ރޫޓް ފިހާރައިގެ ފައިސާ ފޭރިގަންނަން މަސައްކަތްކުރި ހަތަރު މީހުން ކުށަށް އިއުތިރާފުވެއްޖެއެވެ.
ރޫޓް ފިހާރައިގެ ފައިސާ ފޭރުނު މައްސަލައިގައި ދައުލަތުން ވަނީ ފަސް މީހެއްގެ މައްޗަށް ދައުވާކޮށްފައެވެ. އެ މައްސަލައިގައި ހައްޔަރުކުރީ ލ.ގަން ތުނޑި، ކީމިޔާގެ އަބްދުﷲ ރާޝިދު، ގއ. ވިލިގިނލި، ކާނިރުމާގެ، މުހައްމަދު މުސްއަބު ޒުބައިރު، މާލެ ދަފްތަރު ނަމްބަރު ރސ 3678 ހުސެއިން އަބްދުލް މަޖީދު މާލެ ވ. ޕިންކުވިލާ އަހުމަދު އަމީރުގެ މައްޗަށް ދައުލަތުން ވަނީ ގާނޫނުލްއުގޫބާތުގެ ދަށުން ފޭރުމުގެ ކުށުގެ ދައުވާކޮށްފައެވެ. ރ. ރަސްމާދޫ، އޯކިޑްމާގެ މުހައްމަދު އަޒްމީންގެ މައްޗަށް ގާނޫނުލްއުގޫބާތުގެ ދަށުން ވަނީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ކޮށްފައެވެ.
އެ ފަސް މީހުންގެ މައްޗަށް ދައުވާ އުފުލާފައިވަނީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ މީޑިއާ އޮފިޝަލު އަދި ޕަބްލިކް ޕްރޮސެކިއުޓާ ޝަފީއު އަހުމަދު "ވަން" އަށް މިއަދު ވިދާޅުވީ 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހު ރޫޓް ފިހާރައިގެ ފަރާތުން ބޭންކް އޮފް ސިލޯންށް ޖަމާކުރުމަށްޓަކައި ގެންދިޔަ ހަތަރު މިލިއަނަށްވުރެ ގިނަ ފައިސާ ޖަމާއަތް ހަދައިގެން ނުވަތަ ގްރޫޕު ހަދައިގެން ފައިސާ ގެންދިޔަ ފަރާތްތަކަށް ބިރު ދެއްކުމަށްފަހު އެ ފައިސާ އަޅާފައި ހުރި ފޮށިގަނޑު ފޭރުނު މައްސަލައިގައި ދައުވާ އުފުލާފައިވާ ހަތަރު މީހަކު ކުށަށް އިއުތިރާފުވެފައިވާ ކަމަށެވެ.
ކުށަށް އިއުތިރާފުވެފައިވަނީ އަބްދުﷲ ރާޝިދު، މުހައްމަދު މުސްއަބު ޒުބައިރު، ހުސެއިން އަބްދުލް މަޖީދު އަދި އަހުމަދު އަމީރު އެވެ. ޝަފީއު ވިދާޅުވީ އެ ހަތަރު މީހުން ކުށަށް އިއުތިރާފުވުމުން އަވަސް ނިޔާގެ ގޮތުގައި ހަމަ އިއްޔެ މައްސަލަބަލައި ކުށް ސާބިތުވާކަމަށް ކޯޓުން ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެ މީހުންނަށް ހުކުމް އިއްވުން މިމަހުގެ 20 ވަނަ ދުވަހަށް ތާވަލުކޮށްފައިވާ ކަމަށެވެ.
"އިއުތިރާފުވުމާ ގުޅިގެން ހަމަ އިއްޔެ އަވަސް ނިޔާގެ އަޑުއެހުން ބޭއްވުނު، އެ އަޑުއެހުމުގައި ދައުވާއަށް ހަތަރު މީހުން އިއުތިރާފުވި، އިއުތިރާފުގެ މައްޗަށް މައްސަލަ ސާބިތުވާކަމަށް ނިންމެވި، ހުކުމްކުރުން 20 ފެބްރުއަރީ އަށް ތާވަލު ކުރެވިފަ" ޝަފީއު ވިދާޅުވިއެވެ.
ރޫޓް ފިހާރައިގެ ފައިސާ ފޭރިގަންނަން މަސައްކަތްކުރާ މަންޒަރު ފެންނަ ވީޑިއޯ ވަނީ ޝޯޝަލް މީޑިއާގައި އާންމުވެފައެވެ. އެ ވިޑިއޯއިން ފެންނަ ގޮތުގައި ފައިސާ ފޭރިގަންނަން މަސައްކަތްކުރީ ސައިކަލެއްގައި ދިޔަ ހަތަރު މީހުންނެވެ. އޭގެ ތެރެއިން ތިން މީހަކު ތިބީ ހެލްމެޓް އަޅައިގެންނެވެ. އަނެކަކު ހުރީ މާސްކެއް އަޅައިގެންނެވެ. ފައިސާ ފޭރެން މަސައްކަތް ކުރި އެ ވަގުތަކީ، އެ ސަރަހައްދުގެ ކާރުބާރު ބޮޑު، އަދި މީހުން ގިނަ އަދަދަކަށް ތިބި ވަގުތެއް ނަމަވެސް، ވީޑިއޯއިން ފެންނަ މަންޒަރުން، އާންމުންގެ ގިނަ ބަޔަކު އެކަމަށް މާބޮޑު ސަމާލުކަމެއް ނުދިން އެ ފޭރުން ހުއްޓުވީ ސިލޯން ބޭންކުގެ ސެކިއުރިޓީ ގާޑާއި ފައިސާ ގެންދިޔަ އަންހެން ކުއްޖާގެ މަސައްކަތުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު