެ މައްސަލައިގައި މިއަދު ކުރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތަކީ ދައުވާ އިއްވުމަށާއި ދައުވާއަށް ޖަވާބުދާރީވުމަށް ބޭއްވި އަޑުއެހުމެކެވެ. އެ ހަތަރު މީހުން ވެސް ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ.

ދައުވާލިބޭ އިސްމާއީލް ޝަރީފުގެ ދިފާއީ ވަކީލު އިސްމާއީލް މުހައްމަދު ވިދާޅުވީ، ދައުވާ ސާފުވާ ކަމަށާއި އޭނާގެ މުވައްކިލު ދައުވާއަށް އިންކާރުކުރާ ކަމަށާއި މަސްތުވާތަކެތި ޓްރެފިކްކުރުމުގެ އަމަލެއް އޭނާގެ މުވައްކިލު ނުކުރާ ކަމަށެވެ.

ޙަސަން ރަޝީދުގެ ވަކީލު އަލީ ޝާހު ވިދާޅުވީ، ދައުވާ ސާފު ނުވާ ކަމަށެވެ. އެގޮތަށް ޝާހު ވިދާޅުވުމުން ދައުލަތުން ވަނީ ސާފުނުވަނީ ކޮންކަމެއްތޯ ދިފާއުއާ ސުވާލުކުރައްވައިފައެވެ. ޖަވާބުގައި ޝާހު ވިދާޅުވީ، މަސްތުވާތެކެތި ފެނުނު މ. ރޭއަލިވާ ގެސްޓު ހައުސް އާއި ހަސަން ރަޝިދުއާ އޮންނަ ގުޅުން ދައުވާގައި ސާފުކޮށްދީފައި ނުވާ ކަމަށެވެ. އެ ވާހަކަތަކާ ގުޅިގެން ދައުލަތުން ވިދާޅުވީ ދައުވާގައި މަސްތުވާތަކެތި ފެނުނު ތަނާއި ދައުވާކުރާ މީހާއާ އޮންނަ ގުޅުން ދައުވާ އިއްވާ މަރުހަލާގައި ސާފުކޮށްދެއްވަން ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. ނަމަވެސް އެ ގެސްޓުހައުސްއިން ފެނުނު މަސްތުވާތަކެއްޗާ ހަސަން ރަޝީދުއާ ގުޅޭގޮތް ހުށަހަޅާފައިވާނެ ކަމަށެވެ. އެގޮތުން އެ މަސްތުވާތަކެތިން ހަސަން ރަޝީދުގެ އިނގިލީގެ ނިޝާން ފެނިފައިވާކަމަށް ދައުލަތުން ވިދާޅުވިއެވެ.

ދައުލަތުން ވިދާޅުވީ މިއީ ރޭވިގެން ވަކި ގެއެއްގައި މަސްތުވާތަކެތި ޕެކްކޮށް، އެހެން ގެއެއްގައި އެތަކެތި ވިއްކަމުން ދިޔަ މައްސަލައެއް ކަމަށްވާއިރު، އެކަމުގައި ހަސަން ރަޝީދުގެ ބައިވެރިވުން އޮތްކަން އެނގޭނެ ހެކި ވެސް ދައުލަތުން ހުށައަޅާފައިވާނެ ކަމަށެވެ. ދައުލަތުން ވާހަކަ ދައްކައި ނިމުމުން ގާޒީ ވަނީ ދައުވާ ސާފުކޮށްދޭން ގާނޫނުގައި ބުނާ މިންވަރަށް ދައުލަތުން ސާފުކޮށްދީފި ކަމަށާއި އެހެންކަމުން ހަސަން ރަޝީދުގެ ފަރާތުން ދައުވާއަށް ޖަވާބުދާރީވުމަށް އަންގާ ކަމަށެވެ. ގާޒީގެ އެގޮތަށް އެންގެވުމުން ޝާހު ވިދާޅުވީ އޭނާގެ މުވައްކިލު މަސްތުވާތަކެތި ޓްރެފިކްކުރިކަމުގެ ދައުވާއަށް އިންކާރުކުރާ ކަމަށެވެ.

ހަސަން ލޫތުގެ މައްޗަށް ދައުވާ އިއްވުމުން ވަކީލު ޝާހު ވިދާޅުވީ ދައުވާ ސާފުވާ ކަމަށާއި އަދި ދައުވާއަށް އިންކާރުކުރާ ކަމަށެވެ. ތިން މީހުން ވެސް ދައުވާއަށް އިންކާރުކުރުމުން ގާޒީ ވަނީ ދިފާއުގައި ހެކި ހުށަހެޅުމަށް މުއްދަތެއް ދީފައެވެ.

އެއަށްފަހު ކުރިއަށް ގެންދިޔައީ މަނީ ލޯންޑަރިންގެ ދައުވާ އިއްވުމުގެބައެވެ. މަނީ ލޯންޑަރިންގެ ދައުވާއަށް ވެސް އެ ހުރިހާ މީހުން ވަނީ އިންކާރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ ޝާނިޔާ އިބްރާހީމު އާއި އިސްމާއިލް ޝަރީފަކީ ދެމަފިރިންނެވެ. މި މައްސަލައިގައި އެހެން މީހެއްކަމަށްވާ ރާމިޒާއަކީ ލޫތުގެ އަންހެނުންނެވެ. ރާމިޒާގެ ބައި ކުރިއަށް ގެންދަނީ ވަކިންނެވެ. ރާމިޒާގެ މައްޗަށް ވެސް ކުރަނީ މަސްތުވާތަކެތި ޓްރެފިކްކުރުމާއި މަނީ ލޯންޑަރިންގެ ދައުވާއެވެ.

މި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މިމަހުގެ ހަތް ވަނަ ދުވަހުއެވެ. އެ އަޑުއެހުމުގައި ދިފާއީ ވަކީލުން ވަނީ މުވައްކިލުންނަށް ފުލުހުން އަނިޔާކުރި މައްސަލަ އާއި ޖަލު ބަންދުގައި ހުރުމުން މުވައްކިލުންގެ ބޭސް ފަރުވާއަށް ހުރަސް އެޅެމުންދާކަން ފާހަގަކުރައްވައިފައެވެ. އަދި ކަރެކްޝަން ސާވިސް ބޭސް ފަރުވާގެ ކަންކަމުގައި އިހުމާލުވަމުންދާކަން ވެސް ފާހަގަކުރައްވައިފައެވެ. ނަމަވެސް ގާޒީ އެކަންކަމަށް ގޮތެއް ކަނޑައަޅުއްވައިފައެއްނުވެއެވެ.

އެ އަޑުއެހުމުގައި ދައުވާ އިއްވައި ދައުވާއަށް ޖަވާބުދާރީވުން ވެސް ކުރިއަށް ގެންދިޔައެވެ. ނަމަވެސް ވަކީލު ޝާހުގެ މުވައްކިލުން ދައުވާއަށް އިންކާރުކުރާ ސަބަބު ސާފުކޮށްދޭން ވަގުތު ބޭނުންވާތީ ވަނީ 15 ދުވަހުގެ މުއްދަތެއްދީފައެވެ. އެހެންވެ އެ ދުވަހު ހެކި ހާމަ ކުރުމުގެ މަރުހަލާ ކުރިއަށް ގެންދަން ނިންމާފައިވިޔަސް އެކަން ކުރިއަށް ގެންދެވިފައެއްނުވެއެވެ.

މި މައްސަލަ ބައްލަވަނީ ގާޒީ އިސްމާއީލް ޝަފީއުއެވެ.